މިޔަންމާރގެ އަސްކަރީ ޖެނެރަލް މިން އައުންގ ލައިންގ

މިޔަންމާގެ ބަޢާވާތް: ކިހިނެއްވެގެން ގެނައި ބަޢާވާތެއް؟ ދެން ވާނީ ކިހިނެއް؟

މިޔަންމާގެ ބަޢާވާތް: ކިހިނެއްވެގެން ގެނައި ބަޢާވާތެއް؟ ދެން ވާނީ ކިހިނެއް؟

ރައްޔިތުންގެ ސަރުކާރަކާ ގައުމުގެ ވެރިކަން ހަވާލު ކުރާނެކަމަށް އެއްބަސްވެ، މިޔަންމާރއަށް ޑިމޮކްރަޓިކް ބަދަލުތައް އަންނަންފެށިތާ 10 އަހަރު ނުވަނީސް، މިޔަންމާރގެ ބާރުގަދަ އަސްކަރިއްޔާއިން މިވަނީ، އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގައުމުގެ ހުރިހާ ބާރުތަކެއް އަބުރާ އަތުލާފައެވެ.

2011 ވަނަ އަހަރު ޑިމޮކްރަސީގެ ވެރިކަމަކަށް ރުޖޫޢަ ވުމުގެ ކުރިން، 50 އަހަރުގެ ދިގު ތާރީޚުގައި، ޚުދުމުޚްތާރު އަސްކަރީ ވެރިކަމެއްގެ ހިޔަނީގައި އޮތް މިޔަންމާރގައި އަނެއްކާވެސް މިވަނީ ބިރުވެރިކަމާ ނުތަނަވަސްކަން ފެތުރިފައެވެ. އިއްޔެގެ ހުނދުނުގެ އެރިއިރާއެކު، އެގައުމުގެ ރަމްޒީ ރައީސް އަންގސަންގ ސޫކީ ގޭގައި ބަންދުކޮށް އަދި އެހެނިހެން ސިޔާސީ ވެރިން ހައްޔަރު ކުރުމާއެކު، މާޒީއާ އެކުވެގެން ގޮސްފައިވާ ކަމަށް އެތައް ބަޔަކު އުއްމީދުކޮށްގެން ތިބި މާޒީއެއް އަނެއްކާވެސް މިޔަންމާގައި މިވަނީ އިއާދަވެފައެވެ.

2015ގައި އޮތް، ފާއިތުވެދިތަ 25 އަހަރު ތެރޭގައިވެސް މިޔަމްމާރގައި ބޭއްވުނު ހަމައެކަނި މިނިވަން އިންސާފުވެރި އިންތިޚާބު ކާމިޔާބުކޮށް މިހާތަނަށް އެގައުމުގައި ވެރިކަން ކުރަމުން އައީ، 2015ގެ އިންތިޚާބާ ހަމައަށް އެގައުމުގައި މަނާކުރެވިފައި އޮތް، އަންސަންގ ސޫކީގެ ނޭޝަނަލް ލީގު ފޯރ ޑިމޮކްރަސީ (NLD) އިންނެވެ. އަދި ފާއިތުވެދިޔަ ނޮވެމްބަރު މަހުގެ ރިޔާސީ އިންތިޚާބަށްފަހު، މިހަފްތާގެ ހޯމަދުވަހުގެ ހެނދުނަކީ، އެޕާޓީން މިޔަމްމާރގައި ވެރިކަމުގެ އާދައުރު (ދެވަނަ ދައުރު) ފެށުމަށް ހަމަޖެހިފައިވާ ވަގުތެވެ.

އެހެންނަމަވެސް، އާ ރިޔާސީ އިންތިޚާބެއް ބޭއްވިގެން ދިޔަނަމަވެސް، އަދި ފާއިތުވެދިޔަ 5 އަހަރު އެގައުމުގައި މަދަނީ ސަރުކާރެއް އޮތްކަމުގައި ވީނަމަވެސް، ފަރުދާގެ ފުރަގަހުގައި، މިޔަންމާރ (ބަރުމާ)ގެ ބާރުގަދަ އަސްކަރިއްޔާއިން ގެންދިޔައީ ގިނަގުނަ ބާރުތަކެއް މުށުތެރޭގައި ގެންގުޅެމުންނެވެ. ހުރިހާވެސް ޝުކުރެއް އޮތީ މިޔަންމާރ އިސްލާހުކުރެވުނު ގާނޫނު އަސާސީއަށެވެ.

މިޔަންމާރގެ އިސްލާހު ކުރެވުނު ގާނޫނު އަސާސީގައި ވާގޮތުން، ގާނޫނު ހަދާ މަޖިލީހުގެ 1/4 ގޮޑި އަސްކަރިއްޔާއަށް ޚާއްސަ ކުރެވިފައިވާއިރު، މިޔަންމާރ ސަރުކާރުގެ ބާރުގަދަ އެތަކެއް ވުޒާރާއެއްވެސް އަދިވެސް އޮންނަމުން އައިސްފައިވަނީ އަސްކަރިޔާގެ ބާރުގެ ދަށުގައެވެ.

އެހެންކަމުން، މިހަފްތާގެ ހޯމަދުވަހުގެ ބަޢާވާތަށްފަހު، ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލަކީ، ޚުދު ގާނޫނު އަސާސީން ކަށަވަރު ކޮށްދޭ އެތަކެއް ބާރުތަކެއް މިޔަންމާރގެ އަސްކަރިޔާގެ މުށުތެރޭގައި ވަނިކޮށް، އަސްކަރިއްޔާއިން، މިވަގުތު ބާޢާވާތެއް ކުރަންޖެހުނު ސަބަބުތަކަކީ ކޮބައިތޯއެވެ؟ އަދި ދެން މިޔަންމާގައި ކަންވެގެން ދާނީ ކޮން ގޮތަކަށް ތޯއެވެ؟

ޖަޕާނުގެ ޓޯކިޔޯގައި ހުންނަ ޔުނައިޓެޑް ނޭޝަންސް ޔުނިވަރސިޓީ ބިލްޑިން ކައިރީގައި އަންގސަން ސޫކީގެ ފޮޓޯއާއެކީ އެކްޓިވިސްޓުން މުޒާހިރާ ކުރަނީ

"ޓްރަމްޕިއަން" (ޓްރަމްޕް ކުރިކަހަލަ) ވޯޓު އޮޅުވާލިކަމުގެ ތުހުމަތުތައް

މިޔަންމާގެ އަސްކަރިއްޔާއިން، ރައްޔިތުން އިންތިޚާބު ކުރި ވެރިކަން ވައްޓާލާ، ބަޢާވާތެއް މިގެނައި ވަގުތަކީ އޭގެ ޒާތުގައިވެސް އިތުރު ތަފްސީލަކަށް ދާންޖެހޭ ދަޑިވަޅެއް ނޫނެނެވެ.

މިޔަންމާރގެ އަސްކަރިއްޔާއިން ބަޢާވާތް ގެނައި ދުވަހުގެ (ހޯމަ ދުވަހުގެ) ހެދުނަކީ އެގައުމުގެ ގާނޫނު ހަދާ މަޖިލިސް އާދައުރުގެ ފުރަތަމަ ސެޝަންގައި ބައްދަލުކޮށް، އިންތިޚާބުގެ ނަތީޖާ ރަސްމީކޮށް ބަލައިގަތުމަށް ނިންމާނެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ތާރީޚީ ވަގުތެވެ. ހޯމަ ދުވަހު ހެދުނު ގެނެވުނު ބަޢާވާތުގެ ނަތީޖާއެއްގެ ގޮތުން، މިޔަންމާރގެ ގާނޫނު ހަދާ މަޖިލީހުގެ ރުހުން ނޮވެމްބަރު މަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ލިބިގެން ދިއުމުގެ ފުރުސަތު ގެއްލިގެން ދިޔައީއެވެ.

ފާއިތުވި ނޮވެމްބަރު މަހު މިޔަންމާރގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި، އަންސަންގ ސޫކީގެ އެންއެލްޑީ ޕާޓީން ވަނީ %80 އަށްވުރެ މަތީ އަޢުލަބިއްޔަތެއް ކާމިޔާބު ކޮށްފައެވެ. އަދި މިނަތީޖާއަށް އެކަނި ބަލާލި ކަމުގައިވި ނަމަވެސް، މިޔަންމާރގެ ރޮހިންގޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ އަސްކަރިއްޔާއިން ހިންގި ލާއިންސާނީ ބޮޑެތި ޖަރީމަތަކުގެ ޒިންމާއާއި ބަދުނާމު އުފުލަން ޖެހިފައި ހުންނެވި ނަމަވެސް، އަންސަންގ ސޫކީއާއި އެކަމަނާގެ ޕާޓީއަށް އެގައުމުގައި އާދަޔާ ޚިލާފު ބޮޑު ތާޢީދެއް އޮތްކަން ސާބިތު ކޮށްދެއެވެ.

އެހެންނަމަވެސް، ފާއިތުވެދިޔަ ރިޔާސީ އިންތިޚާބަށްފަހު، އަންސަންގ ސޫކީގެ އެންއެލްޑީ އާއި ވާދަކުރި، މިޔަންމާގެ އަސްކަރިއްޔާގެ ތާއީދު އޮތް، އިދިކޮޅު ޕާޓީންވަނީ، އިންތިޚާބުގައި މަކަރު ހެދުމާއި އޮޅުވާލުންތައް އިންތިހާއަށް ބޮޑުކޮށް ހިގާފައިވާ ކަމުގެ ތުހުމަތު ކޮށްފައެވެ. އަދި، މިޔަންމާރގެ، ވަގުތީ ގޮތުން މަގާމަށް އައްޔަން ކުރެވިފައިވާ، މިހާރު ހުންނެވި ވަގުތީ ރައީސްވެސް ވަނީ، މިތުހުމަތުތައް ތަކުރާރު ކުރައްވާ ބަޔާނެއްވެސް ނެރުއްވާފައެވެ. ވަގުތީ ރައީސެއްގެ ގޮތުގައި އަލަށް މަގާމަށް އައްޔަން ކުރެވިފައިވާ، މިޔަންމާގެ މިހާރުގެ ރައީސްގެ މިބަޔާނުގެ ނަތީޖާއެއްގެ ގޮތުން، ފާއިތުވެދިޔަ އަހަރެއްހާ ދުވަހު އެގައުމުގައި ދެމިއޮން ކުއްލި ނުރައްކަލުގެ ހާލަތު އަދި އިތުރަށް ދެމެހެއްޓުމުގެ ފުރުސަތު އަސްކަރިޔާއަށް ލިބިގެން ދިޔައެވެ.

"ވޯޓަރސް ލިސްޓުގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރުމުގައި އިލެކްޝަންސް ކޮމިޝަންވަނީ ފެއިލް ވެފަ،" މިޔަންމާރގެ ނާއިބު ރައީސްކަމުގެ މަގާމުގައި މިހާރު ހުންނެވި، ކުރީގެ ޖެނެރަލް މިންޓް ސްވޫ ވިދާޅުވެފައި ވެއެވެ.

މިޔަންމާރގެ ވެރިރަށް ޔަންގޫންގައި އިދާރީ މައި މަރުކަޒު، ސިޓީ ހޯލްގައި ސިފައިން ފޯރި މަރަނީ

އެހެންނަަމަވެސް، އަސްކަރިއްޔާގެ ތާޢީދު އޮތް، އިދިކޮޅު ފަރާތްތަކުން ކޮށްފައިވާ މިތުހުމަތުތައް ސާބިތު ކުރުމުގެ ގޮތުން އެފަރާތްތަކަށް މާބޮޑެތި ހެކިތަކެއް ދެއްކިފައި ނުވެއެވެ.

"އެއްވެސް ޝައްކެއް ނެތް ގޮތުގައި، މިއިންތިޚާބު ކާމިޔާބު ކޮށްފައިވަނީ އަންސަންގ ސޫކީ،" އޭޝިއާގެ ހިއުމަން ރައިޓްސް ވޮޗްގެ ޑެޕިއުޓީ ޑިރެކްޓަރ ފިލް ރޮބަޓްސަން ވިދާޅުވިއެވެ. "އިންތިޚާބުގައި ގޯސްތައް ހިގާފައި ހުރިކަމުގެ ޝަކުވާތައް އެބަހުރި. އެހެންނަމަވެސް އެއީ، ޓްރަމްޕިއަން (ޓްރަމްޕް ކުރި ޒާތުގެ) ޝަކުވާތައް- މިހުރިހާ ޝަކުވާތަކާއި ތުހުމަތުތަކަކީވެސް އެއްވެސް ހެއްކެއް ފެންނަން ނެތް ކަންތައްތަކެއް،" އޭނާ އިތުރަށް ވިދާޅުވިއެވެ.

ރޮބަޓްސް، މިޔަންމާރގެ އަސްކަރިއްޔާއިން ބާރުތައް މުށުތެރެއަށް ލީލުން ސިފަކޮށްފައިވަނީ، އެއްވެސް "ހުއްޖަތެއް ދެއްކެން ނެތް" ކަމެއްގެ ގޮތުގައެވެ.

"މި ވޯޓުގެ މާނައަކީ އަސްކަރިއްޔާއަށް ބާތުރައް ގެއްލިގެން ދިއުންތަ؟ ނޫން."

ގައުމުގެ "ބައްޕަ"އަށް ކުރިމަތި ވެފައިވާ ލަދުވެތިކަން

ފާއިތުވެދިޔަ ނޮވެމްބަރު މަހު މިޔަންމާރގައި ބޭއްވިގެންދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާތައް ދައްކާގޮތުން، އެގައުމުގެ އަސްކަރިއްޔާގެ ތާއީދު އޮތް، ޔޫނިއަން ސޮލިޑާރިޓީ ޑިވެލޮޕްމަންޓް ޕާޓީ (USDP)އަށް ކާމިޔާބު ކުރެވިގެން ދިޔައީ، މަދު އިންސައްތައެއްގެ ވޯޓެވެ. އެހެންނަމަވެސް، "މިލިޓަރީ ޖުންޓާ"ގެ ވެރިކަމުގައި 2008 ވަނަ އަހަރު އެކުލަވާލެވިފައިވާ އެގައުމުގެ ގާނޫނު އަސާސީގައިވާ ގޮތުން، އަދިވެސް އަސްކަރިޔާއަށް ބޮޑެތި ބާރުތަކެއް ސަރުކާރުގައި ވަނީ ލިބިދީފައެވެ.

މިޔަންމާރގެ ގާނޫނު އަސާސީގައި ވާގޮތުން، އަސްކަރިޔާއަށް ހަމައެކަނި ލިބިދީފައި އޮތް ބާރަކީ، ގާނޫނު ހަދާ މަޖިލީހުގެ 1/4 ގޮޑިއަށް އިންތިޚާބު ކުރުމަކާ ނުލާ މެމްބަރުން އައްޔަން ކުރުމުގެ ބާރު އެކަންޏެއް ނޫނެވެ. ސަރުކާރުގެ ބާރުގަދަ އަދި އެހާމެ މުހިންމު ވުޒާރާތަކެއް ކަމުގައިވާ ހޯމް އެފެއާޒް މިނިސްޓްރީއާއި، ޑިފެންސް މިނިސްޓްރީގެ އިތުރުން ބޯޑަރ އެފެއާޒް މިނިޒްޓްރީއަކީވެސް ސީދާ ގާނޫނު އަސާސީން މިޔަންމާރގެ އަސްކަރިއާއަށް ލިބިދީފައި އޮތް މިނިސްޓްރީތަކެވެ.

އެހެންކަމުން، މިހާރު އޮތް ގާނޫނު އަސާސީ މިހާރު އޮތްގޮތުގައި ދެމި އޮތްހާ ހިދަކު، މިޔަންމާރގެ ސަރުކާރުގެ ބޮޑެތި ބާރުތަކެއް އަބަދުވެސް އަސްކަރިއްޔާގެ މުށުތެރޭގައި ދެމި އޮންނާނެއެވެ. އެހެންނަމަވެސް އަންސަންގ ސޫކީގެ އެންއެލްޑީއަށް އިންތިޚާބުގައި ލިބިގެންދިޔަ ބޮޑު މެޖޯރިޓީއާއެކު، މިޔަންމާރގެ ގާނޫނު އަސަސީ އެޕާޓީން ބަދަލު ކޮށްފާނެ ބާވައެވެ؟

މިއީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ. ސަބަބަކީ، މިޔަންމާރގެ ގާނޫނު އަސާސީ ބުނާގޮތުން ގާނޫނު އަސާސީއަށް ބަދަލު ގެނެވެނީ ގާނޫނު ހަދާ މަޖިލިހުގެ %75 ތާޢިދު ލިބިގެން ކަމަށް ވާއިރު، ހަމަ އެގާނޫނު އަސާސީގައި ވާގޮތުން، އިންތިޚާބު ކުރުމަކާ ނުލާ، ގާނޫނު ހަދާ މަޖިލީހަށް %25 މެމްބަރުން އައްޔަން ކުރުމުގެ ބާރު އަސްކަރިއްޔާއަށް ލިބިގެން ވާތީއެވެ.

ޖަޕާނުގައި ދިރިއުޅޭ މިޔަންމާރގެ ރައްޔިތުންވަނީ އަސްކަރިއްޔާއިން ގެނައި ބަޢާވާތާ ދެކޮޅަށް މުޒާހިރާ ކޮށްފައި

މިޔަންމާރގެ ކުރީގެ ނޫސްވެރިއެއް ކަމުހައިވާ، އަދި މިހާރުގެ އެޑިއުކޭޓަރ އައި މިން ތަންޓް ވިދާޅުވާ ގޮތުގައި، މިޔަންމާރގެ އަސްކަރިއްޔާއިން މިހަފްތާގެ ހޯމަދުވަހު ގެނައި ބަޢާވާތުގެ ހަގީގީ ސަބަބަކީ މުޅިން އެހެން ސަބަބަކަށް ވުން ވަރަށް ގާތެވެ. އޭނާ ވިދާޅުވި ގޮތުގައި، ފާއިތުވެދިޔަ ރިޔާސީ އިންތިޚާބަށްފަހު، އަސްކަރިއްޔާއަށް ކުރިމަތި ލާންޖެހިފައިވާ ލަދުވެތި ކަމަކީ، އަސްކަރިއްޔާއަށް ހަޖަމްކުރުން ފަސޭހަ ލަދުވެތި ކަމަކަށް ނުވާނެއެވެ.

"އެމީހުން އެއްވެސް ވަރަކަށް އުއްމީދެއް ނުކުރާނެ މިއިންތިޚާބުގައި މިވަރުގެ ބޮޑު ބައްޔަކުން ބަލިވާކަށް،" މިޔަންމާގެ ވެރިރަށް ޔަންގޮން (ރަންގޫން) ހުރެ ބައެއް މީޑިއާތަކާ ވާހަކަ ދައްކަމުން އޭނާ ވިދާޅުވިއެވެ. "ގަބޫލު ކުރެވޭ ގޮތުގައި، އަސްކަރިއްޔާގައި މަސައްކަތްކުރާ ސިފައިންގެ، އާއިލާތަކުންވެސް ވޯޓު ދީފައިވަނީ އަސްކަރިއްޔާއާއި ދެކޮޅަށް،" އޭނާ އިތުރަށް ވިދާޅު ވިއެވެ.

އެހެންނަމަވެސް، އަސްކަރިޔާއިން ގެނައި މި ބަޢާވާތުގައި ހަގީގީ ސަބަބަކީ މިއީ އެކަނި ނޫންކަމުގައި އޭނާވެސް ގަބޫލު ކުރެއެވެ.

"މި ބާޢާވާތުގެ އަސްލު ސަބަބު ދެނެގަތުމަށްޓަކާ، މިޔަންމާރގެ އަސްކަރިއްޔާއަށް އެގައުމުގައި އޮންޖެހޭ ކަމަށް އެމީހުން ދެކޭ މަގާމާއި ހައްސިއްޔަތު އެގުން ވަރަށް މުހިންމު،" އައި މިން ތަންޓް ވިދާޅުވިއެވެ. "ބޭރުގެ މީޑީއާތަކުން އަބަދުވެސް އަންގސަންގ ސޫކީ ސިފަ ކުރަމުން ދަނީ މިޔަންމާރގެ 'މަންމަ’ގެ ގޮތުގައި. އެހެންނަމަވެސް އަސްކަރިއްޔާއިން ދެކޭގޮތުގައި އަސްކަރިއްޔާއަކީ މިޔަންމާގެ 'ބައްޕަ'." އޭނާ އިތުރަށް ވިދާޅުވެފައި ވެއެވެ.

ނަތީޖާއެއްގެ ގޮތުން، ވެރިކަމުގެ ބާރުތަކާ ހަމައަށް އައުމުން އަބަދުވެސް، މިޔަންމާރގެ އަސްކަރިއްޔާއަށް އެއީ ހަމައެކަނި އެމީހުން ޒިންމާއަކާއި މަސްއޫލިއްޔަތެއް ގޮތުގައި އެގައުމުގައި އޮންނަނީ ސިފަކުރެވިފައެވެ. އަދި ވަކީން ޚާއްސަކޮށް، ފާއިތުވެދިޔަ އަހަރުތަކުގައި މިޔަންމާ ބައިނަލް އަގުވާމީ މަސްރަހަށް އިތުރަށް ހުޅުވި، އަދި ދުނިޔޭގެ އެތައް ގައުމަކާއެކީ ވިޔަފާރީގެ ގުޅުންތައް ގާއިމް ކުރަމުން އަންނަތަން ބަލަން އޮތުމަކީވެސް އަސްކަރިޔާއިން ގަޔާވާ ކަމެއްގެ ގޮތުގައި ސިފަކުރެވިގެން ގޮސްފައެއް ނުވެއެވެ.

"އެމީހުން އަބަދުވެސް، ބޭރު މީހުން ދެކެނީ ގައުމަށް ހުރި ބޮޑު ނުރައްކަލެއްގެ ގޮތުގައި."

މިހާރު މިޔަންމާރއާވެސް ކުރިމަތިވެފައިވާ ސިއްޙީ ކާރިސާއާއި، އަދި ފާއިތުވެދިޔަ ރިޔާސީ އިންތިޚާބުގައި، ރޮހިންގޔާ މުސްލިމުންނަށް ވޯޓު ލުމުގެ ހައްގު ލިބެންޖެހޭނެ ކަމަށް ބޭރުގެ ބާރުތަކުން ވަކާލާތު ކުރި ކުރުން ވެގެން ގޮސްފައިވަނީ، އެގައުމުގެ އަސްކަރިޔާއިން "އަވަސް ފިޔަވަޅުތަކެއް" އަޅަން ޖެހޭކަމަށް އެމީހުންނަށް ފެނުނު މުހިންމު ސަބަތަކެއްގެ ގޮތުގައި އައި މިން ތަންޓް ފާހަގަ ކުރިއެވެ.

އެހެންނަމަވެސް، މިހުރިހާ ސަބަބުތަކާ އެކީވެސް، މިޔަންމާރއަށް އެގައުމުގެ އަސްކަރިއްޔާއިން މިގެނައި ބަޢާވާތް އަންގސަންގ ސޫކީއަށް ވެގެންދާނީ ލިބިގެންދިޔަ ހައިރާން ކަމަކަށެވެ.

އަސްކަރިއްޔާއިން ގެނައި ބައާވާތަށް ތާއީދުކޮށް ވެރިރަށުގައި މަދު ބަޔަކު ވަނީ އުފާފާޅު ކޮށްފައި

ކުރިމަގު

ސިޔާސީ މަސްރަހު ދިރާސާކުރާ އެތަކެއް ފަރާތަކުން އަދިވެސް ސުވާލު އުފައްދަމުން ދަނީ، މިޔަންމާރގެ އަސްކަރިއްޔާއިން، ހާސިލްވާނެ ކަމަށް ބެލެވޭ މާބޮޑެތި ސިޔާސީ މަންފާތަކެއް ފެންނާން ނެތީސް، މިދަނޑިވަޅުގައި ބަޢާވާތެއް ގެންނަން ބޭނުންވި ހަގީގީ ސަބަބު ތަކާމެދުއެވެ.

"ގަބޫލު ކުރަންޖެހޭ ހަގީގަތަކީ، މިޔަންމާގައި މިހާރު އޮތް ވެރިކަމުގެ ނިޒާމަކީ، އަގައުމުގެ އަސްކަރިއްޔާއަށް ނުހަނު ފައިދާ ބޮޑު ނިޒާމެއްކަން: އެމީހުންނަށް އަމުރު މައުރޫފް ހިންގުމުގައި ފުރިހަމަ މިނިވަންކަން އެބައޮތް، އެމީހުންގެ އަމިއްލަ ވިޔަފާރީގެ މަސްލަހަތާ އެއްގޮތަށް ކުރިޔަށްދާ ބައިނަލް އަގުވާމީ ބޮޑެތި އިންވެސްޓްމަންޓްތައް އެބަހުރި، އަދި މާޒީގައި ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު އެތައް ޖަރީމާއަކަށް މަދަނީ ރައްކާތެރިކަން ފުރިހަމައަށް ލިބިފަ އެބައޮތް،" ނޭޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޯރގެ އޭޝިއާ ރިސާޗް އިންސްޓިޓިއުޓްގައި، ޕޯސްޓް ޑޮކްޓޯރަލް ރިސާޗް ފުރިހަމަ ކުރަމުންދާ ޖެރާޑް މެކާތީ ބީބީސީ އަށް ދިން އިންޓަވިވްއެއްގައި ބުނެފައި ވެއެވެ.

"ބަޢާވާތް ގެންނަމުން އެމީހުން ބުނެފައިވާ ގޮތަށް، އެއް އަހަރުގެ މުއްދަތައް ބާރުތައް އެމީހުންގެ މުށުތެރެއަށް ޖަމާކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ، ޗައިނާއާއި ގުޅުމެއް ނެތް، ބޭރުގެ ހުރިހާ އެކުވެރިން ކަހަލަ ގޮތަކަށް ގެއްލިގެން ދިއުން، އަދި އަސްކަރިއްޔާއާ ގުޅުންހުރި ބޭރުގެ ވިޔަފާރީގެ ހުރިހާ މަސްލަހަތުތަކަށް ގެއްލުން ލިބިގެންދާނެ، އަދި މީގެ އިތުރުން، އަންގްސަން ސޫކީއާއި އޭނާގެ އެންއެލްޑީ ޕާޓީއަށް އިތުރު ދައުރެއް ދިނުމަށް ތާއީދު ކުރި އެތައް މިލިޔަން މީހުންގެ ނުރުހުމާއި އަދި ދެކޮޅުވެރިކަމާއި އަސްކަރިއްޔާއަށް ކުރިމަތި ލާންޖެހޭނެ،" އޭނާ ބުނެފައި ވެއެވެ.

އޭނާ އިތުރަށް ފާހަގަ ކުރި ގޮތުގައި، ފަހަރެއްގައި، އިދިކޮޅު ޕާޓީ، ޔޫއެސްޑީޕީން ކުރިޔަށް އޮތް އިންތިޚާބުތަކުގައި ރަގަޅު ނަތީޖާތަކެއް ނެރެދިނުމުގައި އެހީތެރިވެދިނުން އަސްކަރިއްޔާގެ މަގުސަދަކަށް ވެދާނެއެވެ. އެހެންނަމަވެސް، މިފަދަ މަގުސަދެއްގައި، މިހާރު އަސްކަރިއްޔާއިން މިއެޅި ފިޔަވަޅުގެ ރިސްކު އިންތިހާއަށް ބޮޑުކަމުގައި އޭނާ ފާހަގަ ކުރިއެވެ.

އޭޝިއާގެ ހިއުމަން ރައިޓްސް ވޮޗްގެ ޑެޕިއުޓީ ޑިރެކްޓަރ ފިލް ރޮބަޓްސަން ވިދާޅުވި ގޮތުގައި މިޔަންމާރގެ އަސްކަރިއްޔާއިން މިއެޅު ފިޔަވަޅުގެ ނަތީޖާއެއްގެ ގޮތުން، އަނެއްކާވެސް އެގައުމުގެ ބައިނަލް އަގުވާމީ މަސްރަހުގައި އެކަނިވެރިވެ، އަދި އަމިއްލަ ގައުމުގައި ރައްޔިތުންގެ ނުރުހުން އަމާޒުވެގެން ދާނެއެވެ.

"އަހަރެންނަށް ގަބޫލެއް ނުކުރެވޭ މިޔަންމާރގެ ރައްޔިތުން މި ބަދަލު، ހަޖަމް ކޮށްގެން ތިބެދާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ. "އެމީހުން ބޭނުމެއް ނުވާނެ، މާޒީގެ އަސަކަރީ ވެރިކަމުގެ މުސްތަގުބަލެއް. އެމީހުން ދެކޭނީ، އަސްކަރީ ވެރިކަމަކަށް އެބުރި ނުދިއުމަށް އޮތް ހަމައެކަނި އައްޑަނައަކީ އަންގސަންގ ސޫކީ ކަމަށް،"

އެހެންނަމަވެސް އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މަޝްވަރާ ކޮށްގެން މިހާލަތުން އަރައިގަތުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މިޔަންމާގައި މި ބަދަލާ ގުޅިގެން ބޮޑެތި މުޒާހިރާތައް ފެށިއްޖެނަމަ، ދެން ފެނިގެންދާނީ މިޔަންމާރ އަނެއްކާވެސް ހަގީގީ ކާރިސާއެއްގެ ތެރެއަށް ގެނބިގެންދާ މަންޒަރެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

Leave a Reply

Your email address will not be published. Required fields are marked *