މިދިޔަ ދެ އަހަރު ހައި ޕްރޮފައިލް މައްސަލަތައް ނިންމާފައިވަނީ ސަރުކާރުން ބޭނުންވާ ގޮތަށް

މިދިޔަ ދެ އަހަރު ހައި ޕްރޮފައިލް މައްސަލަތައް ނިންމާފައިވަނީ ސަރުކާރުން ބޭނުންވާ ގޮތަށް

Author
މުޙައްމަދު ޝަޒައިމް
05 ފެބްރުއަރީ 2021 10:26
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ފާއިތިވެދިޔަ ދެ އަހަރުގެ ތެރޭގައި ޝަރުއީ ދާއިރާއިން ނިންމާފައިވާ ހައިޕްރޮފައިލް މައްސަލަތައް ނިންމާފައިވަނީ ސަރުކާރުން ބޭނުންވާ ގޮތަށް ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ އެހެން ބާރުތަކުގެ ނުފޫޒުން މިންޖުވެ، މައްސަލަތައް ނިންމުމުގެ މިނިވަންކަން އެންމެ މަތީ ކޯޓުން ފެށިގެން އެންމެ ދަށުކޯޓާ ހަމައަށް މިހާރު އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވި ވިދާޅުވުމާއި ގުޅިގެން ޑރ.އަހުމަދު އަބްދުﷲ ވިދާޅުވީ ފާއިތުވި 2 އަހަރު ތެރޭގައި ރާއްޖޭގެ ޝަރްޢީ ނިޒާމުގެ މިނިވަންކަން ނަގާލައި ކޯޓްތަކަށް ނުފޫޒު ފޯރުވުމަށް މިހާރުގެ ސަރުކާރުން ކޮށްފައިވާ ޢައިރު ދުސްތޫރީ މަސައްކަތުން ޤާނޫނާއި ގަވާއިދުތަކާއި ޚިލާފަށް އެތައް ކަމެއް ކޮށްފައިވާކަމަށެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޯޓްތަކަށް ނުފޫޒު ފޯރުވުމަށް މިހާރުގެ ސަރުކާރުން ކޮށްފައިވާ ޢައިރު ދުސްތޫރީ މަސައްކަތުން ޙާޞިލުވި ބައެއް ނަތީޖާތަކުގެ ތެރޭގައި ސުޕްރީމްކޯޓު މާރޖިނަލައިޒްކޮށް އެޕެކްސް ކޯޓެއްގެ ދައުރު އެކޯޓުގެ ކިބައިން ނިގުޅައިގަތުމާއި، ޤާނޫނު އަސާސީގެ 141 އާއި 156 އާ ޚިލާފަށް ކޯޓުތަކުގެ އިދާރީ މިނިވަންކަން ނިގުޅައިގަނެ JSC ކޮންޓްރޯލްކުރާ އިދާރީ ނިޒާމެއްގެ ތެރެއިން ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުން ހިމެނޭކަމަށެވެ.

އަދި ޤާނޫނު އަސާސީގެ 154 އާ ޚިލާފަށް ފަނޑިޔާރުންނާ ދެކޮޅަށް ސުލޫކީ މައްސަލަތައް ހިންގައި ވަޒީފާގެ ބިރުދައްކައިގެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި، ހައި ޕްރޮފައިލް ކޭސްތައް ނިމެނީ ސަރުކާރުން ބޭނުންގޮތަކަށްތޯ ކަށަވަރުކުރަމުންދިޔަކަމީ އެންމެނަށް ފެންނަ އޮތް ހަގީގަތެއްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މިއަހަރަށް މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެކި ދާއިރާތަކަށް ގެނެވުނު ބަދަލުތަކާއި ޚާއްސަކޮށް ދައުލަތުގެ ތިންބާރުގެ މިނިވަންކަން ގާއިމް ކުރެއްވުމަށް ކުރެއްވި މަސައްކަތްތަކަށް ތަފްސީލީ ގޮތެއްގައި އަލި އަޅުވާލާފައެވެ. އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ތިންބާރުގެ ތެރެއިން ޝަރުޢީ މަރުހަލާއަކީ މިއަދު މިނިވަންކަމާއިއެކު އެއްވެސް ނުފޫޒެއްނެތި ޝަރީއަތް ކުރުމުގެ ފުރިހަމަ އިހުތިޖާރު އޮތް މިނިވަން ބާރެއް ކަމަށެވެ.

މީގެ ދެ އަހަރު ކުރިން އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރު، ޢަދުލްއިންސާފުގެ ނިޒާމަށް، ރައްޔިތުންގެ ހިތުގައި އެއްވެސް އިތުބާރެއް ނެތް. ފަނޑިޔާރުގެ އިޞްލާޙުކުރުމަށް މިދިޔަ 2 އަހަރު ކުރި މަސައްކަތުގެ ނަތީޖާ ފެންނަންފަށައިފި. ދައުލަތުގެ އެހެން ބާރުތަކުގެ ނުފޫޒުން މިންޖުވެ، މައްސަލަތައް ނިންމުމުގެ މިނިވަންކަން އެންމެ މަތީ ކޯޓުން ފެށިގެން އެންމެ ދަށުކޯޓާ ހަމައަށް މިހާރު އެބައޮތް.

– ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޝަރުއީ މަރުހަލާގައި މިހާރު ހިނގަމުންދާ މައްސަލަތައް އަވަސް ކުރުމަށްޓަކައި ސަރުކާރުން ޤާނޫނަތަކަށް ގެންނަންޖެހޭ ބަދަލު ގެނެސް އެމަސައްކަތް ކުރައްވާނެކަމަށެވެ. ޚާއްސަކޮށް އަވަހަށް އިންސާފު ލިބޭނެ އިންތިޒާމު ޤާއިމްކޮށް ބޭނުންވާ ޤާނޫނުތައް އެކުލަވާލުމަށް މިއަހަރުގެ ތެރޭގައި މަޖިލީހަށް އިތުރު ބިލްތަކެއް ފޮނުއްވާނެކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.