ރާއްޖެއާއި ދެކޮޅަށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލަ ބަލައިގެންފި

ރާއްޖެއާއި ދެކޮޅަށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލަ ބަލައިގެންފި

Author
މުޙައްމަދު ޝަޒައިމް
28 ޖެނުއަރީ 2021 09:21
0

ރާއްޖެއާއި ދެކޮޅަށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލަ ބަލައިގެންފިއެވެ.

ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީގެ ދަށުން، ދިވެހިރާއްޖެއާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ އަށް މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މިއަދު ވަނީ ބާއްވަވާފައެވެ.

އެ މައްސަލައިގައި ޢިޖުރާޢީ ގޮތުން ދިވެހިރާއްޖެއިން ފާހަގަކުރި ކަންކަމާ ގުޅޭ ގޮތުން އަޑުއެހުންތައް ބޭއްވުމަށްފަހު، މޮރިޝަސްއިން ހުށަހަޅާފައިވާ މައްސަލައަކީ މަޢުޟޫޢީ ގޮތުން ބެލޭނެ މައްސަލައެއްކަން ޓްރައިބިއުނަލްއިން މިއަދު ވަނީ ކަނޑައަޅުއްވާފައެވެ. އޭގެ ނަތީޖާއަކީ، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާއި މޮރިޝަސްގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާ ފުށުއަރާ ދިމާއަކާ ބެހޭގޮތުން ޓްރައިބިއުނަލްގައި މައްސަލަ ކުރިއަށް ގެންގޮސް، މުޢާހަދާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް އެ ސަރަޙައްދާމެދު ގޮތެއް ކަނޑައެޅިގެން ދިއުމެވެ.

މިގޮތުން، ބައިނަލްއަޤްވާމީ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، އާންމު އުޞޫލެއްގެ ގޮތުން އެފަދައިން ފުށުއަރާ ސަރަޙައްދާމެދު ގޮތެއް ކަނޑައެޅިގެން ދާނީ ހަމަހަމަ އުޞޫލަކުން ދެ ޤައުމަށް ލިބޭ ގޮތަށް އިކުއިޑިސްޓެންސްގެ އުޞޫލު ބޭނުންކޮށްގެންކަން ފާހަގަކުރެވެއެވެ.

ފޯޅަވަހި ނުވަތަ ޗާގޯސްގެ މައްސަލައަކީ ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާއި ދެމެދުގައި އޮތް މައްސަލައެއްގެ ގޮތުގައި ރާއްޖެއިން ކުރިން ދެކެމުން އައި ނަމަވެސް 2010 ވަނަ އަހަރު ދިވެހިރާއްޖެއިން ކޮމިޝަން އޮންދި ލިމިޓްސް އޮފް ދި ކޮންޓިނެންޓަލް ޝެލްފަށް ދިވެހިރާއްޖޭ ކަނޑުގެ ސަރަހައްދު ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅުމުން މޮރީޝަސްއިން ވަނީ އެކަމަށް ދެކޮޅު ހަދާ އދއަށް އެ މައްސަލަ ހުށައަޅާފައެވެ.

ރާއްޖޭގެ ހުށައެޅުމުގައި ފޯޅަވަހީގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ފާހަގަކޮށްފައިނުވާތީ މޮރީޝަސްއިން ވަނީ އެކަމަށް އިއުތިރާޒްކޮށް ރާއްޖެއިން ހުށައަޅާފައިވާ ސަރަހައްދާއި އެޤައުމުގެ ކަނޑުގެ ސަރަޙައްދާއި ފުށޫއަރާކަމަށް ބުނެފައެވެ. އަދި އައްޑު އަތޮޅުއާއި ފޯޅަވައްސާއި ދެމެދުގައިވާ ކަނޑުގެ ސަރަހައްދާމެދު ވަކިގޮތަކަށް އެއްބަސްވުމަށްވެސް މޮރީޝަސްއިން ވަނީ ރާއްޖެއަަށް ގޮވާލާފައެވެ.

ފޯޅަވައްސަކީ ދިވެހިރާއްޖެއާއި 500 ކިލޯމީޓަރު ދެކުނުގައި އޮންނަ ހަތް އަތޮޅަކަށް ނިސްބަތްވާ 60 ރަށެވެ. މިހާރު އެ ރަށްތަކަކީ އިނގިރޭސި ސަރުކާރުގެ ބެލުމުގެ ދަށުގައިވާ "ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ" އެކެވެ. ޗާގޯސް އައިލެންޑްސްގެ 60 ރަށުގެ ޖުމްލަ ބޮޑުމިނުގައި 56 އަކަ ކިލޯމީޓަރު ހުރެއެވެ. އެންމެ ބޮޑު ރަށަކީ ޑިއޭގޯ ގާސިއާއެވެ. ފޯޅަވަހީގެ އަތޮޅު ތަކުގެ ތެރެއިން އައްޑު އަތޮޅާއި އެންމެ ކައިރީގައި އޮންނަނީ މޯސްބީ އައިލޭންޑް އަތޮޅާއި ސޮލޮމޮން އައިލޭންޑުގެ ރަށް ތަކެވެ. މިރަށްތަކާއި އައްޑު އަތޮޅާއި ދެމެދުގެ ދުރުމިނަކީ 280 ނޯޓިކަލް މޭލްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.