އަދުލު އިންސާފު ޤާއިމް ކުރުމަށާއި، ރައްޔިތުންނަށް ދެމުންދާ އަނިޔާތައް ހުއްޓާލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ފަށާފައިވާ ސިލްސިލާ މުޒާހަރާތައް ނުހުއްޓުވޭނެ ކަމަށާއި، އެއްދުވަހަށްވުރެ އަނެއް ދުވަހު މުޒާހަރާތައް ވަރުގަދަކުރާނެ ކަމުގައި އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަން ރޭ ކުރި މުޒާހަރާ ނިންމާލުމުން ބައިވެރިންނާއި މުޚާތަބު ކުރައްވައި ޝިޔާމް ވިދާޅުވީ އިހުތިޖާޖު ކުރުމުގެ ހައްގާއި، މުޒާހަރާ ކުރުމަކީ މިސަރުކާރުން ހުރަސް އަޅާނެ ކަމެއް ނޫންކަމަށްބުނެ ވެރިކަމަށް އައުމުގެ ކުރިން މިއަދު ވެރިކަމުގައި ތިބި މީހުން ރައްޔިތުންނަށް ވައުދު ވެފައިވާކަމަށެވެ. ނަމަވެސް މިއަދު އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަން ދީފައިވަނީ ބެރިކޭޑް ޖަހައި ބަންދުކޮށްފައިވާ ކުޑަކުޑަ ގޮޅިއެއްކަމަށް ޝިޔާމް ވިދާޅުވިއެއެވެ. ޝިޔާމް ވިދާޅުވި ގޮޅިއަކީ ރޭ މުޒާހަރާގެ ބައިވެރިން މަގުތަކަށް ނިކުމެދާނެކަމަށް ބަލައި ބޮޑުތަކުރުފާނު މަގު ޕީޕީއެމް އޮފީސް ކައިރީގައި މީހުންނަނަށް ނުދެވޭނެހެން ވަށައިގެން ޖަހާފައިވާ ބެރިކޭޑްތަކެވެ.

މުޒާހަރާގެ ބައިވެެރިން މާލޭ މަގުމައްޗަށް ނުނިކުމެވޭނެހެން ފުލުހުން ހުރަސްއެޅިނަމަވެސް އެއްވުން ވަނީ އެސަރަހައްދުގައި ކުރިއަށް ގެންގޮސްފައެވެ. ޝިޔާމް ވިދާޅުވީ މިސަރުކާރުން ކޯވިޑްގެ ނަމުގައި ދުނިޔޭގެ ޤައުމުތަކުން ހޯދި ފައިސާތަކަށް ހެދި ގޮތެއް ރައްޔިތުންނަށް ނޭގޭ ކަމަށެވެ. އެފައިސާއިން ރައްޔިތުންގެ އެއްވެސް ބޭނުމެއް ފުއްދުމަށް ޚަރަދު ނުކުރާއިރު، ރައްޔިތުންގެ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް ދަށަށްދާ މަންޒަރު ފެންނަމުންދާކަމަށް ޝިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ވެރިންގެ އޯޑަރަށް ފުލުހުން މުޒާހަރާ ހުއްޓުވަން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް އެކަން ނުކުރެވޭނެކަމަށެވެ. މިއަދު މުޒާހަރާކޮށް އަޑު އުފުލަމުންދަނީ ގެއްލިފައިވާ ހައްގުތައް ހޯދައި، ސަރުކާރުން ދެމުންދާ އަނިޔާތަކަށް ކެތްނުކުރެވި ބިކަހާލުގައި ޖެހިފައިވާ ރައްޔިތުން ކަމަށާއި، ރައްޔިތުންގެ އިހުސާސްތައް ހުއްޓުވުމަކީ ގަދަބާރުން ކުރެވޭނެ ކަމެއްނޫނަކަމަށެވެ. ޝިޔާމް ވިދާޅުވީ ކޮންމެ ދުވަހަކުވެސް މުޒާހަރާއިން މުޅިން އާމޫނުތައް ފެނި މުޒާހަރާ ގެ އަދަދުތައް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާކަމީ ސަރުކާރަށް މިކަން ހަޖަމް ކުރުމަށް ދަތިވާ އެންމެ ބޮޑު ސަބަބުކަމަށެވެ.
ނަމަވެސް ކުރިއަށް އޮތް ތަނުގައި ސަރުކާރު ޒިންމަދާރުކޮށް، ރައްޔިތުންގެ ހައްގުތައް ކަށަަރުވެ، ރައީސް ޔާމީން ޖަލުން މިނިވަން ކުރަންދެން މިމުޒާހަރާތަކާއި އަޑު އުފުލުންތައް ހުއްޓާ ނުލައި ކުރިއަށް ގެންދާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ