ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީ ހައްޔަރުކުރުމާ ގުޅިގެން އެގައުމުގެ ސިލްސިލާކޮށް ކުރިޔަށް ދާ މުޒާހިރާތަކުގައި މިހަފްތާ ބަންދުގައިވެސް، އެތައްހާސް ބަޔަކު އެގައުމުގެ އެކި ސިޓީތަކުގައި ރަޝިއާގެ ރައީސް ޕުޓިންއާ ދެކޮޅަށް މުޒާހިރާ ކޮށްފިއެވެ.
ރަޝިއާގެ މިހާރުގެ ރައީސް ޕުޓިންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ، މިހާރު ޖަލަށްލާފައިވާ، އެލެކްސީ ނަވާލްނީ ދޫކޮށްލުމަށް ގޮވާލާ މަގުތަކަށް ނުކުތް އެތައްހާސް މީހުންނެއް ފުލުހުންވަނީ ހައްޔަރު ކޮށްފައެވެ.
ރަޝިއާގައިމިހާރު ކުރިޔަށްދާ މުޒާހިރާތަކުގައި މީހުން ހަޔަރުކުރެވޭ މިންވަރު މޮނިޓަރ ކުރަމުންދާ OVD-Info ނަމަކަށް ކިޔާ ގުރޫޕުން ހާމަކޮށްފައިވާ ގޮތުގައި، މިހަފްތާގެ އާދީއްތަ ދުވަހު އެކަނިވެސް މުޒާހިރާ ކުރަމުންދިޔަ 4،000 މީހަކު ފުލުހުންވަނީ ހައްޔަރު ކޮށްފައެވެ.
ވެރިރަށް މޮސްކޯގައި ކުރެވުނު މުޒާހިރާތަކުން ފުލުހުންވަނީ 1،000 މީހަކު ހައްޔަރު ކޮށްފައެވެ. އަދި މީގެއިތުރުން ވެރިރަށް މޮސްކޯގައި ކުރިޔަށްދިޔަ މުޒާހިރާގެ ތެރެއިން، ފުލުހުންވަނީ، އެލްކްސީ ނަވާލްނީގެ އަނބިކަބަލުން ނަވާލްނާޔާވެސް ހައްޔަރު ކޮށްފައެވެ. މިއީ އެލެކްސީ ނަވާލްނީ ޖަލަށް ލީފަހުން، އޭނާގެ އަނބި ކަބަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެވަނަ ފަހަރެވެ.
މިހާފްތާ ބަންދުގައި ބޭއްވުނު ފުރަތަމަ މުޒާހިރާ ފެށިފައިވަނީ، އެންމެ އިރުމަތީގައި އޮންނަ ޕޯޓު ސިޓީއެއް ކަމުގައިވާ ވަލްޑިވޮސްޓޮކްގައެވެ. މިސިޓީގައ، ދުރާލާ ފުލުހުން ސަރަހައްދު ބަންދު ކޮށްފައި އޮތްކަމުގައިވިނަމަވެސް، މުޒާހިރާ ކުރާ ފަރާތްތައް އެއްވެފައިވަނީ އެ ސިޓީގެ ސެންޓްރަލް ސްކުއަރ ސަރަހައްދަށެވެ.
މިސިޓީގައި މުޒާހިރާ ކުރި ފަރާތްތަކުން ވަނީ، ރަޝިއާގެ ރައީސަކީ ވަގެއްކަމަށް ބުނެ އަދި ރަޝިއާ މިނިވަންކުރުމަށް ގޮވާ ޝުއޫރު ފާޅުކޮށްފައެވެ.
ހިގަމުންދާ މުޒާހިރާތަކާ ގުޅިގެން ރަޝިއާގެ އިންޓީރިއަރ މިނިސްޓްރީންވަނީ، މިމުޒާހަރާތައް ވަރަށް ބޮޑަށް ކުއްވެރި ކޮށްފައެވެ.
"މިހާރު ހާލަތަށް ބަލާއިރު، މުޒާހިރާ ކުރާ ފަރާތްތަކުން ދަނީ، އާންމު މަސްލަހަތު ގެއްލުވާލުމަށް މަަސައްކަތް ކުރަމުން. އެހެންކަމުން މިހާލަތުގައި ކޮންމެ މީހަކުވެސް ބަލަންވީ އެމީހެއްގެ އަމިއްލަ ސަލާމަތަށް ނުރައްކާ، ކޮންމެ ވަގުތެއްގައިވެސް ވެދާނެކަމަށް. އަހަރުމެން މި ނަސޭހަތްތެރިވަނީ، ކޮންމެ މީހަކުވެސް އެމީހުންގެ ދަރިންނަށް، ގާތްތިމާގެ މީހުންނަށް އަދި ބެލުމުގެ ދަށުގައިތިބޭ މީހުންނަށްވެސް އައިރު ގާނޫނީ އެއްވުންތަކުގައި ބައިވެރި ނުވުމަށް ނަސޭހަތްތެރި ވުމަށް،" އިންޓިރިއަރ މިނިސްޓްރީގެ ތަރުޖަމާން، އިރިނާ ވޯލްކް ވިދާޅުވިއެވެ.
ހިގަމުންދާ މުޒާހިރާތަކުގެ ތެރެއިން ފުލުހުން އެތައް ބަޔަކު ހައްޔަރު ކުރަމުންދާއިރު، އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ނަވާލްނީގެ ޝަރީއަތާއި ދިމާކޮށް، ނަވާލްނީ މިނިވަންކުރުމަށް ގޮވާލަމުންދާ ފަރާތްތަކުންވަނީ، މުޒާހިރާތައް ކުރިހަށް ގެންދާނެކަމަށް ބުނެފައެވެ.
ނަވާލްނީ ޖަލަށް ލުމާއިގުޅިގެން ރަޝިއާގެ މަސްރަހު ހޫނުވަމުންދާއިރު، އެމެރިކާއިން ވަނީ، ނަވާލްނީ ދޫކޮށްލުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
ރަޝިއާގެ ކަމާގުޅޭ އިދާރާކުން ވަނީ، މިހާރު އެގައުމުގައި ހިގަމުންދާ މުޒާހިރާތަކަކީ ހުއްދަ ހޯދައިގެން ބާއްވަމުންދާ މުޒާހިރާތަކަކަށް ނުވާތީ މިއެއްވުންތަކުގައި ބައިވެރި ނުވުމަށް އެގައުމުގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.
މިހާރު ރަޝިއާގައި ކުރިޔަށްދާ މުޒާހިރާތަކާ ގުޅިގެން، ނަވާލްނީއާއި ގުޅުން އޮންނަ އެތައްބަޔަކު ރަޝިއާގެ ސަރުކާރުން ވަނީ ހައްޔަރު ކޮށްފައެވެ.
މީގެ ތެރޭގައި، ނަވާލްނީގެ ތަރުޖަމާން ކިރާ ޔަމީޝްއާއި، އެންޓި ކޮރަޕްޝަން ފައުންޑޭޝަންގެ އިންވެސްޓިގޭޓަރ ޖޯޖް އަލްބުރޯވްއާއި އަދި މީގެ އިތުރުން އޮޕޮޒިޝަން އެކްޓިވިސްޓ ޔުބޯވް ސޮބޯލްވެސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ