އަދާލަތު ޕާޓީގެ ރައީސާއި، ނާއިބް ރައީސް ކަނޑައެޅުމަށް ބާއްވާ އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.
ކޯވިޑް-19 އާއި ގުޅިގެން އިންތިޚާބުގައި ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. މި އިންތިޚާބުގައި އަދާލަތުގެ ރައީސް ކަމަށް ވާދަކުރައްވަނީ ސަރުކާރު ކެބިނެޓުގައި ތިއްބެވި ދެ ވަޒީރެކެވެ. އެއީ މިނިސްޓަރު އިމްރާންގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއެވެ. އިންތިޚާބުގެ ވޯޓުލުން ފަށާފައިވާއިރު، ވޯޓުލުމާއި ހަމައަށްވެސް މިހާރުގެ ރައީސް އިމްރާނާއި، ވާދަކުރައްވާ ޑޜ.އަހުމަދު ޒާހިރު އެއްވެސް ވަރަކަށް ކެންޕެއިން ކުރެއްވި ކަމެއް މީޑިޔާއަކުންވެސް އަދި އެނޫން ގޮތަކަށްވެސް އެގިފައި ނުވެއެވެ.
ބައެއް ފަރާތްތަކުން ބުނެފައިވަނީ އަދާލަތު ޕާޓީގެ ރައީސަކަށް ޒާހިރު ވާދަކުރެއްވީ އިމްރާން އެކަނި ވާދަކުރެއްވުމުން ޑިމޮކްރަސީގެ އުސޫލުން ބޭއްވޭ އިންތިޚާބެއް ނޫންކަމަށްބުނެ ވާހަކަ ދައްކަން ޖާގަ ނުދެއްވުމެވެ. އިންތިޚާބުގައި ޑޜ.ޒާހިރު ވާދަކުރައްވާފައިވަނީ ހަމައެމަނި ރަމްޒީ ގޮތުންކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އެހެންކަމަށް ވުމާއިއެކު މިއިންތިޚާބުގައި ނެގޭ ވޯޓަކުން ލީޑަރޝީޕަށް ބަދަލެއް އައުމުގެ ފުރުސަތު ނެތެވެ.
އަދާލަތު ޕާޓީގެ އިންތިޚާބުގައި އެޕާޓީގެ ލީޑަރޝިޕްގައި މިހާރު ތިއްބެވި ގިނަ ބޭފުޅުންގެ ތާއީދު އޮތީ އިމްރާނަށެވެ. އިމްރާން ވަނީ މާލޭގައި ކެމްޕެއިން ފެށުމުގެ ހާއްސަ ހަރަކާތެއްވެސް ބާއްވާފައެވެ. މި ހަފްލާގައި އިމްރާން ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސްގެ މަޤާމަށް ވާދަކުރެއްވީ ޕާޓީގެ ވަރަށް ގިނަ މެމްބަރުންގެ އެދުމުގެ މަތީންނާއި، ޕާޓީއަށް ގެންނަންޖެހޭ އިސްލާހީ ހެޔޮ ބަދަލު ގެނައުމުގެ ނިޔަތުގައިކަމަށެވެ.
އިމްރާން ވަނީ އަދަލާތު ޕާޓީގެ އިންތިޚާބުގައި ވޯޓު ލައްވާފައެވެ. ވޯޓު ލުމަށްފަހު އިމްރާން ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް އަދާލަތު ޕާޓީގެ ލީޑަރޝިޕް ކަނޑައެޅުމަށް ބާއްވާ މި އިންތިޚާބުގައި ޕާޓީގެ ހުރިހާ މެމްބަރުން ވޯޓު ދެއްވުމަކީވެސް ވަރަށް މުހިންމު ކަމެއްކަމަށެވެ. އިމްރާންގެ ކެންޕެއިން މެނޭޖާ ޝިފާން ވިދާޅުވީ މި އިންތިޚާބު އިމްރާން 90 އިންސައްތައަށްވުރެ ބޮޑު އައުލަބިއްޔަަތަކުން ކާމިޔާބު ކުރާނެކަމަށެވެ.
ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބު ނުވަދިހަ އިންސައްތައަށްވުރެ ބޮޑު އަޣްލަބިއްޔަތަކުން @ShimranAb ކާމިޔާބު ކުރައްވާނެ إن شاء الله
— Mohamed Shifan (@abu_auyun) January 29, 2021
އަދާލަތު ޕާޓީގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:00 ގެ ނިޔަލަށެވެ.
ކޮމެންޓު ފޮނުވާ