ގުޅުން ބަދަހިކުރުމަށް 3 ޤައުމެއްގެ ޚާރިޖީ ވަޒީރުންނާއި މަޝްވަރާ ކުރައްވައިފި

ގުޅުން ބަދަހިކުރުމަށް 3 ޤައުމެއްގެ ޚާރިޖީ ވަޒީރުންނާއި މަޝްވަރާ ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
29 ޖެނުއަރީ 2021 10:17
0

3 ޤައުމެއްގެ ޚާރިޖީ ވަޒީރުންނާ، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު އިއްޔެ ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފިއެވެ.

އިއްޔެ އެމަނިކުފާނު ފޯނުން ވާހަކަ ދެއްކެވީ ސިއޭރަލިއޯންގެ ފޮރިން މިނިސްޓަރ ނަބީލާ ތޫނިސް، މެލޭޝިއާގެ ފޮރިން މިނިސްޓަރ ހިޝާމުއްދީން ހުސެން އަދި ބްރޫނާއީ ދާރުއްސަލާމްގެ ފޮރިން މިނިސްޓަރ ދާތޯ އެރިވަން ޔޫސުފް އާއެވެ. ވަކިވަކިން ކުރެއްވި މި ފޯންކޯލްތަކުގައި އެޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ބައިނަލްއަޤްވާމީ މަސްރަހުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މިނިސްޓަރ ޝާހިދު މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ނިމިދިޔަ ހަފްތާގައި މިނިސްޓަރ ޝާހިދު ވަނީ ބޭރުގެ ބައެއް ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއެކު ވަރޗުއަލް ބައްދަލުވުންތަކެއް ބާއްވަވާފައެވެ. އެގޮތުން ޔޫރަޕްގެ އިއްތިޙާދުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީއާއި ބައްދަލުކުރައްވައި، ރާއްޖޭގެ މަހުގެ ބާވަތްތައް ޔޫރަޕްގެ މާކެޓްތަކަށް ބޭރުކުރުމުގައި ފަސޭހަ ގޮތްތަކެއް ހޯދުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ހަމައެއާއެކު ތިމާވެއްޓާއި ކައުންޓަރޓެރަރިޒަމްގެ ދާއިރާއިންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ފަރަންސޭސީވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެވަރޓޫ އެރިކް އާއިވެސް މިނިސްޓަރ ޝާހިދު ނިމިދިޔަ ހަފްތާގައި ބައްދަލުކުރައްވައި، މޫސުމީ ބަދަލުތަކާއި ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އިތުރުން، ރާއްޖޭގެ މަހުގެ ބާވަތްތައް ޔޫރަޕްގެ މާކެޓަށް ބޭރުކުރެވޭނެ އިތުރު މަގުތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

ނިމުނު ހަފްތާގައި މިނިސްޓަރ ޝާހިދު ވަނީ އެމެރިކާ އަދި އެސްޓޯނިއާގެ އާ ޚާރިޖީ ވަޒީރުންނަށް މަރުޙަބާ ދަންނަވާފައެވެ. އަދި އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރަށާއި، އޮސްޓްރޭލިއާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރަށްވެސް މިނިސްޓަރ ޝާހިދު ތަހުނިޔާގެ މެސެޖް ފޮނުއްވިއެވެ.

ކޯވިޑް-19ގެ ޕެންޑެމިކްގެ ސަބަބުން ބައިނަލްއަޤްވާމީ ދަތުރުފަތުރަށް ހުރަސްތަކެއް އެޅިފައިވީނަމަވެސް، މެދުކެނޑުމެއް ނެތި އެކުވެރި ޤައުމުތަކުގެ ވެރިންނާއި އަދި ބައިނަލްއަޤްވާމީ ޖަމްއިއްޔާ ޖަމާޢަތްތަކުގެ ވެރިންނާއެކު މިނިސްޓަރ ޝާހިދު ގެންދަވަނީ މަޝްވަރާކުރައްވައި، ގުޅުން ބަދަހިކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.