ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެޑްވައިޒަރު މުހައްމަދު ޝިހާބްގެ އެކައުންޓުގައި ތިން މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހުރިކަމަށް އޭނާގެ މާލީ ބަޔާނުން ފެންނަން އޮތީ ލިއުމުގެ ކުށަކުން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރެއްގެ ފެންވަރުގައި ރައީސްގެ އެޑްވައިޒަރެއްގެ މަގާމަށް 2019 ވަނަ އަހަރު އައްޔަންކުރެއްވި ޝިހާބުގެ މާލީ ބަޔާން ރައީސް އޮފީހުގެ ވެބްސައިޓްގައި މިހާރު ވެސް ފެންނަން އެބަ އޮތެވެ. އެ ބަޔާނުގައިވާ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓެއްގައި އޭނާގެ އެކައުންޓެއްގައި 362,015,022ރ. (ތިންސަތޭކަ ފަސްދޮޅަސް ދެ މިލިޔަން ފަނަރަ ހާސް ބާވީސް) އެބަހުއްޓެވެ. އެކަމަކު ޝިހާބް މިރޭ ވިދާޅުވީ ރަނގަޅު ގޮތަކީ 362،015.022ރ. (ތިން ލައްކަ ފަސްދޮޅަސް ދެހާސް ފަަނަރަ) ކަމަށެވެ.
ދައުލަތުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ ޝިހާބުގެ މިލްކިއްޔާތުގައި މިވަގުތު ހުރީ ތިން ލައްކަ ރުފިޔާގެ އިތުރުން ދެ ސައިކަލާ، ލ އަތޮޅު ގަމުން ގޯއްޗެކެވެ. އަދި ބީއެމްއެލްގެ 2880 ހިއްސާ އާއި ދިރާގުގެ 2500 ހިއްސާގެ އިތުރުން އެމްޓީޑީސީ ގެ 3300 ހިއްސާވެސް ޝިހާބުގެ މިލްކިއްޔާތުގައިވެއެވެ.
މުހައްމަދު ޝިހާބަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ އޭގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި މާލޭގެ މޭޔަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ