ސަރަހައްދީ ރައްކާތެރިކަން ކަށަވަރު ކުރެވޭނީ ގުޅިގެން ކުރެވޭ މަސައްކަތުން: މާރިޔާ

ސަރަހައްދީ ރައްކާތެރިކަން ކަށަވަރު ކުރެވޭނީ ގުޅިގެން ކުރެވޭ މަސައްކަތުން: މާރިޔާ

Author
މުޙައްމަދު ޝަޒައިމް
04 ފެބްރުއަރީ 2021 06:07
0

އިންޑިޔާ ކަނޑުގެ ސަރަޙައްދުގައި އަމަނާއި ޞުލްޙަ އިތުރަށް ހަރުދަނާކުރެވޭނީ، ގުޅިގެން މަސައްކަތްކުރުމުގެ ސަޤާފަތަށް މިހާރަށްވުރެ ބޮޑު އިސްކަމެއް ދީ، އެއްބާރުލުމުގެ ރޫޙު އިތުރަށް ވަރުގަދަކޮށްގެން ކަމުގައި ޑިފެންސް މިނިސްޓަރ މަރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންޑިޔާ ކަނޑު ހިމެނޭ ސަރަޙައްްދުގެ ޤައުމުތަކަށް ނިސްބަތްވާ ދިފާޢީ ވަޒީރުންގެ މެދުގައި ބޭއްވި "އިންޑިއަން އޯޝަން ރީޖަން ޑިފެންސް މިނިސްޓަރސް ކޮންކްލޭވް" ގައި، ބައިވެރިވެ ވަޑައިގެން އެބައްދަލުވުމުގައި ވަހަކަފުޅު ދައްކަވަމުން މިނިސްޓަރ މާރިޔާ ވަނީ އިންޑިޔާ ކަނޑު ހިމެނޭ ސަރަޙައްދުގެ ޤައުމުތަކަށް ސަލާމަތީގޮތުން ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިގޮތުން، މޫސުމަށް އަންނަ ބަދަލުތަކާއި، އެބަދަލުތަކާ ގުޅިގެން އިންސާނީ އެހީ ދިނުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ކަނޑުފޭރުމާއި މަސްކަނޑުތަކުން ވައްކަންކުރުން ފަދަ ކަނޑުމަތީގެ ސަލާމަތަށް ހުރި ނުރައްކާތަކާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާއި، ހަނގުރާމަތަކުގައި ބައިވެރިވުމަށް ޤައުމުން ބޭރަށް ދިޔުމާއި، މަސްތުވާތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރިއާއި، އިންޓަރނެޓް މެދުވެރިކޮށް ހިންގާ ސައިބަރކްރައިމްގެ ޢަމަލުތަކާއި، ވައިގެ މަގުންނާއި ސަރަޙައްދީ ރޮނގު ހުރަސްކޮށް ހިންގާ ޖަރީމާތަކުގެ މައްޗަށް މިނިސްޓަރ މާރިޔާ ބައްލަވައިލެއްވިއެވެ.

ދިވެހިރާއްޖެއަކީ 99.7 އިންސައްތަ ކަނޑުގެ މައްޗަށް އެކުލެވިފައިވާ ޤައުމެއްކަން ފާހަގަކުރައްވަމުން، މިނިސްޓަރ މާރިޔާ ވިދާޅުވީ، އިންޑިޔާ ކަނޑުގެ ސަރަޙައްދަކީ 2.7 ބިލިއަން މީހުންނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ އަދި ދުނިޔޭގެ ތެލުގެ ޝިޕްމަންޓުތަކުގެ ތިންބައިކުޅަ ދެބަޔާއި ކޮންޓެއިނަރު މަނަވަރުތަކުގެ ދެބައިކުޅަ އެއްބައި ހުރަސްކުރާ ޙައްސާސް ސަރަޙައްދެއްކަމަށް ވުމުން، މިސަރަޙައްދުގައި ހިމެނޭ ޤައުމުތަކުން ވަޞީލަތްތައް ޙިއްސާކޮށް، އެއް ހަކަތަޔަކާއި އެއް ހިތްވަރެއްގައި މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އަމަނާއި ޞުލްޙަޔަކީ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދެ މަފްހޫމުކަން ފާހަގަކުރައްވައި، މިނިސްޓަރ މާރިޔާ ވިދާޅުވީ، އަމަނާއި ޞުލްޙަ ޤާއިމްކޮށް، ދެމެހެއްޓުމަކީ، އެކަމަށްޓަކައި، ކޮންމެ ދުވަހަކުވެސް، ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމެއް ކަމަށާއި، އިންޑިޔާ ކަނޑުގެ ސަރަޙައްދުގައި އަމަނާއި ޞުލްޙަ އިތުރަށް ހަރުދަނާކުރެވޭނީ، ގުޅިގެން މަސައްކަތްކުރުމުގެ ސަޤާފަތަށް މިހާރަށްވުރެ ބޮޑު އިސްކަމެއް ދީ، އެއްބާރުލުމުގެ ރޫޙު އިތުރަށް ވަރުގަދަކޮށްގެން ކަަމަށެވެ.

ކުރިއާ ޚިލާފަށް، ހައިބްރިޑް ތްރެޓްސްގެ ނުރައްކާ ބޮޑުވެފައިވާ މިޒަމާނުގައި، ޤައުމުތަކުން އިންޓެލިޖެންސް މަޢުލޫމާތު ޙިއްސާކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގަޔާއި ކާރިސާތަކާއި ނުރައްކަލުގެ ޙާލަތްތަކަށް އިޖާބަދިނުމުގައި ވީހާވެސް ބޮޑަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.

މިކޮންކްލޭވްގައި ޖުމްލަ 27 ޤައުމަކުން ބައިވެރިވެފައިވާއިރު، މިޤައުމުތަކުގެ ތެރޭގައި، ރާއްޖެއާއި އިންޑިޔާގެ އިތުުރުން، ބަންގްލަދޭޝް، ސިންގަޕޫރު، މެލޭޝިޔާ، އިންޑޮނޭޝިޔާ، އޮސްޓްރޭލިޔާ، ސީޝެލްސް، މޮރިޝަސް އަދި އީރާން ހިމެނެއެވެ.

އިންޑިޔާ ސަރުކާރުން ދެއްވި ދަޢުވަތަކަށް، މިނިސްޓަރ މާރިޔާގެ އަރިހުގައި، ބެންގަލޫރަށް ވަޑައިގެން އުޅުއްވާ ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްވެސްވަނީ، ދެ ކޮންކްލޭވެއްގައި ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން، ބުދަދުވަހު ބޭއްވި ޗީފް އޮފް އެއަރ ސްޓާފް ކޮންކްލޭވްގަޔާއި، ބުރާސްފަތިދުވަހު އޮތް ޗީފް ނޭވަލް ސްޓާފް ކޮންކްލޭވްގައި ސީ.ޑީ.އެފް ޝަމާލްވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޗީފް އޮފް ނޭވަލް ސްޓާފް ކޮންކްލޭވްގައި ބައިވެރިވެވަޑައިގެން، ސީ.ޑީ.އެފް ޝަމާލްވަނީ، އިންޑިޔާ ކަނޑު ހިމެނޭ ސަރަޙައްދުގައި ކާރިސާތަކަށް އިޖާބަދިނުމާއި އިންސާނީ އެހީ ދިނުމުގައި، އެއްބާރުލުން ދިނުމާއި މަޢުލޫމާތު ޙިއްސާކުރުމާއި އިންޓަރއޮޕެރަބިލިޓީ އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.