މިހާރު އޮތް ކޯވިޑްގެ ހާލަތުގައިވެސް ފުލުހުންގެ އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހި ސާބިތުކަމާއިއެކު ރައްޔިތުންނަށް ޚިދުމަތް ފޯދުކޮށްދެއްވާފައިވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ވ. ކެޔޮދޫގައި ފުލުހުންގެ ހިދުމަތް ފަށައި އެރަށުގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި އެދާއިރާގެ ކުރީގެ މެމްބަރުކަންވެސް ކުރައްވާފައިވާ މިނިސްޓަރ ޝާހިދު ވިދާޅުވީ ފުލުހުން ރަށުގައި މިފަށަނީ ހިދުމަތެއްކަމަށާއި މިހިދުމަތް ކާމިޔާބުވެގެންދާނީ ރައްޔިތުން އެހިދުމަތް ބަލައިގަތްމިންވަރުންކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ހިދުމަތެއް ދިނުމަށްޓަކައި ފެށި މި ހިދުމަތް ކާމިޔާބު ވެގެންދާނީ މިކަމުގައި ބައިވެރިވާ ނިސްބަތުންކަން ފާހަގަކުރައްވައި، ފުލުހުންނާ މުޖުތަމައުއާ ގުޅިގެން މި ހިދުމަތް ދެވިގެންދާނީ ހިދުމަތް ބަލައިގަނެ ރަށުގައި މަސައްކަތްކުރާ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރެއްވުމުންކަމަށާއި ގުޅިގެން މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ފުލުހުންނަކީ ދިމާވާ ކޮންމެދަތި ކަމެއްގައި ނުވަތަ ހާލާތެއްގައި އަމިއްލަ ނަފްސާއި ފުރާނައަށް ބެލުމެއް ނެތި ރައްޔިތުންގެ ހައްގުގައި ނުކުތުމަށް ހުވާކޮށްގެން ތިބެ އެކަން ސާބިތުކޮށްދީފައިވާ ބައެއްކަމަށާއި ފުލުހުންނަށް އިހުތިރާމްކުރަންޖެހެނީ އެހެންވެކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާރު މިއޮތް ކޮވިޑްގެ ހާލަތުގައިވެސް ފުލުހުންގެ އެންމެ އިންޗިއެއްވެސް ފަހަކަށް ނުޖެހޭކަމަށާއި ފުލުހުންވެވަޑައިގެންނެވި ގުރުބާނީ އަބަދުވެސް ހަނދާންކުރަންވާނެކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދުއެވެ. މި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓްގައި ދިވެހިރާއްޖޭގެ ދިދަ ނަންނަގައި ދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދުއެވެ. ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.
ކޮމެންޓު ފޮނުވާ