އަންނަ އޭޕްރީލް މަހުގެ10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމުގައި އަމަލުކުރަންވީ އުސޫލު އެކުލަވާލައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ގައިޑް ލައިން އާންމުކޮށްފައެވެ.
އެޗް.ޕީ.އޭއިން ވިދާޅުވީ މިފަދަ އުޞޫލެއް އެކުލަވާލުމުގެ މައިގަނޑު ބޭނުމަކީ އިންތިޚާބު ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި ރައްކާތެރިކަން ކަށަވަރުކޮށް، ކޯވިޑް-19ގެ ހާލަތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމުގައި މި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އެޅުންކަމަށެވެ.
ކެންޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭ:
އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނުން އިންތިޚާބު ބޭއްވުމަށްޓަކައި ނުވަތަ ކެމްޕެއިން ކުރުމަށް ޤާނޫނުން ސިޔާސީ ޕާޓީތަކަށް ލިބިދޭ ހަމަހަމަކަމާއިއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ނުލިބެއެވެ. ރަށްރަށަށް ކެމްޕެއިންގައި ދަތުރުކުރާނަމަ މިހާރުވެސް އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިގެން ތެރެއިން ކަރަންޓީން ވާންޖެހެއެވެ. އަދި ކެންޕެއިނަށްދާ މީހުންނަށްވެސް މިމުއްދަތަށްފަހު ކެންޕެއިން ކުރިނަމަވެސް ވަކި އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އިންތިޚާބާގުޅިގެން ކުރާ އެކި މަސައްކަތުގައްޔާއި، ބާއްވާ އެކިއެކި ހަރަކާތްތަކާއި، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ތާޢިދު ހޯދުމަށް ކުރާ މަސައްކަތްތަކުގައި ކޯވިޑް އިން ރައްކާތެރިވުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް އެޗް.ޕީ.އޭއިން ވަނީ ބަޔާންކޮށްފައެވެ. އަދި ކޯވިޑް-19ގެ ބަލި މީހުންނާއި، ބަލިޖެހިފައިވާ މީހުންގެ ކޮންޓެކްޓުންނާއި، ބަލީގެ އަލާމާތެއް ހުރި މީހުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރައްކާތެރިކަމާއެކު ވޯޓުލުމުގައި ޢަމަލުކުރަންޖެހޭގޮތްވެސް މި އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.
ވޯޓުލާ މަރުކަޒުތަކުގައިވެސް ހަރުކަށި ފިޔަވަޅުތަކެއް:
ވޯޓުލާ މަރުކަޒުތަކުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި ތަނަށް ވަންނަ/ނުކުންނަ ދޮރު ކައިރިގައްޔާއި އެތެރޭގެ އެކި ހިސާބުތަކުގައި ކޯވިޑް-19 އިން ރައްކައުތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ މަޢުލޫމާތު (މާސްކު އެޅުން، މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުން، އަތުގެ ސާފުތާހިރުކަން، ދުންފަތުގެ އިސްތިޢުމާލު ނުކުރުން ފަދަ) އާންމުކޮށް ފެންނާނޭހެން ބަހައްޓަންޖެހޭނެއެވެ. އަދި މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓޭގޮތަށް އެ ތަންތަނަށް މީހުން ވަނުމާއި ނުކުތުމުގެ އިންތިޒާމުތައް ހަމަޖައްސަންޖެހޭނެކަމަށާއި، ވޯޓުލާން ދާ މީހުން ކިޔޫގައި ތިބޭއިރު، 3 ފޫޓުގެ ގައިދުރުމިން ބެހެއްޓޭގޮތަށް އިންތިޒާމުތައް ހަމަޖައްސަންޖެހޭނެކަމަށް އެޗް.ޕީ.އޭގެ އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.
ވޯޓުލާން ދާ މީހާޔާއެކު އެހީތެރިޔަކު ދާންޖެހޭ ހާލަތްތަކުގައި އެހީ ތެރިއެއްގެ ގޮތުގައި ދާ މީހަކު ފިޔަވައި އިތުރު މީހުން ވޯޓުލާ މަރުކަޒަށް ނުވެއްދޭނެއެވެ. އަދި ތަނަށް ވަންނަ މީހުންނާ 3 ފޫޓަށްވުރެ ގާތުން މުޢާމަލާތު ކުރަންޖެހޭ ހުރިހާ އޮފިޝަލުން / މޮނިޓަރުން / މަންދޫބުން / ސުޕަވައިޒަރުން ފަދަ މީހުން މާސްކުގެ އިތުރުން ފޭސް ޝީލްޑް ބޭނުންކުރުމަށާއި، ތަނަށް ވަންނަ މީހުން މާސްކު އެޅުމުގެ އުސޫލާ އެއްގޮތަށް މާސްކު އަޅައިގެން ތިބޭކަން ކަށަވަރުކުރުމަށްވެސް އެޗް.ޕީ.އޭއިން ވަނީ އަންގާފައެވެ. ވޯޓުލާންދާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން އަމިއްލަ ގަލަން ހިފައިގެން ދިއުމަށްވެސް އެޗް.ޕީ.އޭއިން މި އުޞޫލުގައި ބާރު އަޅާފައިވެއެވެ.
އިންތިޚާބުގައި ބޭނުންކުރާ ހުރިހާ މަރުކަޒުތަކަކީވެސް ވައި ދައުރުވާނޭހެން ދޮރުތައް ހުޅުވާފައި ބެހެއްޓޭނެފަދަ މަރުކަޒުތަކަކަށް ވާންޖެހޭނެކަމަށާއި، ވޯޓިންގ ބޫތުތަކާއި ވޯޓުފޮށިތައް، މަދުވެގެން 3 ފޫޓުގެ ދުރުމިނުގައި ބެހެއްޓުމަށް އެޗް.ޕީ.އޭއިން އަންގާފައިވެއެވެ. އަދި ވޯޓުލުމަށް ކިޔޫގައި ތިބޭ ވަގުތު ފިޔަވައި ތަނުގައި މަޑުކޮށްގެން ނުތިބުމަށްވެސް އެޗް.ޕީ.އޭއިން އިރުޝާދުދީފައިވެއެވެ. މީގެ އިތުރުން ވޯޓު ގުނުމުގައި ޢަމަލުކުރަންވީ ގޮތްތަކާއި، އިންތިޚާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ޢަމަލުކުރަންޖެހޭގޮތްތައްވެސް އެޗް.ޕީ.އޭގެ އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.
ޕޮޒިޓިވްވާ މީހުންނަށްވެސް ވޯޓުލުމުގެ ފުރުސަތު އިލެކްޝަނުން ފަހިކޮށްދޭންޖެހޭ:
ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކަށް އެހެން މީހުންނާ އެކުނުވާގޮތަށް ވަކި ވެހިކަލެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވޯޓުލުމުގެ ފުރުޞަތު ލިބިގެންދާނެ ގޮތަށް އިންތިޒާމު ކުރުމަށް އެޗްޕީއޭގެ އުސޫލުގައިވަނީ ބަޔާން ކޮށްފައެވެ. އެގޮތުން ވޯޓުލުމުގެ ފުރުޞަތު ދިނުމުގައި، އެކަހެރިކޮށްފައި ތިބޭ މީހުން، ވޯޓުލާ މުއްދަތުގައި ހުރި ރަށުގައި ވޯޓުލާގޮތަށް ހަމަޖެއްސުމަށް ވަނީ އަންގާފައެވެ. ކޯވިޑް-19 އަށް ޕޮޒިޓިވެފައިވާ މީހުން ވޯޓުލުމަށް އެހެން މީހުންނާ އެކުނުވާގޮތަށް ވަކި ވެހިކަލެއްގައި ރައްކައުތެރިކަމުގެ ފިޔަވަޅުތަކާއެކު ވޯޓުލާ މަރުކަޒަށް ގެންދިއުމާއި، އަނބުރާ ގެނައުމުގެ އިންތިޒާމްތައް އެޗް.ޕީ.އޭގެ ހުއްދަޔާއެކު ހަމަޖެއްސުމަށްވެސް އަންގާފައިވެއެވެ. އަދި އެފަދަ މީހުން ވޯޓުލުމަށް ވަކި ތަނެއް ނުވަތަ ވޯޓުލާން އައުމަށް ވަކި ގަޑިއެއް ހަމަޖެއްސުމަށްވެސް އެޗް.ޕީ.އޭގެ އުޞޫލުގައި ވަނީ ބަޔާންކޮށްފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރިލްމަހުގެ 10 ވަނަދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. ނަަވެސް މިގައިޑްލައިންގެ ތެރެއިން އިންތިޚާބު ބޭއްވުމަށް ބޮޑެތި ހުރަސްތަކެއް ހުރިއިރު، އިންތިޚާބު މިދަނޑިވަޅުގައި ބާއްވާނަމަ ދައުލަތު95 މިލިޔަން ރުފިޔާ ޚަރަދު ކުރަންޖެހޭނެކަމަށް އިލެކްޝަން ކޮމިޝަނުންވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ