ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ޖަލްސާއަށް ވާންޖެހޭ ތައްޔާރީތައް ވުމަށާއި، މަޖިލީހުގެ އެހެނިހެން މަސައްކަތްތަކާއި ގުޅޭގޮތުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ އިދާރީ މުވައްޒިފުންނާއި ބައްދަލުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮތް މިބައްދަލުވުމުގައި މަޖިލީހުގެ ރައީސްވަނީ މިއަހަރަށް މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާއާއި ގުޅޭގޮތުންނާއި، މަޖިލީހުގެ މިއަހަރުގެ މަސައްކަތްތަކާއި ގުޅޭގޮތުން އިދާރީ މުވައްޒިފުންނާއި މަޝްވަރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ އޮންނަނީ އަންނަ ހަފްތާގެ ބްރާސްފަތި ދުވަހުއެވެ. ރިޔާސީ ބަޔާން އިއްވާ ދުވަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
ފެބްރުއަރީ 4 ގައި ބާއްވާ ރައްޔިތުްނގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްވާ ރިޔާސީ ބަޔާން ވެގެންދާނީ ވެރިކަމާ ހަވާލުވެވަޑައިގެން އެމަނިކުފާނު ދެއްވާ ތިންވަނަ ރިޔާސީ ބަޔާނަށެވެ.
ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ޤާނޫނު އަސާސީގެ 84 ވަނަ މާއްދާފައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެމައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.
މި ޖަލްސާގައި އޮންނާނީ ހަމައެކަނި، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމެވެ.
ކޮމެންޓު ފޮނުވާ