ދަޢުވާކޮށްފައިވަނީ ސިޔާސީ ހަސަދައެއް ފިލުވާލުމަށް: ރައީސް ޔާމީން

ދަޢުވާކޮށްފައިވަނީ ސިޔާސީ ހަސަދައެއް ފިލުވާލުމަށް: ރައީސް ޔާމީން

Author
މުޙައްމަދު ޝަޒައިމް
31 ޖެނުއަރީ 2021 05:20
0

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އަށް އެމަނިކުފާނު އިންކާރު ކުރައްވައިފި އެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި މި ދެ ދައުވާއަށް އިންކާރު ކުރާ ސަބަބުތަކުގެ ތެރޭގައި އެންމެ ފުރަތަމަ ކަމަކަށް ދައުވާ އަކީ ކޮބައިކަމާއި ދައުވާ އާއި ގުޅިގެން ވަރަށް ގިނަ ކަންކަން ސާފު ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ ސިޔާސީ ހަސަދައެއް ފިލުވައިލުމަށް ރާވައިގެން ކޮށްފައިވާ ދައުވާއެއް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ފުއްގިރި މައްސަލާގައި ރިޝްވަތު ދިން ކަމަށް ދައުލަތުން ތުހުމަތުކުރާ ކްރިކް ރިޒާގެ މައްސަލަ ކްރިމިނަލް ކޯޓުގައި ހިނގަމުން ދާއިރު، އެ މައްސަލަ ސާބިތު ނުވަނީސް އެ މަނިކުފާނުގެ ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ކްރިކްގެ މައްޗަށް އެ ދައުވާ ސާބިތު ނުވެއްޖެ ނަމަ، އެ މަނިކުފާނަށް ދައުވާކުރާ އަސާސް ގެއްލޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ކްރިކް ރިޒާގެ މައްސަލަ އާއި އެ ފައިސާ ލޯންޑާ ކުރިކަމުގެ ދައުވާ ލިބޭ ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަންގެ މައްސަލަ މިވަގުތު ވަކިވަކިން ކުރިއަށް ގެންދިޔަޔަސް، ޝަރީއަތުގެ މަރުހަލާގައި ހުރިހާ މައްސަލަތަކެއް ގެންދާނީ އެއްކޮށް ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދެ ދައުވާއަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އިންކާރު ކުރާ ގިނަ ސަބަބުތައް އެމަނިކުފާނުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ތަފްސީލު ކޮށްދެއްވާފައެވެ. ވިދާޅުވީ ރައީސް ޔާމީނަކީ އިދިކޮޅު ލީޑަރުކަމަށް ވާތީ މިއީ ސަރުކާރު ޖަވާބު ދާރީ ކުރުން ހުއްޓުވުމަށް ރާވައިގެން ކޮށްފައިވާ ޒާތީ ދައުވާއެއް ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން ޝަރީއަތުގައި އެދުނީ، އެމަނިކުފާގެ އިސްތިއުނާފުގެ މައްސަލައެއް ސްޕްރީމް ކޯޓުގައި ކުރިއަށް ދާތީ އާއި، ފުލުހަށް ހާޒިރުވާން ޖެހޭތީ ދެން އޮންނަ އަޑުއެހުމެއްގައި ހެކި ހުށަހެޅުމުގެ ފުރުސަތު ދެއްވުމަށެވެ. އަދި ޝަރީއަތަށް ތައްޔާރުވުމަށް ދިގު މުއްދަތަކަށްވެސް އެދިވަޑައިގެންނެވިއެވެ. މައްސަލަ ބައްލަވާ އިސް ގާޒީ މުހައްމަދު ޝަކީލް ވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ހެކި ހުށަހެޅުމަށް އަޑުއެހުމެއް އޮންނާނެ ކަމަށް އިއުލާނު ކުރައްވާ ޝަރީއަތް ނިންމާލައްވާފަ އެވެ.

މަނީ ލޯންޑްރިިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކުރިން ކޮށްފައިވާ ހުކުމް ހައި ކޯޓުން ދާދިފަހުން ވަނީ ދަމަހައްޓައިފަ އެވެ. އެ މައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް ޔާމީންގެ ވަކީލުން ގެންދަވަނީ ކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.