އަންގާރަ ދުވަހު އިންޑިއާގެ ދަނޑުވެރިން ކުރި މުޒާހިރާގައި ހިގި ހަމަނުޖެހުންތަކާއި ގުޅިގެން ނިއު ދިއްލީގެ ފުލުހުން، މުޒާހިރާގައި ބައިވެރިވި 200 ދަނޑުވެރިއަކު ހައްޔަރު ކޮށްފިއެވެ.
މިމުޒާހިރާގައި، އެތައް ހާސް ދަނޑުވެރިއަކު ވަނީ، ދިއްލީގެ ރަށްބޭރުން ސިޓީތެރެއަށް ވަދެގަތުމަށްޓަކާ މުޒާހިރާގެ ބައިވެރިން ކުރި މަސައްކަތުގައި ހިގި ހަމަނުޖެހުންތަކުގައި ފުލުހުންނާއި ކުރިމަތިލާފައެވެ.
މިހަމަނުޖެހުންތަކުގައި މުޒާހިރާގެ ބައިވެރިއަކު މަރުވެ، 300 ފުލުހުންނަށް ވަނީ އަނިޔާވެފައެވެ.
އިންޑިއާގެ ދަނޑުވެރިން ކުރަމުން މިދާ މުޒާހިރާތައް އިންތިޒާމްކުރާ ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި، އާންމުކޮށް ސުލްހަވެރިކަމާއެކު ކުރިޔަށްދާ މިމުޒާހިރާތަކުގައި، އަންގާރަދުވަހު ހަމަނުޖެހުން އުފައްދާފައިވަނީ، މުޒާހިރާއާއި ގުޅުން ނެތްބަޔަކު މުޒާހިރާގެ ތެރެއަށް ވަދެގަނެގެންނެވެ. އަދި މުޒާޙިރާގެ ލީޑަރުންވަނީ، އެއްވުންތައް މެދުކަޑާނުލާނެ ކަމަށް ބުނެފައެވެ.
ފުލުހުން ހައްޔަރުކޮށްފައިވާ ދަނޑުވެރިންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަކީ، މަނާ ސަރަހައްދުތަކަށް އެއްވުމާއި، ދައުލަތުގެ މުދަލަށް ގެއްލުން ދިނުމާއި އަދި މީގެއިތުރުން ސަލާމަތީ ބާރުތަކަށް ހަމަލާ ދިނުމުގެ ތުހުމަތުތަކެވެ. މިހާތަނަށް އައިއިރު، މިމީހުންނާ ދެކޮޅަށް ފުލުހުންގެ ފަރާތުން 22 މައްސަލައެއް ވަނީ ރެޖިސްޓަރ ކޮށްފައެވެ.
"އަހަރުމެން މީހުން ހައްޔަރު ކުރަމުން މިދަނީ ވަރަށް ރަގަޅަށް ބެލުމަށްފަހު. އަހަރުމެން މިދަނީ، ހަމަނުޖެހުން ހިންގި ސަރަހައްދުތައް ކަމުގައުވާ، ރެޑްފޯޓް އިމާރާތް ހިމެނޭ ސަރަހައްދާއި އަދި މިނޫންވެސް، ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާތައް ބަލަމުން،" އިންޑިއަން އެކްސްޕްރެސް ނޫހަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައި ވެއެވެ.
އިންޑިއާގެ މަޝްހޫރު ތާރީޚީ ބިނާ، ރެޑްފޯޓް (ރަތް ބިނާ) އިމާރާތް ހިމެނޭ ސަރަހަށްދަށް ވަދެ، އަދި އިންޑިއާގެ ޖުމުހޫރީ ދުވަހު، ދަނޑުވެރިން ކުރި މުޒާހިރާތަކާ ގުޅިގެން، އިންޑިއާ ސަރުކާރުންވަނީ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ގިނައަދަދެއްގެ ފުލުހުން މަގުތަކަށް ނެރެފައެވެ.
ދަނޑުވެރިން މެދުނުކެޑި މުޒާހިރާ ކުރަމުންދާތާ 3 މަސް
އިންޑިއާ ސަރުކާރުން ބުނެފައިވަނީ، ދަނޑުވެރިކަމުގެ ސިނާއަތަށް ބޮޑުވަޒީރު މޯޑީގެ ސަރުކާރުން މިހާރު ގެންނަމުންދާ ބަދަލުތަކުން އެސިނާއަތު އިތުރަށް މިނިވަންވެގެން ދާނެ ކަމުގައެވެ. އެހެންނަމަވެސް، ދަނޑުވެރިން ބުނަމުންދަނީ، މިބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން އެމީހުނަށް މިހާރު ލިބެމުންދާ އާމްދަނީ އެތައް ގުނައަކުން ދަށްވެގެން ދާނެއެވެ.
އިންޑިއާގެ ސަރުކާރުން ދަނޑުވެރިކަމާ ބެހޭ ގާނުނަށް ގެނެސްފައިވާ ބަދަލުތައް އުވާލުމަށް ގޮވާލާ އެތައްހާސް ދަނޑުވެރިން މިހާތަނަށް ގެންދިޔައީ، ނިއު ދިއްލީގެ ރަށް ބޭރުގައި، ފާއިތުވެދިޔަ ނޮވެމްބަރު މަހުންފެށިގެން މުޒާހިރާ ކުރަމުންނެވެ. އަދި އެމީހުންވަނީ، މި އިސްލާހުތަކަށް އަމަލުކުރުން މަޑު ޖައްސާލުމަށް ސަރުކާރުން ހުށަހެޅި ހުށަހެޅުންތަކާވެސް ދެކޮޅު ހަދާފައެވެ.
މި މުޒާހަރާތަކަކީ، އިންޑިއާގެ ތާރީޚުގައިވެސް، މެދުނުކެޑި އެންމެ ދިގުމުއްދަތަކަށް ދަނޑުވެރިން ކުރަމުންދާ މުޒާހިރާތަކެވެ. އަދި މިމުޒާހިރާތަކުގެ ނަތީޖާއެއްގެ ގޮތުން، ދަނޑުވެރިކަމުގެ ސިނާއަތުގެ ތެރޭގައި ބޮޑުވަޒީރު މޯޑީއާއި ވެރިކަން ކުރާ ބީޖޭޕީ ޕާޓީއަށްއޮތް ތާއީދުވެސް ވަނީ އެތައް ގުނައަކުން ދަށަށް ގޮސްފައެވެ.
އިންޑިއާގެ ޖުމުހޫރީ ދުވަހާ ދިމާކޮށް ކުރިޔަށް ގެންދިއުމަށް ދަނޑުވެރިން އިންތިޒާމްކުރި މު މުޒާހިރާތައް، ދިއްލީގެ މެދުތެރޭ ސަރަހައްދުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖުމުހޫރީ ދުވަހުގެ އިފްތިހާލްތަކަށް ދަތި ނުވާނޭގޮތުގެމަތިން ކުރިޔަށް ގެންދާނެ ވަކި މަގުތަކެއް، ދިއްލީގެ ފުލުހުންނާ އެކީ މުޒާހިރާގެ އިސްވެރިން ބޭއްވި މަޝްވަރާތަކަށްފަހު ކުރިން ވަނީ އެއްބަސްވެވިފައެވެ. މިގޮތުން ފުލުހުން، ދަނޑުވެރިންނަށް މުޒާހިރާ ކުރުމަށް ދޫކޮށްފައިވަނީ، ދިއްލީގެ ރަށްބޭރުގެ މަގުތަކެވެ.

އެހެންނަމަވެސް، މުޒާހިރާ ކުރިފަރާތްތަކުން ވަނީ، ދަތުރުކުރަމުންދިޔަ މަގުތަށް ބަދަލުކޮށް، އެންމެ ފަހުން، އަގައުމުގެ ތާރީޚީ ބިނާއެއް ކަމުގައިވާ، 16 ވަނަ ގަރުނުގައި ބިނާކޮށްފައިވާ، "ރެޑް ފޯޓް" (ރަތް ބިނާ) އިމާރާތް ހިމެނޭ ސަރަހަދުތެރެއަށް ވަދެގެންފައެވެ.
ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށްފަހު، މިއިމާރާތުގެ ސަރަހައްދުގެ ތެރެއަށް ވަދެގަނެ، މުޒާހިރާގެ ބައިވެރިންވަނީ، ތާރީޚީ ބިނާގެ ގުއްބު މައްޗަށް އަރާ، އިންޑިއާގެ ގައުމީ ދިދައާއި އިންވެގެން މުޒާހިރާގެ ދިދަވެސް ނަގާފައެވެ.
"އަހަރުމެން މިތަނަށް މިއައީ އަހަރުމެން އަޑު މޯޑީއަށް އިއްވުމަށްޓަކާ، އަހަރުމެންގެ މަގުސަދު މިހާރު ހާސިލްވެއްޖެ"، މުޒާހިރާގެ ބައިވެރިއަކު އިންޑިއާގެ އެންޑީ ޓީވީގައި ވާހަކަ ދައްކަމުން ބުނެފައި ވެއެވެ.
ގާނޫނަށް ގެންނަ ބަދަލުތައް ގެނައީ ދަނޑުވެރިންނާ މަޝްވަރާ ނުކޮށް
އިންޑިއާ ސަރުކާރުން ގެންދަނީ އެގައުމުގެ ދަނޑުވެރިކަމުގެ ސިނާއަތަށް ބޭނުންވާ އިސްލާހީ ގިނަގުނަ ބަދަލުތަކެއް ގެންނަމުންނެވެ. އަދި މިބަދަލުތަކަކީ ކޮންމެހެންވެސް އިންޑިއާގެ އިގްތިސާދަށް ބޭނުންވެފައިވާ އިސްލާހުތަކެއް ނަމަވެސް، އިގްތިސާދީ ތަޖުރިބާކާރުން ބުނަމުންދަނީ އިގްތިސާދީ މި ބަދަލުތައް، ދަނޑުވެރިންނާ އެކަށީގެންވާ ގޮތެއްގައި މަޝްވަރާނުކޮށް ގެނެވިފައިވާ ކަމީ ސަރުކާރަށް ހެދިފައިވާ ވަރަށް ބޮޑު ގޯހެއްކަމުގައެވެ.
އިންޑިއާގެ އާބާދީގެ %50 އަކީ ދަނޑުވެރިކަމުގެ މަސައްކަތް ކުރާ މީހުންނެވެ. އަދި މި ދަނޑުވެރިންނަށް ސަރުކާރުން ކޮންމެ އަހަރަކުވެސް ސަބްސިޑީގެ ގޮތުގައި ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއެވެ. އަދި އިންޑިއާގެ ދަނޑުވެރިންނަށް އިންކަމް ޓެކްސް އާއި އިންޝޫރަންސް ފީވެސް ދައްކަން ނުޖެހޭއިރު، ދަނޑުވެރިކަމުން އުފައްދާތަކެތި ވިއްކައިގެން ލިބޭ އެންމެ ދަށް އާމްދަނީއެއްވެސް އިންޑިއާ ސަރުކާރުން ހަމަޖައްސާފައި އޮވެއެވެ. އަދި ދަޑުވެރިންގެ ލޯނުތަކަށްވެސް ކޮންމެ އަހަރަކުވެސް ބޮޑެތި ލުއިތަކެއް ސަރުކާރުން ފޯރުކޮށްދެއެވެ.
ކޮމެންޓު ފޮނުވާ