އަދާލަތު ޕާޓީގެ ރައީސާއި، ނާއިބް ރައީސް ކަނޑައެޅުމަށް މިއަދު ކުރިއަށްދާ އެޕާޓީގެ ރިޔާސީ އިންތިޚާބު ބޮޑުތަފާތަކުން ކާމިޔާބުކޮށް، ޕާޓީގެ 3 ވަނަ ދައުރުގެ ރައީސްކަމަށްވެސް އިމްރާން އަބްދުﷲ އިންތިޚާބު ކޮށްފިއެވެ.
ހޯމް ނިނިސްޓަރގެ މަޤާމުވެސް ފުރުއްވަމުންދާ އިމްރާން މަޤާމަށް އިންތިޚާބު ވެފައިވަނީ އޭނާއާއި ވާދަ ކުރެއްވި އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރުގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. އޮންލައިންކޮށް ކުރިއަށްދިޔަ މި އިންތިޚާބުގައި 921 ވޯޓު އިމްރާނާއި އޭނާގެ ރަނިން މޭޓު އަޙްމަދު ޝަރީފް އަށް ލިބިވަޑައިގެންނެވި އިރު، އަހުމަދު ޒާހިރުއާއި އޭނާގެ ރަނިން މޭޓް އަޙްމަދު ނަޝީދަށް 167 ވޯޓު ލިބިފައިވެއެވެ. އިމްރާން މި އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ 84.65 އިންސައްތަ ވޯޓުންނެވެ.
އަދާލަތު ޕާޓީގެ އިންތިޚާބުގައި އެޕާޓީގެ ލީޑަރޝިޕްގައި މިހާރު ތިއްބެވި ގިނަ ބޭފުޅުންގެ ތާއީދު ކޮށްފައިވަނީ މިނިސްޓަރ އިމްރާނަށެވެ. އިމްރާން ވަނީ މާލޭގައި ކެމްޕެއިން ފެށުމުގެ ހާއްސަ ހަރަކާތެއްވެސް ބާއްވާފައެވެ. މި ހަފްލާގައި އިމްރާން ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސްގެ މަޤާމަށް ވާދަކުރެއްވީ ޕާޓީގެ ވަރަށް ގިނަ މެމްބަރުންގެ އެދުމުގެ މަތީންނާއި، ޕާޓީއަށް ގެންނަންޖެހޭ އިސްލާހީ ހެޔޮ ބަދަލު ގެނައުމުގެ ނިޔަތުގައިކަމަށެވެ.
ޢަދާލަތު ޕާޓީއަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ހެދުމުގެ ހުއްދަ ދޫކުރަން ފެށިފަހުން 3 ވަނަ އަށް އުފެދުނު ޕާޓީއެވެ. ޢަދާލަތު ޕާޓީ ރަޖިސްޓްރީކޮށްފައިވަނީ 18 އޯގަސްޓް 2005 ގައެވެ. އިލެކްޝަންސް ކޮމިޝަނުގެ ޕާޓީތަކުގެ ދަފްތަރު ދައްކާގޮތުން 30 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް ޢަދާލަތު ޕާޓީގައި ތިބީ 6436 މެންބަރުންނެވެ.
ކޮމެންޓު ފޮނުވާ