ވެރިކަން ކުރަމުންދާ އެމްޑީޕީން ރައްޔިތުންނަށް ކުލަ ހުވަފެން ދައްކައި ރައްޔިތުންނަށް އޮޅުވާލައިގެން ކަންކަން ކުރެވުނު ޒަމާން ފާއިތުވެއްޖެ ކަމަށާއި، ދެން ރައްޔިތުންނަށް ސަޅިބައިސާ ނުވިއްކޭނެކަމަށް ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ގުޅޭގޮތުން އިއްޔެ އެމްޑިޕީގެ ރައީސް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ޑރ.ޖަމީލް ވިދާޅުވީ ވެރިކަން ލިބި ފާއިތުވެދިޔަ ދުވަސްތަކުގައި ރައްޔިތުންނަށް އެއްވެސް އުންމީދެއް ނުދެވި ފެނިގެން ގޮސްފައިވަނީ ނާގާބިލުކަމާއި ކަންކަން ކުރަން ނޭގޭ ކަމުގެ މިސާލުކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ޤައުމަށް ގެނެސްދެއްވި ތަރައްޤީއާއި އެކު މިއަދު ވެރިކަން ކުރައްވާ ބޭފުޅުން އާޝޯހު އެތަންތަނުގެ މަންޒަރު ބެލުން ނޫންކަމެއް މިސަރުކާރުގެ ވެރިންނަށް ނުކުރެވޭކަމަށް ޖަމީލް ވިދާޅުވިއެވެ. އެމްޑީޕީއަށް ރައްޔިތުން ދެ ފަހަރެއްގެ މަތީން ވެރިކަމުގެ ބާރުތައް ދެއްވިނަމަވެސް ފެނިގެންދިޔައީ ސަޅި ބައިސާ ކަނޑައި މޮޅު ވާހަކަ ދައްކާ މަންޒަރުކަމަށާއި، ނަމަވެސް ދެން އެވާހަތަކާއި އެކަންކަން ޤަބޫލުކުރާނެ ރައްޔިތުން ނެތްކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.
ވެރިކަމާއި މަޖިލީހުން ޞާބިތުވީ އެމްޑީޕީގެ ނާޤާބިލްކަން. ކުރާނެ އިތުރު ތަޖްރިބާއެއް ނެތް. ޕީޕީއެމް އިން ދެއްކީ ތަރައްޤީ. ބްރިޖާއި މަޝްރޫޢުތައް ފެނި ޚުދު މަޖިލިސް ރައީސް އާޝޯހްވި. އެމްޑީޕީއަށް އަބަދު ސަޅިބައިސާ ނުވިއްކޭނެ. އިންޝާﷲ މިނިވަން އިންތިޚާބެއް ޕީޕިއެމް އިން ފަތަޙަކުރާނެ.
– ޑރ.ޖަމީލް ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބާއި ދިމާކޮށް ސަރުކާރު ހިންގާ މައި ޕާޓީން އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބުގައި އިދިކޮޅު ފަރާތްތައް ބޮޑު ބައްޔަކުން ބަލިކުރާނެކަމަށެވެ. އަދި އިންތިޚާބުން އެމްޑީޕީ ބަލިވާނެ އެއްވެސް ފުރުޞަތެއް ނެތްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައިސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އެންމެ ފަހުން ބޭއްވި ދެ އިންތިޚާބުވެސް އެމްޑީޕީން ވަނީ ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބުކޮށްފައެވެ. އެގޮތުން ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބުވެސް ކާމިޔާބުކުރީ އެމްޑީޕީންނެވެ. ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ އިންތިޚާބގެ ގޮނޑި ކާމިޔާބުކުރާނީ ވެސް އެމްޑީޕީންކަމަށް ރައީސް ނަޝީދު ވިދާޅުިއެވެ.
ކޮމެންޓު ފޮނުވާ