ކުޑަކުދިންގެ ހިޔާގެ ޚަރަދުތައް ބެލެހެއްޓުމުގައި މާލިއްޔަތު ޤަވާއިދާއި ޚިލާފަށް ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާކަން 2019 ވަނަ އަހަރުގެ ޖެންޑާ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ ޖެންޑާ މިނިސްޓްރީގެ ކޮންޕްލައިންސް އޮޑިޓް ރިޕޯޓުގައި ވަނީ ކުޑަކުދިންގެ ހިޔާގެ ކޮއްތު ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި ގަތުމަށް ކޮންމެ ކުއްޖަކަށް ދުވާލަކަށް 75 (ހަތްދިހަ ފަހެއް) ރުފިޔާގެ ރޭޓުން މަހަކަށް ވާވަރަށް ނަގުދު ފައިސާ އެއްފަހަރާ ނަގައިގެން ހަރަދު ކުރަމުން ގެންދާކަމަށެވެ. ފައިސާ ދޫކުރާއިރު ފޮތެއްގައި ދޫކުރާ ފައިސާގެ ތަފްސީލާއި އަދަދު ލިޔެމުން ގެންދިޔަ ނަމަވެސް ފައިސާ ދޫކުރުމަށްފަހު އެ ފައިސާއިން ގަންނަ ތަކެތީގެ ބިލްތައް ބަރާބަރަށް ހޯދައި އެ ބިލުތަކުގެ ޖުމްލަ، ދޫކުރި ފައިސާގެ ޖުމްލައާއި އަޅާކިޔައި ދިމާވޭތޯ ބަލައި މި ފައިސާގެ ހިސާބު އަދާހަމަކޮށް ބަލަހައްޓާފައިނުވާ ކަމަށެވެ.
އެގޮތުން ސާމްޕަލްގެ އުސޫލުން 2 (ދޭއް) މަހުގެ (2010 ވަނަ އަހަރުގެ ފެބްރުވަރީ އަދި އެޕްރީލް މަސް) ޚަރަދުގެ ތަފްސީލު ބެލިއިރު ކޮއްތު ފައިސާގެ ގޮތުގައި ތަކެތި ގަތުމަށް ދޫކޮށްފައިވާ ފައިސާގެ ޖުމްލައާއި، ތަކެތި ގަތުމަށްފަހު ހޯދާފައިވާ ބިލްތަކުގެ ޖުމްލައާއި ދެމެދު ބޮޑު ފަރަގުތަކެއް ވާކަން ފާހަގަކޮށް އޭގެ ތަފަސީލް ވަނީ ހާމަކޮށްފައެވެ.

އަދި މީގެއިތުރުން ޕެޓީ ކޭޝް ފައިސާ ލިބުން ލަސްވުމުގެ ސަބަބުން ކޮއްތު ފައިސާގެ ގޮތުގައި ނަގާފައިވާ ފައިސާއިން އިދާރާގެ އާންމު ޕެޓީ ކޭޝްއިން ކުރަންޖެހޭފަދަ ބައެއް ޚަރަދުތައް ކުރުމަށް ޖުމްލަ 23,532 (ތޭވީސް ހާސް ފަސް ސަތޭކަ ތިރީސް ދޭއް) ރުފިޔާ ނަގާފައިވާކަންވެސް، 25 ފެބުރުވަރީ 2020 ގައި ކޮއްތު ފައިސާ ގުނިއިރު އޮޑިޓަރުންނަށް ފާހަގަކުރެވިފައިވާކަމަށެވެ.
ކުޑަކުދިންގެ ހިޔާއިން 2019 ވަނަ އަހަރުގެ ތެރޭގައި ކޮއް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި ގަތުމަށް ޖުމްލަ 1,361,403 (އެއް މިލިއަން ތިން ސަތޭކަ ފަސްދޮޅަސް އެއް ހާސް ހަތަރު ސަތޭކަ ތިނެއް) ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ނަގައިގެން ޚަރަދު ކޮށްފައިވާކަން ޕަބްލިކް އެކައުންޓިންގ ސިސްޓަމުގެ ރެކޯޑުތަކުން ދައްކާއިރު، މި ފައިސާއިން ކޮށްފައިވާ ޚަރަދުތަކުގެ ބިލްތައް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވާތީ މި ޚަރަދުތަކުގެ ސައްޙަކަން ކަށަވަރުކުރެވެން ނެތްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި މި ހަރަދުތަކަކީ ނަގުދު
ފައިސާގެ ގޮތުގައި ފައިސާ ނަގައިގެން ކުރަމުންދާ ޚަރަދުތަކަކަށްވީއިރު މި ފައިސާގެ ހިސާބު އެކަށީގެންވާ ގޮތެއްގައި ނުބަލަހައްޓާނަމަ، މިކަމަކީ ފައިސާއާއިމެދު ޚިޔާނާތްތެރިވުމުގެ ފުރުސަތު ބޮޑު ކަމެއްކަމާއި އަދި މީގެތެރެއިން ފައިސާ ގެއްލުމުގެ ފުރުސަތު އޮތްކަންވެސް ފާހަގަކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ތަކުރާރުކޮށް އެކި އަހަރުތަކުގެ އޮޑިޓްތަކުގައި، ކުޑަކުދިންގެ ހިޔާއިން ކޮއްތުފައިސާގެ ގޮތުގައި ނަގާ ފައިސާގެ ހިސާބުތައް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓައި ލިޔެކިޔުންތައް އޮޑިޓަށް ފޯރުކޮށްނުދޭ މައްސަލަ ފާހަގަކޮށް އެކަން އިސްލާހުކުރުމަށް އަންގާފައިވާއިރުވެސް މިކަން އިސްލާހުކޮށްފައި ނުވުމަކީ މިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މާލީ ޒިންމާދާރު ވެރިޔާ އާއި މި ފައިސާ ބެލެހެއްޓުމާއި ހަރަދު ކުރުމުގެ މަސްއޫލިއްޔަތާއި ހަވާލުވެ ތިބި ފަރާތް ތަކާއި އެކަމަށް ހުއްދަދޭ ފަރާތްތަކުން އެ ފަރާތްތަކުގެ ޒިންމާގެ ގޮތުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމުގައި އިހުމާލުވުން ކަމަށް ދެކޭކަމަށެވެ.
މީގެ އިތުރުންވެސް މި ރިޕޯޓުގައި މިނިސްޓްރީން ބީލަންތަކުގައި ވާދަވެރިކަން ގެއްލޭގޮތަށް ވަކި ބަޔަކަށް މަންފާވާ ގޮތަށް އަަމަލުކޮށްފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ. ބީލަމުގެ ލިޔެކިޔުން ރަނގަޅަށް ބަލަހައްޓާފައި ނުވާކަންވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓު ފޮނުވާ