ކިންގް ސަލްމާން މިސްކިތް ނިމި، ހުޅުވަން އެކި ތާރީހުތައް ދިނުމަށްފަހު އަދިވެސް ނުހުޅުވޭތީ މާލެ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ކިންގް ސަލްމާން މިސްކިތުގެ ކޮންޓްރެކްޓްގައި ބަޔާން ވެގެން ހުރި އެންމެހައި މަސައްކަތްތަށް ނިމިފައިވާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު ވިދާޅުވެފައެވެ. ނަމަވެސް މިހާތަަނަށްވެސް މިސްކިތް ހުޅުވައި މިސްކިތުގައި ނަމާދު ކުރުމުގެ ފުރުސަތު ހުޅުވާލާފައި ނުވެއެވެ.
މިސްކިތް ނުހުޅުވި ލަސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައި މުއިއްޒު ވިދާޅުވީ މިސްކިތް ނުހުޅުވައި އަދިވެސް ލަސްކުރަމުންދަނީ ކޮން ސަބަބާއި ހެދިކަން ހާމަކޮށްދޭންޖެހޭ ކަމަށެވެ. އަދި މިހާރު މައުލޫމާތުތައް ހުރި ގޮތުން ގުރުއާނާއި ބެހޭ މަރުކަޒު ކިންގް ސަލްމާން މިސްކިތް ތެރެއަށް ބަދަލު ކުރުމަށް ނިންމާފައިވާ ނިންމުމަށްވެސް ބަދަލު ގެނެސް ގުރުއާނާއިބެހޭ މަރުކަޒުވެސް ކިންގް ސަލްމާން މިސްކިތުގެ ތެރެއަށް ބަދަލު ނުކުރާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކިންގް ސަލްމާން މިސްކިތް ނުހުޅުވާ ލަސްވަނީ އަދިވެސް ހަދާ ނުނިމެނީތޯ؟ ކުރިން ޝެޑިއުލް ގައި އޮޔް ގޮތުންނަމަ 2019 ޖުލައި ގައި މަސައްކަތް ނިމޭނެ. ކުރިން ނިންމާފައި އޮތް ގޮތާއި ޚިލާފަށް ޤުރުއާނާއި ބެހޭ މަރުކަޒު އެތަނަށް ބަދަލު ނުކުރުންފަދަ ބޮޑެތި ބަދަލުތަކެއް ގެންނަ ކަމުގެ މައުލޫމާތުވެސް ލިބޭ.
– މުއިއްޒު ވިދާޅުވިއެވެ.
މިސްކިތުގެ 3 ވަނަ ފަންގިފިލާގައި 4 ކްލާސްރޫމަކާއި، 5 ސެމިނަރ ރޫމެއްގެ އިތުރުން އިސްލާމިކް ލައިބްރަރީއަކާއި އިދާރީ މަސައްކަތްތަކަށް ޚާއްސަ ތަނެއްވަނީ ހަދާފައެވެ. 4 ވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ އެކިއެކި ސެމިނަރތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ އޮޑިޓޯރިއަމަކަށެވެ. މިއީ 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެކެވެ. މީގެ އިތުރުން މިސްކިތުގެ 5 ވަނަ ބުރި ތަރައްޤީކޮށްފައިވަނީ ދީނީ ދަރުސް ދިނުމަށާއި، ނަމާދުކުރުމަށްވެސް ބޭނުންކުރެވޭނެހެން މަލްޓި-ޕަރޕަސް ހޯލެއްގެ ގޮތުގައެވެ.
ކިންގް ސަލްމާން މިސްކިތް ފަރުމާކޮށްފައިވާ ގޮތަށް ބަލާއިރު، މި މިސްކިތުގައި ނަމާދުކުރުމަށް ޚާއްސަ ސަރަޙައްދުތަކުގެ އިތުރުން، އިސްލާމީ މަރުކަޒަކުން ލިބޭނެ ގިނަ ޚިދުމަތްތަކެއް ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން މިސްކިތުގެ އެންމެ ތިރި ވުޞޫއުކުރުމަށް ޚާއްސަކޮށްފައިވާއިރު، ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ނަމާދުކުރުމަށެވެ. މި ދެ ފަންގިފިލާގައި ގާތްގަނޑަކަށް 4000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެއެވެ.
ކޮމެންޓު ފޮނުވާ