މޯޑީގެ ސަރުކާރުން އިންޑިއާގެ ދަނޑުވެރިކަމުގެ ސިނާއަތަށް ގެންނަމުންދާ ބަދަލުތަކާމެދު ހިންހަމަ ނުޖެހި، މުޒާހަރާ ކުރާ ފަރާތްތަކުން، ޓްރެކްޓަރު ތަކުގައާއި އަދި ހިގާފައި ދަތުރުކޮށް، ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށްފަހު، އެގައުމުގެ ތާރީޚި ބިނާއެއް ކަމުގައިވާ މަޝްހޫރު "ރެޑް ފޯޓް" (ރަތް ބިނާ) އިމާރާތް ހުންނަ ސަރަހައްދަށް ވަދެގެންފިއެވެ.
މުޒާހިރާ ކުރަމުންދިޔަ ފަރާތްތަކުންވަނީ، ދަތުރުކުރުމަށް ކުރިން ހަމަޖެހިފައި އޮތް މަގުނޫން އެހެންމަގުތަކުން ދަތުރުކޮށް ފުލުހުންގެ ސަފުތައް ފޫއަޅުވާލާފައެވެ. އަދި ފުުލުހުންނާ މުޒާހިރާ ކުރާފަރާތްތަކާ ދެމެދު ހިގި ހަމަނުޖެހުންތަކުގައި އެކަކު މަރުވެފައިވާ ކަމަށްވެސް މިޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުންވަނީ، މި މުޒާހިރާތަކާ ގުޅިގެން، އިންޑިއާގެ ވެރިރަށް ދިއްލީގެ އެކިހިސާބުތަކުން އިންޓަރނެޓްގެ ޚިދުމަތްތައް މެދުކަޑާލާފައެވެ.
އިންޑިއާގެ ދަޑުވެރިން ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން މިއަދު ހިގި ހަމަނުޖެހުންތަކާ ގުޅޭގޮތުން މޯޑީގެ ސަރުކާރުން އެއްވެސް މައުލާމާތެއް އަދި ހިއްސާކޮށްފައި ނުވެއެވެ. އެހެންނަމަވެސް، ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ނިއު ދިއްލީގެ ހާލަތާ ގުޅެގޮތުން، ހޯމް މިނިސްޓަރ އަމިޓް ޝާހު ގެންދަވަނީ ދިއްލީގެ ފުލުހުންގެ އިސްފަރާތްތަކާ މަޝްވަރާ ކުރައްވަމުންނެވެ.
އިންޑިއާ ސަރުކާރުން ބުނެފައިވަނީ، ދަނޑުވެރިކަމުގެ ސިނާއަތަށް ބޮޑުވަޒީރު މޯޑީގެ ސަރުކާރުން މިހާރު ގެންނަމުންދާ ބަދަލުތަކުން އެސިނާއަތު އިތުރަށް މިނިވަންވެގެން ދާނެ ކަމުގައެވެ. އެހެންނަމަވެސް، ދަނޑުވެރިން ބުނަމުންދަނީ، މިބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން އެމީހުނަށް މިހާރު ލިބެމުންދާ އާމްދަނީ އެތައް ގުނައަކުން ދަށްވެގެން ދާނެއެވެ.
އިންޑިއާގެ ސަރުކާރުން ދަނޑުވެރިކަމާ ބެހޭ ގާނުނަށް ގެނެސްފައިވާ ބަދަލުތައް އުވާލުމަށް ގޮވާލާ އެތައްހާސް ދަނޑުވެރިން މިހާތަނަށް ގެންދިޔައީ، ނިއު ދިއްލީގެ ރަށް ބޭރުގައި، ފާއިތުވެދިޔަ ނޮވެމްބަރު މަހުންފެށިގެން މުޒާހިރާ ކުރަމުންނެވެ. އަދި އެމީހުންވަނީ، މި އިސްލާހުތަކަށް އަމަލުކުރުން މަޑު ޖައްސާލުމަށް ސަރުކާރުން ހުށަހެޅި ހުށަހެޅުންތަކާވެސް ދެކޮޅު ހަދާފައެވެ.
މި މުޒާހަރާތަކަކީ، އިންޑިއާގެ ތާރީޚުގައިވެސް، މެދުނުކެޑި އެންމެ ދިގުމުއްދަތަކަށް ދަނޑުވެރިން ކުރަމުންދާ މުޒާހިރާތަކެވެ. އަދި މިމުޒާހިރާތަކުގެ ނަތީޖާއެއްގެ ގޮތުން، ދަނޑުވެރިކަމުގެ ސިނާއަތުގެ ތެރޭގައި ބޮޑުވަޒީރު މޯޑީއާއި ވެރިކަން ކުރާ ބީޖޭޕީ ޕާޓީއަށްއޮތް ތާއީދުވެސް ވަނީ އެތައް ގުނައަކުން ދަށަށް ގޮސްފައެވެ.
އިންޑިއާގެ ޖުމުހޫރީ ދުވަހާ ދިމާކޮށް ކުރިޔަށް ގެންދިއުމަށް ދަނޑުވެރިން އިންތިޒާމްކުރި މު މުޒާހިރާތައް، ދިއްލީގެ މެދުތެރޭ ސަރަހައްދުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖުމުހޫރީ ދުވަހުގެ އިފްތިހާލްތަކަށް ދަތި ނުވާނޭގޮތުގެމަތިން ކުރިޔަށް ގެންދާނެ ވަކި މަގުތަކެއް، ދިއްލީގެ ފުލުހުންނާ އެކީ މުޒާހިރާގެ އިސްވެރިން ބޭއްވި މަޝްވަރާތަކަށްފަހު ކުރިން ވަނީ އެއްބަސްވެވިފައެވެ. މިގޮތުން ފުލުހުން، ދަނޑުވެރިންނަށް މުޒާހިރާ ކުރުމަށް ދޫކޮށްފައިވަނީ، ދިއްލީގެ ރަށްބޭރުގެ މަގުތަކެވެ.
އެހެންނަމަވެސް، މުޒާހިރާ ކުރިފަރާތްތަކުން ވަނީ، ދަތުރުކުރަމުންދިޔަ މަގުތަށް ބަދަލުކޮށް، އެންމެ ފަހުން، އަގައުމުގެ ތާރީޚީ ބިނާއެއް ކަމުގައިވާ، 16 ވަނަ ގަރުނުގައި ބިނާކޮށްފައިވާ، "ރެޑް ފޯޓް" (ރަތް ބިނާ) އިމާރާތް ހިމެނޭ ސަރަހަދުތެރެއަށް ވަދެގެންފައެވެ.
ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށްފަހު، މިއިމާރާތުގެ ސަރަހައްދުގެ ތެރެއަށް ވަދެގަނެ، މުޒާހިރާގެ ބައިވެރިންވަނީ، ތާރީޚީ ބިނާގެ ގުއްބު މައްޗަށް އަރާ، އިންޑިއާގެ ގައުމީ ދިދައާއި އިންވެގެން މުޒާހިރާގެ ދިދަވެސް ނަގާފައެވެ.

"އަހަރުމެން މިތަނަށް މިއައީ އަހަރުމެން އަޑު މޯޑީއަށް އިއްވުމަށްޓަކާ، އަހަރުމެންގެ މަގުސަދު މިހާރު ހާސިލްވެއްޖެ"، މުޒާހިރާގެ ބައިވެރިއަކު އިންޑިއާގެ އެންޑީ ޓީވީގައި ވާހަކަ ދައްކަމުން ބުނެފައި ވެއެވެ.
އިންޑިއާ ސަރުކާރުން ގެންދަނީ އެގައުމުގެ ދަނޑުވެރިކަމުގެ ސިނާއަތަށް ބޭނުންވާ އިސްލާހީ ގިނަގުނަ ބަދަލުތަކެއް ގެންނަމުންނެވެ. އަދި މިބަދަލުތަކަކީ ކޮންމެހެންވެސް އިންޑިއާގެ އިގްތިސާދަށް ބޭނުންވެފައިވާ އިސްލާހުތަކެއް ނަމަވެސް، އިގްތިސާދީ ތަޖުރިބާކާރުން ބުނަމުންދަނީ އިގްތިސާދީ މި ބަދަލުތައް، ދަނޑުވެރިންނާ އެކަށީގެންވާ ގޮތެއްގައި މަޝްވަރާނުކޮށް ގެނެވިފައިވާ ކަމީ ސަރުކާރަށް ހެދިފައިވާ ވަރަށް ބޮޑު ގޯހެއްކަމުގައެވެ.
އިންޑިއާގެ އާބާދީގެ %50 އަކީ ދަނޑުވެރިކަމުގެ މަސައްކަތް ކުރާ މީހުންނެވެ. އަދި މި ދަނޑުވެރިންނަށް ސަރުކާރުން ކޮންމެ އަހަރަކުވެސް ސަބްސިޑީގެ ގޮތުގައި ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއެވެ. އަދި އިންޑިއާގެ ދަނޑުވެރިންނަށް އިންކަމް ޓެކްސް އާއި އިންޝޫރަންސް ފީވެސް ދައްކަން ނުޖެހޭއިރު، ދަނޑުވެރިކަމުން އުފައްދާތަކެތި ވިއްކައިގެން ލިބޭ އެންމެ ދަށް އާމްދަނީއެއްވެސް އިންޑިއާ ސަރުކާރުން ހަމަޖައްސާފައި އޮވެއެވެ. އަދި ދަޑުވެރިންގެ ލޯނުތަކަށްވެސް ކޮންމެ އަހަރަކުވެސް ބޮޑެތި ލުއިތަކެއް ސަރުކާރުން ފޯރުކޮށްދެއެވެ.
ކޮމެންޓު ފޮނުވާ