ކޯވިޑް-19 ގެ ނުރައްކަތެރިކަން ބޮޑުވެ ބަލި ފެތުރުން ކޮންޓްރޯލްނުވެދާ މި ދަނޑިވަޅުގައި އިިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ ބޮޑެތި އެއްވުންތަކާއި، އިހުތިޖާޖުތައް ހުއްޓާލުމަކީ މުޖުތަމައުގެ ސަލާމަތައްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމަށް ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19ގެ އަދަދުތައް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވެ ބަލީގެ ނުރައްކާތެރިކަން ބޮޑުވެގެންދާ މިދަނޑިވަޅުގައި އިދިކޮޅުން ކުރަމުންދާ އިޚުތިޖާޖުތަކަށް އިޝަރާތްކުރައްވައި އަލީ ޒައިދު ވިދާޅުވީ މިއީ އެއްވެސް ޕާޓީއަކުން ސިޔާސީ ބޮޑެތި އެއްވުންތަކާއި، އިޚުތިޖާޖުތައް ބާއްވަން މުނާސަބު ވަގުތެއް ނޫންކަމަށެވެ. ކޯވިޑްގެ ނުރައްކާތެރިކަން ބޮޑުވެ ބަލިޖެހޭ މީހުން އިތުރުވަމުންދާއިރު އެއްވުންތަކާއި، އިޚުތިޖާޖުތައް ހުއްޓާލުމަކީ މިވަގުތަށް އެންމެ ރައްކާތެރި ގޮތްކަމަށް އަލީ ޒައިދު ވިދާޅުވިއެވެ.
މިއީ އެއްވެސް ޕާޓީއަކުން ބޮޑެތި އެއްވުންތައް ބާއްވައި އިޚުތިޖާޖުތައް ކުރަން މުނާސަބު ވަގުތެއްނޫން! ކޭސްތައް މައްޗަށްދާއިރު މިހާރު ކުރިއަށް ގެންދެވޭ ބޮޑެތި އެއްވުންތައް ހުއްޓާލުމަކީ މުޖުތަމައުގެ ރައްކާތެރިކަމަށް ޕީޕީއެމް ޕީއެންސީ އިން ކޮންމެހެންވެސް ކޮށްދެއްވަންޖެހޭ ކަމެއްކަމުގައި ދެކެން!
– އަލީ ޒައިދު ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ދަނީ މާލޭގައާއި، އަތޮޅުތަކުގައި ރައީސް ޔާމީން މިނިވަންކުރުމަށާއި، އިންތިޚާބު އަވަސް ކުރުމަށް ގޮވާލައި އިޚުތިޖާޖު ކުރަމުންނެވެ. އަދި މިހާރު ގިނަ އެއްވުންތައް ބާއްވަމުންދަނީ އެކި ދިމަދިމާލުގައިކަން ފާހަގަކޮށްލެވެއެވެ.
ކޯވިޑްގެ ކޭސްތައް އިތުރުވަމުންދާއިރު އިއްޔެވެސް ވަނީ 143 މީހުން ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން 112 މީހުން ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނެވެ.
ކޮމެންޓު ފޮނުވާ