ޝަރީއަތަށް ރައީސް ޔާމީން މާލެ ގެނެސްފިއެވެ.
ރައީސް ޔާމީން މާލެ ގެނައި މާލެ ޖަލު ހިމެނޭ ސަރަހައްދަށް އެމަނިކުފާނުގެ ބައެއް ސަޕޯޓަރުން އެއްވެ އަޑު އުފުލާފައިވެއެވެ. ރައީސް ޔާމީންގެ މިހާރު ވަނީ ކަރެކްޝަނަލްސާވިސްގެ ބެލުމުގެ ދަށުން ފުލުހުންގެ ސެކިއުރިޓީއާއިއެކު ކްރިމިނަލް ކޯޓަށް ގެންގޮސްފައެވެ. އެމަނިކުފާނުގެ ޝަރީއަތް ތާވަލް ކޮށްފައިވަނީ މިއަދު މެންދުރު 2 ޖަހާއިރަށެވެ.
ރައީސް ޔާމީންގެ ޝަރީއަތް މިއަދު ކުރިއަށްދާއިރު އެމަނިކުފާނަށް ތާއީދުކުރާ ގިނަބަޔަކު ވަނީ ކްރިމިނަލް ކޯޓުގެ ސަރަހައްދަށް ޖަމާވެފައެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަކީ، މަނީ ލޯންޑްރިންގ ކުށުގެ ދައުވާއަކާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއެކެވެ.
މަނީ ލޯންޑްރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށު ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލައިގައިއެވެ. ޔާމީންގެ އިތުރުން މިމައްސަލައިގައި މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.
މިމައްސަލަތަކަކީ ފުލުހުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުޤީޤްކޮށްފައިވާ މައްސަލަތަކެކެވެ. ރައީސް ޔާމީންގެ ޖަލުހުކުމާއި ދެކޮޅަށް ގިނަ ބަޔަކު މަގުތަކުގައި ސިލްސިލާ މުޒާހަރާތައް ބާއްވަމުންދާއިރު، މި މުޒާހަރާތައް ހުއްޓާލާނީ ރައީސް ޔާމީން މިނިވަން ވުމުންކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ