ހުޅުމާލޭގައި އިމާރާތް ކުރާ 2،000 ހައުސިން ޔުނިޓް އިންޑިޔާ ކުންފުޏަކަށް

ހުޅުމާލޭގައި އިމާރާތް ކުރާ 2،000 ހައުސިން ޔުނިޓް އިންޑިޔާ ކުންފުޏަކަށް

Author
މުޙައްމަދު ޝަޒައިމް
05 ފެބްރުއަރީ 2021 11:03
0

ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖްގެ 2000 ހައުސިންގ ޔުނިޓް ޢިމާރާތްކުރުމުގެ މަސައްކަތް އިންޑިޔާ ކުންފުންޏަކާއި ހަވާލު ކޮށްފިއެވެ.

މޭ މަހުގެ ތެރޭގައި މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ މި ހައުސިން ޔުނިޓްތަކުގެ މަސައްކަތް ކުރުމަށް ހަވާލު ކޮށްފައިވަނީ އިންޑިއާގެ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެން.ބީ.ސީ.ސީ) އާއިއެވެ. މި ކުންފުންޏާއިއެކު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން 3-ބެޑްރޫމް އަދި 3-ފާޚާނާގެ 1400 ޔުނިޓާއި، 2-ބެޑްރޫމް އަދި 2-ފާޚާނާގެ 600 ޔުނިޓު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ފައިނޭންސިންގެ %85-100 ހަމަޖައްސާނީ ކޮންޓްރެކްޓަރގެ ފަރާތުންނެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ފެށުމުގެ 900 ދުވަހުގެ ތެރޭގައި ފުރިހަމަކުރެވޭނެ ކަމަށް ބެލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްޔެ ދެއްވި ރިޔާސީ ބަޔާނުގައިވަނީ މި ހައުސިންގ ޔުނިޓުތަކަކީ، ކުރިން ތަރައްޤީކޮށްފައިވާ މި ގިންތީގެ ހައުސިންގ ޔުނިޓުތަކާ އަޅައި ބަލާއިރު، ސައިޒުގެ ގޮތުން ތަނަވަސް އަދި، ނިސްބަތުން އަގުވެސް ހެޔޮ ޔުނިޓުތަކަކަށްވާނެކަމަށެވެ.

2018 ވަނަ އަހަރު 1 ބިލިއަން ޑޮލަރަށްވުނެ ގިނަ އަދަދެއްގެ ކޮންސޮލިޑޭޓެޑް ރެވެނިއު ޖެނެރޭޓްކޮށްފައިވާ އެން.ބީ.ސީ.ސީ އަކީ އިންޑިއާ ސަރުކާރުން 1960 ވަނަ އަހަރު ގާއިމްކޮށްފައިވާ ބްލޫ-ޗިޕް ކުންފުންޏެކެވެ. އެން.ބީ.ސީ.ސީ އަކީ ޕްރޮޖެކްޓް މެނޭޖްމެންޓް ކޮންސަލްޓެންސީ، ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓް އަދި އީ.ޕީސީ ކޮންޓްރެކްޓިން ފަދަ މަސައްކަތްތަކުގައި ހުނަރު ވަރުގަދަ ކުންފުންޏެކެވެ. އަދި ދިވެހިރާއްޖޭގައި އިންޑިއާގެ ގްރާންޓް އެހީގެ ދަށުން ހިންގޭ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ އައްޑޫ ސިޓީ ނެޝަނަލް ކޮލެޖް ފޯ ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީޒް (އެން.ސީ.ޕީ.އެލް.އީ.އެސް) ގެ މަސައްކަތް ފުރިހަމަ ކުރުމުގައިވެސް އެން.ބީ.ސީ.ސީގެ ބައިވެރިވުން ހިމެނެއެވެ.

އެން.ބީ.ސީ.ސީ އިން ވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ހައި-ވެލިއު މަޝްރޫއުތަކެއް ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި މޮރިޝަސްގެ ޕޯޓް ލުއިސް ގައި ހުންނަ އެގައުމުގެ ސުޕްރީމް ކޯޓު އިމާރާތުގެ މަސައްކަތާއި (ޖުލައި 2020 ގައި މި އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވީ އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދްރަ މޯދީ އާއި މޮރިޝަސް ގެ ބޮޑު ވަޒީރު ޕްރަވިންދް ޖަގްނާތުއެވެ) ނޮވެމްބަރ 2020 ގައި އޯ.އައި.ސީ މިނިސްޓަރުންގެ ބައްދަލުވުން ބޭއްވުނު އިމާރާތްކަމުގައިވާ ނައިޖާގެ ނިއާމޭގައި ހުންނަ މަހާތުމާ ގާންދީ އިންޓަނެޝަނަލް ކޮންވެމްންޝަން ސެންޓަރ ބިނާކުރުމުގެ މަސައްކަތް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

L Laahiku
nuvaane thikameh. Amudhun indiya in nukodhdheyne. Miharves dharumavantha nudheege faisaa thaashikoffa othee