މުޒާހަރާ ތެރެއިން ނޫސްވެރިންގެ ލޮލަށް ޕެޕާސްޕްރޭ ޖަހައިފި

މުޒާހަރާ ތެރެއިން ނޫސްވެރިންގެ ލޮލަށް ޕެޕާސްޕްރޭ ޖަހައިފި

Author
މުޙައްމަދު ޝަޒައިމް
29 ޖެނުއަރީ 2021 06:32
0

މިއަދު އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާ ކަވަރު ކުރުމަށް ހަރަކާތްތެރި ބައެއް ނޫސްވެރިންގެ ލޮލަށް ފުލުހުން ޕެޕާސްޕްރޭ ޖަހައިފިއެވެ.

މުޒާހަރާ ކަވަރު ކުރަމުންދިޔަ ނޫސްވެރިންގެ ތެރެއިން ޗެނަލް-13 ގެ ސީއީއޯ ސަމާހުގެ ލޮލަށް ޕެޕާސްޕްރޭ ޖެހުމުން އޭނާއަށް ވަނީ އިވެންޓު ކަވަރު ކުރުމަށް ހުރަސްތަކާއި ކުރިމަތިވެފައެވެ. ފުލުހުން އެއްވުން ރޫޅާލާނެ ކަމުގެ އިންޒާރުދީ ބާރުގެ ބޭނުން ކުރާނެކަމަށް ބުނިތާ ގިނަ އިރުތަކެއްނުވެ ޕެޕާސްޕްރޭ ގިނަ އަދަަދަކަށް ޖެހުމުން އެއްވި މީހުންގެ ތެރެއިން އެވަގުތު ކުރީސަފުގައި ތިބި މީހުންނަށާއި، ނޫސްވެރިންނަށް ވަނީ އޭގެ އަސަރުކޮށްފައެވެ.

މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ޕެޕާސްޕްރޭ ޖަހާފައި ގޮތާއިމެދު ކަންބޮޑުވުން ފާޅު ކުރައްވައި ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ ފުލުހުންނަށް ޕެޕާސްޕްރޭ ޖެހުމުގެ އުސޫލުތަކެއް އޮންނަކަމަށާއި، ހާލަތާއި ނުބައްދަލުވާ މިންވަރަށް ޕެޕާސްޕްރޭ ޖެހުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

އަދި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ފުލުހުންގެ އަމުރަށް ކިޔަމަންތެރިނުވާ މީހަކުވާނަމަ އެމީހަކަށް އަމާޒުކޮށް ޕެޕާސްޕްރޭ ޖެހިނަމަވެސް މުޅި ހަރަހައްދަށް ފެންޖަހާ އުސޫލުން ޕެޕާސްޕްރޭ ޖެހުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިފައި ނުވާކަމަށެވެ. މިއީ ވަރަށް ކަންބޮޑުވާ ކަމެއްކަމަށާއި، ޚާއްސަކޮށް ނޫސްވެރިންނަށް ހުރަސް އަޅައި މުޒާހަރާތައް ބާރުގެ ބޭނުން އެކަށީގެންނުވާ މިންވަރަށް ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫކަމަށް މުންދު ވިދާޅުވިއެވެ. މުޒާހަރާގެ ތެރެއިން މިއަދު އަނިޔާވި މީހަކަށް ދަނީ އޭޑީކޭގައި ފަރުވާދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.