މިއަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ފަރިތަކުރުންތައް މިމަހުގެ ފަހުކޮޅު ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ ކުލަބުން ބުނެފިއެވެ.
ސަސްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރިން ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމުތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ކޯޗު އަހުމަދު ނާޝިދު (ނާދު) އެވެ. އަދި އެސިސްޓަންޓް ކޯޗުންގެ ގޮތުގައި ތަޖުރިބާކާރު ކޯޗު ފަރީދު މުހައްމަދު (ފަރިއްޓެ) އާއި ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގެ ކޯޗިން ޓީމުތަކުގައި ފާހަގަވި ގޯލްކީޕަރު ޓްރެއިނަރ ހަސަން ހަމީދު (ޑަކޭ) އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ސީޒަނުގައި ކުލަބް ގްރީންސްޓްރީޓްސް އަށް ކުޅުނު ހަސަން އަދުހަމް (ސަޑޭ) އާއި މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓްރީއަށް ކުޅުނު ޝާފިއު އަހުމަދު (ޝާފީ) ގެ އިތުރުން މިދިޔަ ސީޒަނުގައި ދަ ގްރާންޑޭގެ ކެޕްޓަން ކުރި މުހައްމަދު ރަޝީދު (ހޮކޭ) ހޯދުމަށް އެ ކުލަބުން މަސައްކަތްކޮށްފައިވެ އެވެ.
ސަސް އިން ފުރަތަމަ ޑިވިޝަނުގެ ޖާގައެއް ހޯދާފައިވަނީ ދެވަނަ ޑިވިޝަނުގެ ރަނަރަޕް ޓީމުގެ މަގާމު ހޯދައިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެޓީމުން އަންނަނީ މިމަހު 25 ވަނަ ދުވަހު ފަރިތަކުރުންތައް ފެށުމަށް މަސައްކަތް ކުރަމުންނެވެ.