ކަމިޝަނާ އޮފް ޕޮލިސްގެ މަޤާމުގައި މުހައްމަދު ހަމީދު ހުރުމަކީ ޤައުމަށް ހުރި ވަރަށްބޮޑު ނުރައްކަލެއް ކަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާއި ހަވާލު ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ)އާއި އެޕާޓިގެ ނާއިބު ރައިސް އިބްރާހީމް ޝުޖާޢު (ބާރަށު ޝުޖާ) އަކީ މުޖުތަމަޢުއަށް ހުރި ނުރައްކަލެއްކަމަށް ފުލުހުން ބުނުމާއި ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ މިހާރުގެ ސީޕީގެ މަޤާމުގައި ހުންނެވި މުހައްމަދު ހަމީދަކީ ދައުލަތުގެ ސިއްރު ހާމަކުރަން ނުޖެހޭ ފަރާތަކަށް ހާމަކޮށްގެން ވަޒީފާއިން ވަކިކޮށްފައިވާ ބޭފުޅެއްކަމަށެވެ. އެފަދަ ބޭފުޅަކު ސީޕީގެ މަޤާމުގައި ހުރުމަކީ ދައުލަތާއި، ރައްޔިތުންނަށްވެސް އޮތް ބޮޑު ނުރައްކަލެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އެމް.ސީ ޙަމީދަކީ ދައުލަތުގެ ސިއްރު، ހާމަ ކުރަން ނުޖެހޭ ފަރާތްތަކަށް ހާމަ ކުރިކަން ސާބިތުވެގެން ފުލުހުންގެ ވަޒީފާއިން ވަކި ކޮށްފައިވާ މީހެއް. މިފަދަ މީހަކު ފުލުހުންގެ ވެރިޔަކަށް ހުރުމަކީ މުޅި ދިވެހި ގައުމާ ރައްޔިތުންނަށް ހުރި ވަރަށް ބޮޑު ނުރައްކަލެއް.
– އަބްދުއްރަހީމް ވިދާޅުވިއެވެ.
ފުލުހުން މިގޮތަށް ބުނެފައިވަނީ އަބްދުއްރަހީމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި އަޑު އެހުމުގައެވެ. އިދިކޮޅު ކޯލިޝަނުން މިހާރު ސިލްސިލާކޮށް ކުރިއަށްގެންދާ އިޙްތިޖާޖުގެ ތެރެއިން، ޝުޖާއާއި، އަބްދުއްރަހީމް ހައްޔަރުކުރުމަށްފަހު، މުއްދަތު ޖެހުމަށް ކޯޓަށް ޙާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ ޝަރުތުތަކާއެކު އެދެމީހުން ދޫކޮށްލާފައެވެ. އެމީހުން ދޫކޮށްލި ކޯޓު ޢަމުރުގައި ވަނީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ޓްރެފިކަށް ދަތިކުރުމަށް ކުރި މަސައްކަތުގެ ހެކި ހުރިނަމަވެސް، އެމީހުން ދޫކޮށްލީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާޢީ އިޖުރާޢަތުގެ ޤަވާއިދުގެ ދަށުން ބަންދުގައި ބަހައްޓަަންޖެހޭ ޙާލަތަށް ނުފެތޭތީކަމަށެވެ. އަދި އެދެމީހުންގެ ފަރާތުން މުޖުތަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފުލުހުން ބުނެފައިވެއެވެ. އެހެންނަމަވެސް އެފަދަ ސަބަބެއް ފުލުހުންނަށް ދެއްކިފައިނުވާކަމަށް ކޯޓް ޢަމުރުގައިވެއެވެ.
އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ އިޙްތިޖާޖަކީ ސުލްހަވެރިކޮށް ކުރިއަށްގެންދާ އިހުތިޖާޖުތަކެއްކަމަށް އެކޯލިޝަނުން ވަނީ ބުނެފައެވެ. އިދިކޮޅު ފަރާތްތަކުން އިހުތިޖާޖު ކުރަމުންދަނީ ސީދާ ހަރަކާތަށް ނުކުންނާނެކަމުގެ އިންޒާރު ދުރާލާ ދިނުމަށްފަހުއެވެ. އިދިކޮޅު ކޯލިޝަނުން މާލޭގައި މިހާރު ކުރަމުންދާ މުޒާހަރާތަކަކީ އެކޯލިޝަންގެ ކައުންސިލުން ނިންމާފައިވާ ސީދާ ހަރަކާތުގެ ތެރެއިން ހިންގަމުންދާ ހަރަކާތްތަކެކެވެ.
ކޮމެންޓު ފޮނުވާ