3000 ވުރެ ގިނަ މީހުންނަށް މިއަދު ވެކްސިން ދީފި، ރެކޯޑް ޢަދަދެއް

3000 ވުރެ ގިނަ މީހުންނަށް މިއަދު ވެކްސިން ދީފި، ރެކޯޑް ޢަދަދެއް

Author
މުޙައްމަދު ޖިމީ
08 ފެބްރުއަރީ 2021 10:19
0

ރާއްޖޭގައި މިއަދު ރެކޯޑް ޢަދަދަކަށް ވެކްސިން ދީފިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ދެމުން އަންނަ ވެކްސިނާއި ގުޅޭގޮތުން އެޗްޕީއޭއިން ޢާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު ރާއްޖޭގައި ވަނީ 3،190 މީހަކަށް ވެކްސިން ދީފައެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ދިން 2،663 މީހަކާއި، އަތޮޅުތަކުގެ ރަށްތަކުން ވެކްސިން ދިން 527 މީހެކެވެ.

މިއީ ރާއްޖޭގައި ވެކްސިން ދޭން ފެށިފަހުން އެއް ދުވަހެއްގައި އެންމެ ގިނަ ޢަދަދަކަށް މީހުންނަށް ވެކްސިން ދިން ދުވަހެވެ.

މިއާއެކީ މިހާތަނަށް ރާއްޖޭގައި ވެކްސިން ދިން މީހުންގެ ޢަދަދު ވަނީ12،934 އަށް އަރާފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ދިން 10،626 މީހަކާއި، އަތޮޅުތަކުން ވެކްސިން ދިން 2،308 މީހެކެވެ.

ރާއްޖޭގައި ރަސްމީކޮށް ވެކްސިންދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގައެވެ. ރާއްޖެ މިވަގުތު ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއްގައި އޮތުމުގެ ސަބަބުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. އަދި ވެކްސިން ދެމުންގެންދާނީ ވެކްސިން ޖެހުމަށް ޚާއްސަ ޕޯޓަލްގައި ރަޖިސްޓްރީވަމުންދާ ފަރާތްތަކަށްކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

ރާއްޖޭގައި ދެމުން އަންނަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އަދި ވެކްސިން ޕްރޮގްރާމަށް ބޮޑު ތަރުހީބެއް އަންނަަކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ވެކްސިން ދިނުމުގައި ކުރީސަފުގައި މަސައްކަތްކުރާ މީހުންނަށް އިސްކަންދޭއިރު، އެކި ދާއިރާތަކުން ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނަށް އަންނަނީ ވެކްސިން ދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.