މިއަދު އަވަހާރަވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް ރަޝީދުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މި ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން އިބްރާހީމް ރަޝީދުގެ ދަރިކަނބަލުން އަލްފާޟިލާ ޢާއިޝަތު ރަޝީދުއާއި އަދި މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި ދަރިކަލުން މުޙައްމަދު ރަޝީދާ، ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި މި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނު އަވަހާރަވުމަކީ، މުޅި ޤައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޢާއިލާއަށް މި ލިބުނު ފުން ހިތާމައަށް ކެތްކުރެއްވުމުގެ ހިތްވަރު ދެއްވައި، މަރްޙޫމުގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދިވަޑައިގެން ދުޢާ ކުރެއްވިއެވެ.
އިބްރާހީމް ރަޝީދުގެ މޫނުފުޅު ދެކެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު ހެންވޭރު ކަރަންކާގެއަށް ޒިޔާރަތް ކުރެއްވިއެވެ. އަދި ޢާއިލާގެ ބޭފުޅުންނާ ބައްދަލުކުރައްވައި ތަޢުޒިޔާ ވިދާޅުވިއެވެ. އިބްރާހީމް ރަޝީދު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު، މިއަދު މެންދުރުފަހުގެ ވަގުތެއްގައި ހެންވޭރު ކަރަންކާގޭގައެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 92 އަހަރެވެ.
އިބްރާހީމް ރަޝީދަކީ، ސަރުކާރުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އޭގެތެރޭގައި މާބަނޑޭރި އޮފީހުގެ ރަދުންގެ ކާތިބުއްސިއްރު ކަމާއި، ވުޒާރަތުއް ދާޚިލިއްޔާގެ ވަޒީރުގެ ނައިބު ކަމުގެ މަޤާމާއި، ވުޒާރަތުލް މަޢާރިފުގެ ނައިބު ކަމުގެ މަޤާމާއި، ވަޒީރުލްއަޢުޡަމްގެ ޚާއްޞަ ސެކްރެޓަރީކަމާއި، ވަޒީރުލްއަޢުޡަމްގެ ނައިބު ކަމުގެ މަޤާމާއި، މިނސްޓަރ އޮފް ހެލްތު ކަމުގެ މަޤާމާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒް ކަމުގެ މަޤާމާއި، ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަޤާމު ހިމެނެއެވެ. އެމަނިކުފާނަކީ، ރައްޔިތުންގެ މަޖިލީހުގެ ޒަޢީމްކަމާއި، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ