ރައީސް ޔާމީންގެ ޝަރީއަތުގެ އަޑު އެހުމެއް މާދަމާ 2 ޖަހާއިރު

ރައީސް ޔާމީންގެ ޝަރީއަތުގެ އަޑު އެހުމެއް މާދަމާ 2 ޖަހާއިރު

Author
މުޙައްމަދު ޝަޒައިމް
30 ޖެނުއަރީ 2021 11:44
0

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ 2 ދައުވާއެއްގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލުކޮށްފިއެވެ.

މަނީލޯންޑްރިންގ ކުށް ސާބިތުވެ، މިހާރުވެސް 5 އަހަރުގެ ހުކުމެއް ތަންފީޒުކުރަމުންދާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަކީ، މަނީ ލޯންޑްރިންގ ކުށުގެ ދައުވާއަކާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއެކެވެ. މި ދައުވާތަކުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވަނީ މާދަމާ މެންދުރުފަހު ދޭއްޖަހާ އިރަށެވެ.. މިމައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

މަނީ ލޯންޑްރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށު ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލައިގައިއެވެ. ޔާމީންގެ އިތުރުން މިމައްސަލައިގައި މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.

މިމައްސަލަތަކަކީ ފުލުހުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުޤީޤްކޮށްފައިވާ މައްސަލަތަކެކެވެ. ރައީސް ޔާމީންގެ ޖަލުހުކުމާއި ދެކޮޅަށް ގިނަ ބަޔަކު މަގުތަކުގައި ސިލްސިލާ މުޒާހަރާތައް ބާއްވަމުންދާއިރު، މި މުޒާހަރާތައް ހުއްޓާލާނީ ރައީސް ޔާމީން މިނިވަން ވުމުންކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.