ޒުވާނުންގެ ސިކުޑިތައް ދޮވެލަން ފުރުސަތު ނުދެއްވުމަށް ޒުވާނުންގެ ވަޒީރު ގޮވާލައްވައިފި

ޒުވާނުންގެ ސިކުޑިތައް ދޮވެލަން ފުރުސަތު ނުދެއްވުމަށް ޒުވާނުންގެ ވަޒީރު ގޮވާލައްވައިފި

Author
މުޙައްމަދު ޝަޒައިމް
27 ޖެނުއަރީ 2021 08:44
0

ހަރުކަށި ފިކުރު ހިންގުމަށްޓަކައި ވަކި ބައެއްގެ އެދުމަށް ދިވެހި ޒުވާނުންގެ ސިކުޑިތައް ދޮވެލަން އެފަދަ ފަރާތްތަކަސް ފުރުސަތު ނުދެއްވަމުން ޒުވާނުންގެ ވަޒީރު އަހުމަދު މަހުލޫފް ގޮވާލައްވައިފިއެވެ.

ތިމަރަފުށީ ތައުލީމީ މަރުކަޒުގައި އޯލެވްލެ އިމްތިހާނު ހަދަމުންދަނިކޮށް އެ މަރުކަޒު ގޮއްވާލަން، އެރަށުން ހައްޔަރުކުރި މީހުން ރޭވިކަމަށް އިއްޔެ ފުލުހުން ހާމަކުރުމާއި ގުޅިގެން މިނިސްޓަރ މަހުލޫފްވަނީ މިފަދަ ކަންކަމުން ދުރުވުމަށް ގޮވާލައްވާފައެވެ. އިސްލާމްދީނަކީ ހަރުކަށި ކަމާއި، ހަރުކަށި ފިކުރުތަކުން ދުރުކޮށް، ސުލްހަޔާއި ލޯތްބާއި ކުލުނުގެ ދީންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިސްލާމްދީނަކީ ބޮޑެތި ޖަރީމާތައް ހިންގައި، ކުށެއްނެތް އެތައް ބަޔަކު މަރާލުމަށްފަހު ސުވަރުގެ ދެވޭނެ ދީންކަމަށް ގަބޫލުކުރުމަކީ ވަރަށްބޮޑު ކުށް ހީއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ ވަކި ބަޔަކު އަޑީގައި ތިބެގެން އެމީހުންގެ އަމިއްލަ ވިޔަފާރިއާއި، އަމިއްލަ އެދުން އިސްކޮށް، ޒުވާނުންނަށް ނުބައި ވަސްވާސްދީގެން ކުރަމުންދާ ވަރަށް ނޭދެވޭ އަމަލުތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަންކަމުން ދިވެހި އެންމެހައި ޒުވާނުންވެސް ދުރުވުމަށް މިނިސްޓަރ މަހުލޫފްވަނީ އިލްތިމާސް ކުރައްވާފައެވެ.

ކުޑަކުދިން ތަކަކަށް ހަމަލާދީފައި ސުވަރުގެ ނުދެވޭނެ. ޒުވާނުންގެ ސިކުޑިތައް ދޮވެލަން ފުރުސަތު ނުދެއްވާ. އެއީ ބައެއްގެ ވިޔަފާރި، އަމިއްލަ އެދުމަށް ވަސްވާސްދީ ރާވާ އަދި ކުރުވާ ކަންކަން. އިސްލާމް ދީނަކީ ސުލްހައިގެ ދީން. އެއީ އަނިޔާއާއި ދެކޮޅު ދީން. ލޯތްބާއި ކުލުނުގެ ދީން.

– މަހުލޫފް ވިދާޅުވިއެވެ.

ތިމަރަފުށީގައި ހިންގި އޮޕަރޭޝަނުން ހަރުކަށި ފިކުރަށް މީހުން ލެންބުވުމަށް ކުރާ ގިނަ ކަންތައްތަކެއް ތަހުގީގަށް ފާހަގަކުރެވިފައިވެއެވެ. މިގޮތުން ހަރުކަށި ފިކުރު ގަބޫލުކޮށް އެފިކުރު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ކުޑަކުދިންނަށާއި، ދަތިހާލުގައި އުޅޭ މީހުންނަށާއި، ކުށްކުރާ މީހުންގެ ތެރެއިން ފައިސާއަށް ހެއްލޭ ކުދިންނަށް އަމާޒުކޮށްގެން ފުރަތަމަ މަރުހަލާގައި ދީނީ އަޅުކަންތައް އާއްމު އުސޫލުން ކުރުމަށް ބާރު އަޅައި ވާހަކަ ދައްކައި ދީނީ ކަންކަމަށް ޝައުގުވެރިކުރުވާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ތިމަރަފުށީގައި ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކުން އެރަށުގައި އުޅޭ އުމުރުން 14 އަހަރާއި 18 އަހަރުގެ ކުޑަކުދިންނަށް އެޕްރޯޗްކޮށް އެކުދިން ހަރުކަށި ފިކުރުގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކުރާކަން ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެރަށުގެ އާއްމު ރައްޔިތުންނަށް އެމީހުންގެ ސަބަބުން އެކިކަހަލަ ގޯނާތައް ކުރިމަތިވެ، ބިރުވެރިކަން އުފެދި މުޖުތަމައުގެ ތެރޭގައި ބައިބައިވުން އުފެދިފައިވާކަންވެސް ފާހަގަކުރެވިފައިވާކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.

ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކުރާ އިސް ފަރާތްތަކުގެ މައިގަނޑު މަގުސަދަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކުރާ ބަޔަކު ރާއްޖޭގައި އުފައްދައި، އެފަރާތްތައް ލައްވައި ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާތައް ދިނުންކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.