ރައީސްގެ ބަޔާނުން ބޯހިޔާވަހިކަމަށް ސަމާލުކަމެއް ނެތްކަން ކަށަވަރުވެއްޖެ: ޑރ.މުއިއްޒު

ރައީސްގެ ބަޔާނުން ބޯހިޔާވަހިކަމަށް ސަމާލުކަމެއް ނެތްކަން ކަށަވަރުވެއްޖެ: ޑރ.މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
04 ފެބްރުއަރީ 2021 01:49
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ދެއްވި ރިޔާސީ ބަޔާނުން މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރު ކުރުމަށް އެއްވެސް ސަމާލުކަމެއް ނުދެއްވާކަން ހާމަވެފައިވާކަމުގައި މާލެ ސިޓީ މޭޔަރުގެ މަޤާމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވާދަ ކުރައްވާ ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ.މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުން އެންމެ ބޮޑަށް އުންމީދު ކުރަމުންދާ އަދި މާލޭގައި ދިރިއުޅޭ އެތައް ދިވެހި ރައްޔިތުން އުންމީދު ކުރަނުންދާ ހިޔާ ފްލެޓްގެ ނަންވެސް ނުގަނެ ރައީސް ބަޔާން ނިއްމަވާލެއްވުމަކީ ހިޔާ ފްލެޓުގެ އިންތިޒާރުގައިތިބި އެތައް އާއިލާއަށް ރައީސް ދެއްވި ވަރަށް ނުރަގަނޅު މެސެޖެއް ކަމަށެވެ. އެތައް އާއިލާއެއްގެ ހިތްދަތި ކަމުގައި މިއަދު ދިރިއުޅެމުންދާއިރު އެކަންކަމަށް ރައީސްގެ އެއްވެސް ސަމާލުކަމެއް ނެތްކަން މިއަދު ބަޔާނުން ހާމަވެފައިވާކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ހިޔާ މަޝްރޫޢުގެ ވާހަކަ އެއްވެސް ވަރަކަށް ނުގެންނެވީތީ ހިތާމަކުރަން. ހިޔާ ފްލެޓްތައް އަތުލި ނިކަމެތި ރައްޔިތުންގެ އިހުސާސް ތަކާއި ފްލެޓްތައް ލިބޭ ރައްޔިތުންގެ އިންތިޒާރަށް އެއްވެސް ސަމާލުކަމެއް ނުދެއްވާކަން ސާފުވެގެން ދިޔަ.

– ޑރ.މުއިއްޒު ވިދާޅުވިއެވ.

މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވުމަކީ ސަރުކާރުން ކޮށްދެއްވަންޖެހޭ ކަމަކަށްވާއިރު މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ގުޅިފައިވާ ގުޅީފަޅުގައި ބޯހިޔާވަހިކަމަށް ފުރުސަތު ދިނުމުގެ ބަދަލުގައި ޕޯޓް އެޅުމަށް މިއަދު ނިންމަވައި އެކަން އިއުލާން ކުރައްވާފައިވާކަމަށެވެ. މިއީ މާލޭ އެތައް ރައްޔިތުން ދެކޮޅު ހަދަމުންދިޔަ ކަމެއްކަމަށް ވީނަމަވެސް އެއަޑު މިސަރުކާރުން އަހާފައި ނުވާކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ގުޅީފަޅުގައި ޕޯޓް ހެދުމަށް ކުރިއަށް ދާނެކަމެއް އިއުލާން ކުރެއްވި ކުރެއްވުމަކީ މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގާއި އެ ކަމުގެ އުންމީދާއިމެދު މި ސަރުކާރުގެ ސިޔާސަތު އޮތްގޮތް ވަރަށް ސާފުވެގެންދާ ކަމެއް.

– ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސްގެ ބަޔާނުގައި ހިޔާ ފްލެޓު ތަކުގެ އެއްވެސް ވާހަކައެއް ވިދާޅުނުވި ނަމަވެސް އެމަނިކުފާނު ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމަށް ޙައްލެއް ހޯދުމަށް ރޭވި މަޝްރޫޢުތައް، ދިމާވި ބައެއް ސަބަބުތަކާ ހެދި މަޑުޖެހުމަށްފަހު، އެމަޝްރޫޢުތަކުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އޭގެ ތެރެއިން، 1000 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖުގެ 2000 ހައުސިން ޔުނިޓު ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި މިހަފްތާގައި ވާނީ ސޮއިކޮށްފައި ވާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އިތުރު 2000 ހައުސިން ޔުނިޓާއެކު، މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މާލެ ސަރަހައްދުގައި ފެށޭނެކަމަށެވެ.

މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލު ކުރުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައިވާއިރު، ކުރީ ސަރުކާރުން އަޅާފައިވާ ހިޔާ ފްލެޓްތަކުގެ މަސައްކަތާއި ގުޅޭ އެއްވެސް ވާހަކައެއް މިއަދުގެ ބަޔާނުގައި ރައީސް ފާހަގަ ނުކުރެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.