އެމްޑީޕީ ގެނެސްދޭ އުންމީދު، ރިޔާސީ ބަޔާނުންވެސް ހާމަވެގެން ގޮސްފައިވާކަމަށް އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ކެންޕޭންގެ ސްޕޯސްޕާރސަން މުޙައްމަދު ސައިފް ފާތިޙް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައިފް ވިދާޅުވީ ރިޔާސީ ބަޔާނުން ގެނެސްދޭ އުންމީދަކީ ޒަރޫރީ ޚިދުމަތްތަކަށް ސަލާންޖަހާން ނުޖެހޭނެކަމުގެ އުންމީދުކަމަށެވެ. ވެކްސިންޖަހާ ކޯވިޑުން އަރައިގަނެ، ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމުގެ އުންމީދުކަމަށެވެ. އަދި ދަތިޙާލުގައި އަޅާލާ، އޯގާތެރިކަން ސަރުކާރުގެ ފުށުން ފެންނާނެކަމުގެ އުންމީދާއި، ވަޒީފާއާއި، މަތީ ތަޢުލީމާއި، ވިޔަފާރީގެ ފުރުސަތުތަކުގެ އުންމީދު، އަތޮޅުގައި ހުރެ ކެންސަރަށް ބޭސްކުރެވޭނެ ނުވަތަ ސީޓީ ސްކޭނެއް ހަދަން މާލެ އަންނަން މަޖުބޫރު ނުވާކަމުގެ އުންމީދުކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް އެމް.ޑީ.ޕީގެ ސިޔާސީ ވާދަވެރިން ދައްކާނެ އުންމީދެއް، ތަސައްވަރެއް، ބޮޑު މަންޒަރެއް، ދަތުރުކުރާނެ ވަކިމިވެނި މިސްރާބެއް، ސިޔާސަތެއް، އުސޫލެއް ނެތްކަމަށާއި، މެނިފެސްޓޯއެއް، އަދި މެނިފެސްޓޯއެއް އެމައްޗަށް ބިނާކުރާނެ، ސިޔާސީ ފަލްސަފާއެއް، އަގުތަކެއްވެސް ނެތްކަމަށް ރަށްވެހިފަތިސް ސްޕޯސްޕާރސަން ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ސިޔާސީ ވާދަވެރިން ކުރަމުންދާ ހަމައެކަނި ކަމަކީ ޝައްކާ ވަހުމު އުފެއްދުންކަމަށާއި، ކޮވިޑް19 ގެ ރައްކާތެރި ކަމުގެ މިންގަނޑުތަކަށް ފާޅުގައި ގޮންޖެހުމާއި، ވެކްސިނާ ދެކޮޅަށް އެފަރާތްތަކުން އުފުލަމުންދާ އަޑުން ނާއުންމީދުކަން މާބޮޑަށް ފެނި، ހާމަވާކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ލާމަރުކަޒީ ނިޒާމު ނުދަންނަކަމަށް ބުނެ، ކުޅުދުއްފުށި ސިޓީ ހުޅަނގު އުތުރު ދާއިރާއަށް ކުރިމަތިލައްވާފައި ހުންނެވި އިދިކޮޅު ކެންޑިޑޭޓް ނަންއަނބުރާ ގެންދެވީވެސް މިސަބަބުތަކަށްޓަކައިކަން ސައިފް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ލޯކަލް ކައުންސިލް އިންތިޚާބަށް އެމް.ޑީ.ޕީ ވަމުންދާ ތައްޔާރީތަކުގެ މައްޗަށް އަލިއަޅުއްވާލލައްވަމުން ކެންޕޭންގެ ސްޕޯސްޕާރސަން ވިދާޅުވީ ޕާޓީގެ ލީޑަރޝިޕުން ވަކިވަކި ދާއިރާތަކާއެކު އޮންލައިން ބައްދަލުވުންތައް ފެށިގެންދަނީ ކުރިއަށްކަމަށާއި، ކޯވިޑްގެ މިދަތީގައިވެސް ރައްޔިތުންނާ ހަމައަށް ރަށްވެހިފަތިސް ކެންޕޭންގެ މެސެޖުތައް ރައްދުކޮށްދިނުމަށް، އަލުން ވެލާންޖެހޭ ތަރުތީބުތަކުގެ މައްޗަށް ފުޅާކޮށް މަޝްވަރާކުރެވި، އެމް.ޑީ.ޕީގެ ކެންޕޭން ނެޓްވަރކް ރީއްޗަށް، ސުރެންސުރެން އިންތިޒާމުވެވެމުންދާކަމަށެވެ.
ޕްރެސް ކޮންފަރަންސް ނިންމަވާލެއްވީ އެމް.ޑީ.ޕީގެ ކޮންމެ ކެންޕޭން ހަރަކާތެއްވެސް ހިންގާނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ އެންގެވުންތަކާއި، ކޯވިޑްގެ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް ތަބަޢަވާ މަގުން، މިފަދަ ބަލިމަޑުކަމެއްގައި އިންތިޒާމުވެ ހިންގާ ސިޔާސީ ޕާޓީއެއް ކެންޕޭނެއް ހިންގާނެ އެންމެ ޗާލޫ، ނަލަ، ލާމަސީލުގޮތުގައިކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.
ކޮމެންޓު ފޮނުވާ