ނާޗަރަންގީ ޖަގަހަތަކަށް ވުރެ ޒުވާނުންނަށް މިއަދު ބޭނުންވަނީ އެކަށީގެންވާ ވަޒީފާގެ ފުރުޞަތުތަކާއި ހިތް ފަސޭހަ ދިރިއުޅުމާއި ބޯ ހިޔާވަހިކަމާއިއެކު ދިރިއުޅެން ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ މިއަދު މަޖިލީހަށް ހުށަހެޅި ޤަރާރާއި ގުޅިގެން ޑރ.ޝަހީމް ވިދާޅުވީ މިއީ މަޖާކޮށް، ލަވަކިޔައި ހީސަމާސަ ނުކުރެވިގެން އުޅޭ ވަގުތެއް ނޫންކަމަށެވެ. މިވަގުތަކީ ކޯވިޑް-19 އާއި އެކު ދިވެހި އެތަކެއް ޒުވާނުން މަގުމަތިވެ ބޯހިޔާވަހިކަމަށް އާދޭސް ކުރަމުންދާ ވަގުތެއްކަމަށެވެ. މިވަގުތު ދިވެހި ޒުވާނުންނަށް އެންމެ ބޭނުންވަނީ ވަޒީފާގެ ތަނަވަސް ފުރުސަތުތަކާއި ބޯހިޔާވަހިކަމުގެ ހިތްފަސޭހަ ކަމެއް ލިބުންކަމުގައި ޑރ.ޝަހީމް ވިދާޅުވިއެވެ.
ނާޗަރަންގީ ޖަގަހަތަކަށް ވުރެ ޒުވާނުންނަށް މިއަދު ބޭނުންވަނީ އެކަށީގެންވާ ވަޒީފާގެ ފުރުޞަތުތަކާއި ހިތް ފަސޭހަ ދިރިއުޅުމާއި ބޯ ހިޔާވަހިކަމާއި ހަރުދަނާ ޢާއިލާއެއް ބިނާކުރުމާއި އަބުރުވެރި ދިރިއުޅުން. ސިޔާސީ ލީޑަރުން އަމާޒު ހިފަންވީ ޒުވާނުންގެ މުސްތަޤުބަލު އުޖާލާކުރުމުގެ މައްޗަށް.
– ޑރ.ޝަހީމް ވިދާޅުވިއެވެ.
ޑރ.ޝަހީމް ވިދާޅުވީ ރާއްޖޭގެ އެތަކެއް ޒުވާނުން މަތީ ތައުލީމު ހާސިލްކޮށް ސެޓްފިކެޓުތަކާއިއެކުވެސް މިއަދުވެސް ވަޒީފާއެއް ނުލިބި މަގުމަތި ވެފައިވާކަމީ ފެންނަމުންދާ މަންޒަރުކަމަށެވެ. ދިވެހި ޒުވާނުންނަށް ބޭނުންވާ ވަޒީފާގެ ފުރުސަތު ތަނަވަސް ކުރުމަކީ ސަރުކާރުން ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަށްވާއިރު އެކަން ނުކޮށް ސިޔާސީ މަންފާއަށް ވަކި ކަންތައްތަކެއް ކުރުމަކީ އެކަމުން މުޖުތަމައުއަށް ފައިދާވާނެ ކަމެއްނޫންކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.
ނިކަން ބައްލަވާށެވެ. ޑިގްރީއާއި މަސްޓަރ ހަދާފަ ވަޒީފާ އެއް ނެތިގެން ޢާއިލާއާއި މައިންނަފައިންނަށް ދޭންޖެހޭ އެހީތެރިކަން ދެވެވޭނޭ ގޮތެއް ނުފެނި އެތައް ޒުވާނުން މަގުމަތިވެފައި އެބަތިބި. ވަޒީފާއަށްޓަކައި ސަލާން ޖަހަަންޖެހޭ ޙާލަތު ނެތިކޮށް ޒުވާނުންގެ އަތުގައި ހިފަންޖެހޭ. އަޅުގަނޑު އެދެނީ ނާޗަރަންގީ ޖަގަހަ ތަކާއި ނައިޓް ކްލަބްތަކުގެ ޝިކާރަ އަކަށް ޒުވާނުން ވިޔަ ނުދީ ޤައުމުގެ މުސްތަޤުބަލަށްޓަކައި ޒުވާނުންގެ ޝަޚުޞިއްޔަތު ބިނާކުރުން. ސިޔާސީ ލީޑަރުންނަށް ޤައުމަށް ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތަކީ އެއީ.
– ޑރ.ޝަހީމް ވިދާޅުވިއެވެ.
ޑޜ.ޝަހީމް މިފަދަ ގޮތަކަށް ވިދާޅުވެފައިވާއިރު، ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ގިނަ ބައެއްގެ ވަޒީފާ ގެއްލި އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކާއި ކުރިމަތިވަމުންދާއިރު، އެކަންކަމަށް އެކަށީގެންވާ އަވަސް ހައްލެއް ސަރުކާރުން ހޯދުމަށް މަސައްކަތް ނުކުރާކަމަށް އިދިކޮޅު ކޯލިޝަނުން ދަނީ ބުނަމުންނެވެ. އަދި ބޯހިޔާވަހިކަމާއި، ވަޒީފާއާއި، މިނޫންވެސް އާންމު މަސްލަހަތާއި ގުޅުންހުރި މުޖުތަމައުގެ އެންމެ މުހިންމު އަސާސީ ކަންކަން ފުއްދުމަށް ސަރުކާރު ނުކުުޅެދިފައިވާއިރު އިދިކޮޅުން ދަނީ މުޅި ރާއްޖޭގައި ސިލްސިލާ ގޮތެއްގައި މުޒާހަރާ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ