ދައްތަ ޝަހީން ބަޓް އާއި އެންމެ ގާތް އެކުވެރިޔާ އާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ބޮލީވުޑްގެ އަރަމުން އަންނަ ތަރި އާލިއާ ބަޓް އަންނަނީ ޗުއްޓީގެ ގިނަ ފޮޓޯތަކެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ފޭނުންނާ ހިއްސާކުރަމުންނެވެ.
އާލިއާ ރާއްޖޭގެ ރީތި ގޮޑުދޮށެއްގައި ނަގާފައިވާ ދެ ފޮޓޯ އިންސްޓަގްރާމަށް ޕޯސްޓްކޮށްފައި ވާއިރު އިންސްޓަގްރާމް ސްޓޯރީއަށްވެސް ބައެއް ފޮޓޯތައް ލާފައި ވެއެވެ. ނަމަވެސް އާލިއާއަށް ވުރެ ގިނަ ފޮޓޯ ހިއްސާކުރަމުން އަންނަނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އަކަންޝާ ރަންޖަން ކަޕޫރެވެ.
އަދި އާލިއާގެ ދައްތަ، ލިއުންތެރިޔާ ޝަހީން ބަޓް ވެސް އިންސްޓަގްރާމްގައި ދަތުރުގެ އެކިއެކި ފޮޓޯއާއި ވީޑިއޯ ގެންދާނީ ހިއްސާކުރަމުންނެވެ. މި އެންމެން މި ފަހަރު ޗުއްޓީ ހޭދަކުރަނީ ޝެވަލް ބްލޭންކް ރަންދެލި ރިސޯޓްގަ އެވެ.
އާލިއާ ޗުއްޓީ އަށް ރާއްޖެ އައިސްފައި މި ވަނީ އޭނާ މިހާރު މަސައްކަތްކުރަމުންގެންދާ ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޅީ" ގެ ޝޫޓިންގައި މެދުކަނޑާލުމަށް ފަހުއެވެ. އެ ފިލްމުގެ ޝޫޓިން މިހާރު ގާތްގަނޑަކަށް ނިމުމަކާ ވަނީ ގާތްވެފަ އެވެ.
މި ފިލްމުގެ އިތުރުން އާލިއާގެ ކުރިއަށްހުރި ފިލްމުތަކަށް ބަލާއިރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އާއި އަޔާން މުކަރްޖީގެ "ބްރަހަމަސްތުރާ" ހިމެނެ އެވެ. ކަރަންޖޯހަރް ޕްރޮޑިއުސްކުރާ "ބްރަހަމަސްތުރާ" ގައި އާލިއާ ފެންނާނީ ލޯބިވެރިޔާ ރަންބީރް ކަޕޫރާ އެކު އެވެ.
ރިޕޯޓްތައް ބުނާގޮތުގައި ރަންބީރާއި އާލިއާ މިއަހަރު ކައިވެނި ކުރުމަށް މިހާރު ގެންދަނީ ތައްޔާރުވަމުންނެވެ.
އާލިއާ އެންމެ ފަހުން ފެނިގެންދިޔައީ އޭނާގެ ބައްޕަ މަހޭޝް ބަޓްގެ ފިލްމު "ސަޅަކް 2″ އިން ނެވެ. ނަމަވެސް މި ފިލްމަކީ ބެލުންތެރިންގެ އެންމެ އެކަށޭނަ ސަޕޯޓެއް ލިބުނު ފިލްމެއް ނޫނެވެ.