ރަޝިއާގެ ރައީސް ޕުޓިންއަށް ފާޑު ވިދާޅުވަމުން ގެންދަވާ، އެގައުމުގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާނީ، 3 އަހަރާ 6 މަސްދުވަހަށް، ޖަލަށް ލާން މޮސްކޯގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.
ނަވާލްނީ ޖަލަށްލާން ކޯޓުން ހުކުމް ކޮށްފައިވަނީ، ކުރިން ކޮށްފައިވާ ހުކުމެއް ތަންފީޒު ކުރުން ލަސްކުރުމަށް އޭނާ ރަޝިއާގެ ޕެނިޓެންޝަރީއާއެކު ވެފައިވާ އެއްބަސްވުމާއި ޚިލާފްވި މައްސަލާގެ ޝަރީއަތުގެ އަޑުއެހުންތަކަށް ފަހުގައެވެ.
ރަޝިއާގެ ވެރިރަށް މޮސްކޯގެ، ސިމަނޯވްސްކީ ޑިސްޓްރިކްޓް ކޯޓުން ނަވާލްނީ ޖަލަސް ލާފައިވަނީ 2014 ވަނަ އަހަރު އެނާގެ މައްޗަށް ކުރެވުނު ހުމުގެ ޕެރޯލްގެ ޝަރުތުތަކާއި އޭނާ ޚިލާފްވެފއަިވާކަން ކޯޓަށް ސާބިތުވުމާއި ގުޅިގެންނެވެ. އެހެންނަމަވެސް ކޯޓުން ކުރި ހުކުމްގައިވަނީ، 2014 ވަނަ އަހަރުގެ ޝަރީއަތާގުޅިގެން އޭނާ ގޭބަންދުގައި ހޭދަ ކޮށްފައިވާ މުއްދަތު މިފަހަރުގެ ހުކުމްގެ މުއްދަތުން ކަޑަންޖެހޭނެ ކަމަށެވެ.
ނަވާލްނީގެ ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި، ނަވާލްނީ ހައްޔަރުކޮށްގެން ރަޝިޔާގެ ފުލުހުން އޭނާ ގެންގުޅެފައިވާ މުއްދަތު ހުކުމްގެ މުއްދަތު ކަޑާލުމުން އޭނާ ޖަލުގައި ހޭދަކުރަން ޖެހޭނީ 2 އަހަރައި 8 މަސްދުވަސް ކަމުގައެވެ. އެހެންނަމަވެސް، ހުކުމް މަތީ ކޯޓުތަކުގައި އިސްތިއުނާފް ކުރާނެ ކަމުގައިވެސް އޭނާގެ ގާނުނީ ވަކީލުން ވަނީ ވިދާޅުވެފައެވެ.
ރަޝިއާގެ އެތަކެއް ސިޔާސީ އިސްފަރާތްތަކުގެ ކޮރަޕްޝަންގެ އެތަކެއް މައުލޫމާތެއް އާންމުކޮށްގެން މަޝްހޫރުކަން ލިބިގެންދިޔަ ނަވާލްނީ ޖަލަށްލާން ރަޝިއާގެ ކޯޓުން ކުރި ހުކުމުގައި ވަނީ، މީގެ 5 މަސްކުރިން، ވިހަ ކެމިލަކެއް ކަމުގައި ނޮވިޗޮކް ދީގެން އޭނާ އެއަރ އެމްބިއުލާންސްގައި ޖަރުމަނަށް ގެންދިއުމަށްފަހު، ކޯޓު ހުކުމުގެ ޕެރޯލްގެ ޝަރުތުތަކާ އޭނާ ޚިލާފް ވެފައިވާ ކަމުގައެވެ.
ބެލެވޭ ގޮތުގައި، މިހުކުމާ ގުޅިގެން، ނަވާލްނީ މިނިވަން ކުރުމަސް ރަޝިއާގެ އެކި ކަންކޮޅުތަކިގައި ކުރެވެމުންދާ މުޒާހިރާތައް އިތުރަށް ވަރުގަދަވެގެން ދާނެއެވެ. އަދި މިހާރުވެސް ނަވާލްނީ މިނިވަން ކުރުމަށް ގޮވާލަމުންދާ ހުޅަގުގެ ގައުމުތަކާ ރަޝިއާއާއި ދެމެދު އޮތް ގުޅުން އިތުރަށް ހީނަރުވެގެން ދާނެއެވެ.
ފާއިތުވެދިޔަ ޖެނުއަރީމަހުގެ 17 ވަނަ ދުވަހު އެބުރި ރަޝިއާއަށް ވަޑައިގެންނެވުމުގެ ކުރިން ނަވާލްނީ ވަނީ 5 މަސްދުވަހު ޖަރުމަނުވިލާތުގައި ހުންނަވާފައެވެ. ޖަރުމަނުގައި ހުންނެވީ، އޭނާއަށް ވިހަދިނުމުގެ ސަބަބުން ކުރިމަތިވި ސިއްޙީ މައްސަލަތަކަށް ފަރުވާ ހޯއްދެވުމަށެވެ. ނަވާލްނީ ތުހުމަތު ކުރާގޮތުގައި އޭނާއަށް، މިލިޓްރީ ގްރޭޑްގެ ކެމިކަލެއް ކަމުގައިވާ ނޮވިޗޮކް ވިހަ ދިނުމުގެ އަޑީގައި އޮތީ ރަޝިއާގެ ސަރުކާރެވެ. އެހެންނަމަވެސް ކްރެމްލިންއިން ވަނީ މިތުހުމަތުތައް ދޮގު ކޮށްފައެވެ.
ހުކުމުގެ ކުރިން، ކޯޓު ރޫމުގައި ބިއްލޫރިން ހަދާފައިހުރި ޖަގަހައެއްގެ ތެރޭގއި ހުންނަވައިގެން ނަވާލްނީ ވިދާޅުވެފައި ވަނީ، އޭނާ ހައްޔަރު ކޮށްފައިވަނީ ހަމައެކަނި ރަޝިއާގެ ރައީސް ޕުޓިންގެ ހިންހަމަޖެހުމަށް އެކަނި ކަމުގައެވެ. އަދި ވިދާޅުވީ، އޭނަގެ ހައްޔަރަކީ ރަޝިއާގެ ރައިސްގެ ހިތުގައި އޮތް "ބިރުވެރި ކަމާއި ހަސަދަ" ރަމްޒު ކޮށްދޭ ކަމެއް ކަމުގައާއި އަދި، ޕުޓިންގެ ނަން ތާރީޚުގައި ލިޔެވިގެން ދާނީ ޕޮއިޒަނރ (މީހުން މެރުމަށް ވިހަދޭ މީހެއްގެ) އެއްގެ ގޮތުގައި ކަމުގައެވެ.
"މި ޝަރީއަތުގެ ހަމަ އެކަނި މަގުސަދަކީ އެތައް ބަޔަކު ބިރު ގެންނެވުން، އެހެންނަމަވެސް، ކަލޭމެންނަށް އެތައް މިލިއަން ބަޔަކު ޖަލަކަށް ނުލެވޭނެ، މުޅި ގައުމު ޖަލަކަށް ނުލެވޭނެ،" ނަވާލްނީ ޝަރީއަތުގެ މަޖިލިހުގައި ވިދާޅުވެފައި ވެއެވެ.
ރަޝިއާގައި މިހާރު ކުރިޔަށްދާ މުޒާހިރާތަކުގައި މީހުން ހަޔަރުކުރެވޭ މިންވަރު މޮނިޓަރ ކުރަމުންދާ OVD-Info ނަމަކަށް ކިޔާ ގުރޫޕުން ހާމަކޮށްފައިވާ ގޮތުގައި، ނަވާލަނީގެ ޝަރީއަތް ކުރިޔަށްދިޔަ ވަގުތު އެކަނިވެސް، އޭނާގެ ޝަރިއަތާ ދެކޮޅަށް މުޒާހިރާ ކުރަމުން ދިޔަ 900 މީހަކު ފުލުހުންވަނީ ހައްޔަރު ކޮށްފައެވެ.

ހުޅަގުގެ ގައުމުތަކުން ދަނީ ނަވާލްނީ މިނިވަން ކުރުމަށް ގޮވާލަމުން
ރަޝިޔާގެ ރައީސް ޕުޓިންގެ އެންމެ ބޮޑު ވާދަވެރިޔާ، ނަވާންލީ ޖަލަށް ލާން ހުކުމް ކުރުމާ ގުޅިގެން، ހުޅަގުގެ ގިނަ ގައުމުތަކުން ދަނީ އޭނާ ވަގުތުން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. މިގޮތުން އެމެރިކާގެ އާ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވެފައިވަނީ، ނަވާލްނީ ހައްޔަރު ކޮށްފައިވަނީ، އޭނާގެ އިންސާނީ ހައްގުތަށް ނިގުޅައިގަތުމަށްފަހު ކަމުގައެވެ. އަދި އޭނާވަނި ނަވާލްނީ ވަގުތުން މިނިވަން ކުރުމަށް ރަޝިއާގެ ރައީސަށް ގޮވާލައްވާފައެވެ.
ޓުވިޓަރ މެދުވެރިކޮށް ނެރުއްވި ސްޓޭޓްމަންޓެއްގައި ފްރާންސްގެ ރައީސް އެމަނޫލް މެކްރޮން ވިދާޅުވެފައި ވަނީ، "އެލެކްސީ ނަވާލްނިއާމެދު ކަންކުރެވެމުންދަނީ ގަބޫލު ކުރެވޭ ގޮތަކަށް ނޫން، ސިޔާސީ ޚިޔާލު ތަފާތުވުމަކީ ކުށެއް ނޫން، ނަވާލްނީ ވަގުތުން މިނިވަން ކުރުމަށް ގޮވާލަން."
އިގިޭސި ޚަަރިޖީ ވަޒީރު ޑޮމިނިކް ރާބްވެސް ވަނީ ނަވާލްނީ މިނިވަން ކުރުމަށް ރަޝިއާގެ ރައީސަށް ގޮވާލައްވާފައެވެ. "އިގިރޭސިވިލާތުން މިގޮވާލަނީ ވަގުތުން ވަގުތަށް ނަވާލްނީ މިނިވަން ކުރުމަށް. މިއަދުގެ ހުކުމުން މި ދައްކުވައިދެނީ، ވިހަ ދިން މީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމުގެ ބަދަލުގައި، ވިހައިގެ ޝިއާރައަކަށްވީ މީހާއަށް އަދަބު ދިންތަން. ރަޝިއާގެ މިއަމަލުން ސާބިތު ކޮށްދެނީ، ބައިނަލް އަގުވާމީ މަސްރަހުގެ ބައިވެރިއެއްގެ ގޮތުގައި ވުމުގެ އެއްވެސް ޝަރުތެއް ރަޝިއާގައި ފުރިހަމަ ވެފައި ނެތްކަން،" އޭނާ އިތުރަށް ވިދާޅުވިއެވެ.
ޖަރުމަރުގެ ޚާރިޖީ ވަޒީރު ހެއިކޯ މާސް ވިދާޅުވެފައިވަނީ، މިހުކުމަކީ ރަޝިއާގެ ގާނޫނީ ހުކޫމަތަށް ކުރިމަތިވި "އެންމެ ބޮޑު ގޮންޖެހުން" ކަމުގައެވެ.
2020 ވަނަ އަހަރުގެ އޮގަސްޓުމަހު، މިލިޓަރީ ގްރޭޑްގެ ވިހަ ކެމިކަލެއް ކަމުގައިވާ ނޮވިކޮކް ބޭނުންކޮށްގެން ނަވާލްނީއަށް ވިހަދިނުމުގެ ސަބަބުން އޭނާއަށް މަރާ ހަގުރާމަ ކުރަންޖެހުނެވެ. މި ވިހަ މާއްދާގެ ބޭނުންކޮށްގެން އޭނާއަށް ވިހަދީފައިވަނީ، ސާބިއާއަށް ކުރި ދަތުރަކަށްފަހު އެބުރި ރަޝިއާއަށް ވަޑައިގަތް މަގުމަތީގައެވެ.
ސީއެންއެންއާ އަދި ބެލިންކެޓް ނަމަކަށް ކިޔާ ގްރޫޕެއް ގުޅިގެން ހިންގި ތަހުގީގަކުންވަނީ، ނަވާލްނީ ސާބިއާއަށް ކުރި ދަތުރުގައި، ރަޝިއަން ސެކިއުރިޓީ ސާވިސް (އެފްއެސްބީ)ގެ ޓީމަކުން އޭނާއަށް ވިހަ ދިނުމަށް އެދަތުރުގައި ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީ ހޯދާފައެވެ. ވިހަވެ ނަވާލްނީ ބަލިވެފައިވަނީ، މިދަތުރުގައި ސާބިއާއިން ރަޝިއާގެ މޮސްކޯއަށް ދިއުމަށް ކުރި ދަތުރުގައި ފްލައިޓް މަތީގައެވެ.
ޖަރުމަނުގައި ހުންނަވައިގެން، ވިހައިގެ އަސަރު ހަށިގަޑުން ފިލަންދެން ފަރުވާ ހޯދުމަށްފަހު، އެބުރި ރަޝިއާއަށް ވަޑައިގަތުމަށް ފުރާވަޑައިގަތުމުގެ ކުރިން އަމިއްލަ އިންސްޓަރގްރާމް އެކައުންޓުގައި ޝާއިއުކުރި ޕޯސްޓެއްގައި ނަވާލްނީ ވަނީ އޭނާގެ ފަރުވާއަށް ވެދެއްވި އެހީތެރިކަމަށް ޖަރުމަނުވިލާތަށް ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓު ފޮނުވާ