ޗަައިނާއިން ރާއްޖެއަށް 100،000 ޑޯޒް ވެކްސިން ހަދިޔާކުރަނީ

ޗަައިނާއިން ރާއްޖެއަށް 100،000 ޑޯޒް ވެކްސިން ހަދިޔާކުރަނީ

Author
މުޙައްމަދު ޝަޒައިމް
04 ފެބްރުއަރީ 2021 06:27
0

ކޯވިޑް-19އަށް ރައްކާތެރިވުމަށް މިހާރު ބޭނުން ކުރަމުންދާ ވެކްސިންތަކުގެ ތެރެއިން ޗައިނާގައި ބޭނުން ކުރަމުންދާ ވެކްސިންގެ 100،000 ޑޯޒް ރާޢްޖެއަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.

ޗައިނާ ސަފީރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޗައިނާއިން ހަދިޔާ ކުރަން ނިންމާފައިވަނީ ސައިނޯފާމް ވެކްސިން ކަމަށެވެ. އެ ގައުމުން ދަނީ އެގައުމުގެ ސައިނޯވެކް އާއި ސައިނޯފާމް ގުޅިގެން އުފެއްދި ސައިނޯފާމް ކޯވިޑް ވެކްސިން އެ ގައުމުގެ ރައްޔިތުންގެ ގަޔަށް ޖަހަމުންނެވެ.

ޗައިނާއިން ރާއްޖެއަށް ހަދިޔާ ކުރަން ނިންމާފައިވާ 100،000 ޑޯޒް ވެކްސިންގެ މައުލޫމާތު ވަނީ ފޮރިން މިނިސްޓރަ އަބްދުﷲ ޝާހިދުއަށް ދެއްވާފައެވެ. ޗައިނާއަކީ ކޯވިޑް-19 ގައި ރާއްޖެއަށް ދިމާވި އެންމެ އުދަނގޫ ވަގުތުގައިވެސް ބޮޑެތި އެހީތެރިކަމެއް ރާއްޖެއަށް ފޯރުކޮށްދިން ޤައުމެކެވެ.

ޗައިނާގެ ދެ ކުންފުންޏަކުން ގުޅިގެން އުފައްދާފައިވާ ސައިނޯފާމް ވެކްސިން ދުނިޔޭގެ ބައެއް ޤައުމުތަކުގައި މިހާރު ދޭން ފަށާފައިވާއިރު، އެ ވެކްސިނުން 78 އިންސައްތަ މީހުން ބަލިން ރައްކާތެރިކޮށްދޭކަމަށް ވެކްސިން އުފެއްދި ކުންފުނިން ވަނީ ހާމަކޮށްފައެވެ. ރާއްޖޭގައި ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ.

ރާއްޖެއިން ކޯވިޑް-19ގެ ވެކްސިން މިހާރު ޖަހަން ފަށާފައިވާއިރު، ރާއްޖެއިން މިހާރު ޖަހަމުންދަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ކޯވިޑް-19 ވެކްސިން "ކޮވިޝީލްޑް" ވެކްސިނެވެ. އިންޑިއާ ސަރުކާރުން ރާއްޖެ ހަދިޔާކުރި އޮކްސްފޯޑު ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތުދެއްވާ ގޮތުގައި ރާއްޖެ ގެނައި ވެކްސިން، ރާއްޖޭގެ އާބާދީގެ 50 ހާސް މީހުންނަށް ޖެހޭނެއެވެ. އަދި ސިންގަޕޫރުގެ އެސްޓްރާޒެނެކާއިން އުފައްދާ ކޯވިޑް-19ގެ ވެކްސިންގެ 7 ލައްކަ ޑޯޒް ގަތުމަށް ވެސް ރާއްޖެއިންވަނީ ނިންމާފައެވެ.

ރައީސް ޞާލިހުގެ މިއަދުގެ ރިޔާސީ ބަޔާނުގައިވެސް ރާއްޖޭގައި ކޯވިޑް-19 ގެ ވެކްސިން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހިލޭ ފޯރުކޮށް ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ވެކްސިން ހުރިހާ ރައްޔިތުންވެސް ޖެހުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.