އުންމީދަކީ މިއަހަރު ނިމުމުގެ ކުރިން އިތުރު 10 ރަށުގައި ފުލުހުންގެ ޚިދުމަތް ދިނުން: އިމްރާން

އުންމީދަކީ މިއަހަރު ނިމުމުގެ ކުރިން އިތުރު 10 ރަށުގައި ފުލުހުންގެ ޚިދުމަތް ދިނުން: އިމްރާން

Author
މުޙައްމަދު ޝަޒައިމް
29 ޖެނުއަރީ 2021 09:54
0

މިއަހަރު ނިމުމުގެ ކުރިން ދިހަވަރަކަށް ރަށުގައި ފުލުހުންގެ ޚިދުމަތް އަލަށް ފެށިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

ވ. ކެޔޮދޫގައި ފުލުހުންގެ ހިދުމަތް ފަށައި އެރަށުގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި ދެއްވުމަށްފަހު ކެޔޮދޫ ރައްޔިތުންނާއި މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ  ފުލުހުންގެ ހިދުމަތް ފެށުމުން ރައްޔިތުން އުއްމީދުކުރާ ހިދުމަތެއް ލިބިގެން ދިއުންކަމަށް ގަބޫލުކުރައްވާކަމަށާއި މިއީ ބޮޑު ޒިންމާއެއް އަދި މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ. އަދި ކުރީގެ ދުވަސްތަކާއި މިއަދު ރަށްރަށުގެ ހާލަތާއި ކުށުގެ ވެރި ވަރަށް ބޮޑަށް ތަފާތުވެފައިވާކަމަށާއި އެހެންކަމުން ކޮންމެ ރަށެއްގައި ފުލުހުން ގާއިމްވެތިބެ ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަކީ ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަމަށް ކޮންމެގެން ބޭނުންވާ ކަމެއްކަމަށް ސަރުކާރުން ގަބޫލުކޮށް، އެސިޔާސަތުގެ ދަށުން ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް, ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން މިއަހަރު މަދުވެގެން ދިހަވަރަކަށް ސްޓޭޝަން ހުޅުވިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި ރައްޔިތުން އުއްމީދުކުރާފަދަ ޚިދުމަތެއް ފުލުހުންގެ ފަރާތުން ލިބިގެން ދިއުމަށް އެދިވަޑައިގަންނަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއީ މުހިއްމު ބޮޑު ޒިންމާއެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެކަމަށްޓަކައި ފުލުހުންގެ މުއައްސަސާ ހިންގަވަން އިސްކޮށްތިއްބެވި ބޭފުޅުން މިއަދު ވަރަށް ހަރުދަނާކަމާއެކު ކަންކަން ތަރުތީބުކުރައްވަމުން ގެންދަވާކަމަށެވެ.

މިރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ ފަސް އަހަރުގެ ސްޓްރެޓީޖިކް ޕްލޭން އަމާޒުކުރެވިފައިވަނީ ފުލުހުން ދޭ ހިދުމަތް އަލުން ތަރުތީބުކޮށް، ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނަ އަދި ތަރައްގީވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅި ރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާއަކަށް ފުލުހުންގެ ހިދުމަތް ބަދަލުކުރުމަށްކަމަށް ވިދާޅުވިއެވެ. އަދި ލޯކަލް ޕޮލިސިންގ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ހިމެނޭ ލަނޑުދަނޑިތަކުގެ ތެރޭގައި ކަނޑައަޅާފައިވަނީ އަތޮޅު ތެރޭގައި ދެވޭ ހިދުމަތަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަގުޞަދުގައިކަމަށާއި ކެޔޮދޫގައި ހުޅުވިގެން ދިޔަ ޕޮލިސް ޕޯސްޓަކީ އެއަމާޒަށް ވާސިލްވުމަށްޓަކައި ކުރިއަށް އެޅުނު ފިޔަވަޅެއްކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު ފުލުހުންގެ ހިދުމަތަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން އިންގިލާބީ އެއް ބަދަލަކީ އަވަށްޓެރި ފުލުހުންގެ ހިދުމަތްކަމަށާއި މިހިދުމަތް މާލެ ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އާއި ގއ. އަތޮޅު އަދި ގދ. އަތޮޅުގައި ފެށިފައިވާކަމަށެވެ. އަދި މިއަދު ހުޅުވިގެންދިޔަ މި ޕޯސްޓްގެ ސަބަބުން ކެޔޮދޫގައިވެސް އަވަށްޓެރި ފުލުހުންގެ މަސައްކަތް ފެށުމަށް އިތުރު ހިއްވަރަކަށް ވެގެންދާނެކަމަށް ވިދާޅުވިއެވެ.

ކެޔޮދޫގައި ޕޮލިސް ޕޯސްޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ޙުސައިން ޤާސިމް އާއި ވ. އަތޮޅު ކައުންސިލްގެ ރައީސް އިބްރާހިމް ނިޔާޒް އާއި ކެޔޮދޫ ކައުންސިލްގެ ރައީސް އަޙްމަދު ޔޫސުފް އާއި ކައުންސިލްގެ މެމްބަރުންނާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ވ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެލެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.