2021 ވަނަ އަހަރުގެ މެއި – ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭލެވެލް އިމްތިހާނު ކޯވިޑް-19ގެ ހާލަތު އޮތް ގޮތުން ބޭއްވެން ނެތްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ 3ވަނަ ދުވަހުގެ 18:35 ގައި ކޯވިޑް-19 ގެ ޙާލަތަށް ރިޢާޔަތްކޮށް އިނގިރޭސި ވިލާތުގެ ޕިއަރސަން އިން ޢާންމުކޮށްފައިވާ ބަޔާނުގައި އޭލެވެލް އިމްތިހާނު ތަކާގުޅޭގޮތުން މުހިންމު ނިންމުތަކެއް ނިންމާފައިވާކަމަށެވެ.
އެގޮތުން މިއަހަރުގެ މޭ / ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭލެވެލް އިމްތިހާނު ތާވަލުކުރެވިފައިވާ ގޮތަށް ކުރިޔަށް ނުގެންދާނެކަމަށާއި، އަދި މިއަހަރުގެ މޭ / ޖޫން ގައި އޭލެވެލް އިމްތިހާނު ތަކުގައި ބައިވެރިވާ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމާއި ސެޓްފިކެޓް ދިނުމުގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތެއް، މި ހިނގާ ފެބުރުއަރީ މަހުގެ 22 ގައި އިނގިރޭސިވިލާތުގެ "އޮފްކޮލް" އިން އިޢުލާނު ކުރާނެކަނެކަމަށެވެ.
ނަމަވެސް މިއަހަރުގެ އޮކްޓޯބަރު / ނޮވެމްބަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭލެވެލް އިމްތިހާނު ތާވަލުކުރެވިފައިވާ ގޮތަށް ކުރިޔަށް ދާނެކަމަށް އަންގާފައިވަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މި ނިންމުމާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އިން ކުރިޔަށް ގެންދާ އޭލެވެލް ގެ އެޕްލިކޭޝަން މަރުޙަލާ އަށް އެއްވެސް ބަދަލެއް ނާންނާނެކަމަށާއި، އެހެންކަމުން މިހާރު ތާވަލުކުރެވިފައިވާ ގޮތަށް މިކަންކަން ކުރިއަށް ގެންދެވުން މިނިސްޓްރީން ވަނީ އެދިފައެވެ. އަދި އޭލެވެލް އިމްތިޙާނުތަކަށް ދަރިވަރުން ތައްޔާރުވަމުން ދިޔަ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް، ކުރިޔަށް ގެންދިޔުމަށް ސްކޫލްތަކަށާއި އަމިއްލަގޮތުން އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންނަށް މިނިސްޓްރީން ވަނީ ދަންނަވާފައެވެ.
ދިވެހިރާއްޖެއިން މި އިމްތިޙާންގައި ބައިވެރިވާ ފަރާތްތަކުގެ އެސެސްމެންޓް ކުރިއަށްގެންދެވޭނެ އިތުރުގޮތެއް އޮތްތޯ ބެލުމަށް މިހާރު ދަނީ އެޑެކްސެލްއާ އެކު މަޝްވަރާ ކުރެވެމުން ކަމަށާއި، އަދި މި މަޝްވަރާގައި ދަރިވަރުންނާއި، ސްކޫލްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދާނެ ވާހަކަވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ