ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ސިވިލް ސަރވެންޓުން މާދަމާ އިން ފެށިގެން ވަޒީފާ އިން ސަސްޕެންޑްވާނެކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކުރައްވައިފިއެވެ.
އިލެކްޝަން ކޮމިޝަންގެ ނާއިބް ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މާދަމައިން ފެށިގެން ސިވިލްސާވިސްގެ ތެރެއިން ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ވަޒީފާއިން ސަސްޕެންޑްވިކަމަށް ސިވިލްސާވިސް ކޮމިޝަނުން އަންގާނެކަމަށެވެ. ނަމަވެސް ނަން އަނބުރައި ގެންގޮސްފައިވާނަމަ ވަޒީފާ އަނބުރައި ރުޖޫޢަ ކުރެވޭނެކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލް އިންތިޚާބުގައި ވާދަކުރާ ސިވިލްސާވިސް މުވައްޒިފުންނަށް މިގޮތަށް އަމަލު ކުރެވުނު ނަމަވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް މިހުކުމް ނުހިނގާނެކަމަށް ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ސިވިލް ސަރވެންޓުން މާދަމާ އިން ފެށިގެން ވަޒީފާ އިން ސަސްޕެންޑްވާނެ.
އެކަން @cscmaldives އިން އެބޭފުޅަކަށް އަންގަވާނެ.
ނަން އަނބުރާ ގެންގޮސްފިނަމަ ވަޒީފާއަށް ރުޖޫޢަވެވޭނެ.
އ.ތ.މ ކޮމިޓީ އަށް މި ޙުކުމެއް ނުހިނގާނެ. @ElectionsMv— Ismail Habeeb (@IsmailHabeeb) January 28, 2021
ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރިލްމަހުގެ 10 ވަނަދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އެކޮމިޝަނުން ވިދާޅުވީ އިންތިޙާބުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ފަށާނެކަމަށެވެ. މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ 4 ވަނަދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިޚާބު ކޯވިޑާއި ގުޅިގެން އެ މުއްދަތުގައި ނުބޭއްވުމުން ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ސަންސެޓް ޤާނުނުގެ ގޮތުގައި މަޖިލީހުން ހާއްސަ ޤާނުނެއް ފާސްކުރިއެވެ. އެޤާނޫނުގައި ބުނެފައިވަނީ އެ ޤާނުނަށް އަމަލުކުރާތާ އެއްއަހަރު ދުވަހުގެތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެކަމަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ މެއިމަހުގެ 9 ވަނަދުވެހެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިހާރު އެކުލަވާލާފައިވާ ގައިޑްލައިންގެ ތެރެއިން އިންތިޚާބު ބޭއްވުމަކީ ކުރެވޭނެ ކަމެއްނޫންކަމަށެވެ. ގައިޑްލައިންގެ ތެރެއިން އިންތިޚާބު ބާއްވައިފިނަމަ ކޯޓުން އިންތިޚާބު ބާޠިލު ކުރުމުގެ ފުރުސަތު ބޮޑުވެ، ދައުލަތުން މިކުރާ ޚަރަދު އަލުން ކުރަންޖެހުމަކީ ގާތްކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އަދި އިންތިޚާބު ބާއްވަން އިތުރު 45 މިލިޔަން ރުފިޔާ ބޭނުންވާކަމަށާއި، އިންތިޚާބަށް ޖުމްލަ95 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ