އިދިކޮޅު ކޯލިޝަނުން މިހާރު މާލޭގައި ކުރަމުންދާ މުޒާހަރާ ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލިޔަސް، ފަސްޖެހުމެއް ނެތްކަމަށާއި، މާދަމާވެސް މުޒާހަރާއަށް ނިކުންނާނެކަމަށް ޕީއެންސީގެ ނާއިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މުޅި ރާއްޖޭގައި މިއަދު ކުރަމުންދާ މުޒާހަރާގެ ތެރެއިން މާލޭގައި ކުރަމުންދާ މުޒާހަރާ ހުއްޓުވުމަށް ފުުލުހުން ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ ފުލުހުންނަށް ޤާނޫނާއި ޚިލާފަށް އަންނަ އޯޑަރުތަކަށް ބޯލަބައި، ވެރިންގެ ހިމާޔަތުގައި ކަންކަން ކުރައްވާކަމީ މިއަދު ފެންނަ އެންމެ ހިތާމަވެރި މަސައްކަތްކަމުގައެވެ. މިއަދުގެ އެއްވުމުގެ ތެރެއިން ރާއްޖޭގައި ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން އޮތް މިންވަރު ހާމަވެގެން ގޮސްފައިވާކަމަށް އަބްުދުއްރަހީމް ވިދާޅުވިއެވެ.
ޚިޔާލުފާޅުކުރަން ފުރުސަތު އޮތް މިންވަރު މިއަދު މިފެނުނީ. މުޒާހަރާގެ ބައިވެރިން ޕީޕީއެމް އޮފީސް ކައިރިއަށްދާން އުދުުމުން ހުރަސް އަޅައި ބޮޑެތި އަނިޔާތައްދީ ޕެޕާސްޕްރޭ ވަނީ ޖަހާފަ. މިކަން ކުރަމުގައި އަޅުގަނޑުމެން ނިކުމެ މިތިބަ ފުލުހުން ކުއްވެރި ނުކުރަން. ނަމަވެސް އަޅުގަނޑުމެން ދަންނަވާލަން އޮތީ ސީޕީ ހަމީދާއި، ރައީސް ޞާލިހު ކުރައްވާ ޤާނޫނާއި ޚިލާފް އޯޑަރަށް ކިޔަމަން ނުވާށޭ. ތިބޭފުޅުންވެސް ޖަވާބު ދާރީވާންޖެހޭ ދުވަހެއް އަންނާނެއޭ.
– އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ މިއަދު އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމާއި، ނޫސްވެރިންގެ ހައްގަށްވެސް ހުރަސް އަޅައި، އަނިޔާވެރިވަމުންދާކަމަށެވެ. މިސަރުކާރަކީ އިހުތިޖާޖު ކުރުމާއި، މީޑީޔާގެ މިނިވަންކަން ދިނުމަށާއި، ހައްގުތައް ހޯދުމަށް އައި ސަރުކާރަށްވާއިރު، މިސަރުކާރުގެ އަމަލުތަކުން މިއަދު ފެނިގެންދަނީ އަނިޔާވެރިކަމާއި، ލާއިންސާނީ އަމަލުރައް އިންތިހާއަށް ގޮސްފައިވާ މަންޒަރުކަމަށެވެ.
އޭނާ ވިދާޅުވީ ފުލުހުންނަށް ޤާނޫނާއި ޚިލާފަށް ކިތަންމެ އޯޑަރެއްދީގެން އިދިކޮޅުގެ ހަރަކާތްތައް ހުއްޓުވަން މަސައްކަތް ކުރިޔަސް އެކަމެއް ނުވާނެކަމަށެވެ. ބާރުގެ ބޭނުންކޮށް މީހުން ހައްޔަރުކޮށް ހެދިޔަސް މާދަމާވެސް މިކަން ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. މިކަން ހުއްޓާލާނީ އިންސާފު ގާއިމްވުމުންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ