ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް މިހާރު އޮތް ބަޖެޓަށްވުރެ އިތުރަށް45 މިލިޔަން ރުފިޔާ ބޭނުންވާކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަން ކޮމިޝަންގެ ޤާއުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ މެމްބަރު ފުއާދު ތައުފީގު ވިދާޅުވީ އިންތިޚާބު ބެއްވުމަށް މިހާރު ލިބިފައިވަނީ 51 މިލިޔަން ރުފިޔާގެ ބަޖެޓެއްކަމަށެވެ. ނަމަވެސް މި އިންތިޚާބު ބޭއްވުމަށް މިހާރު އޮތް ގައިޑްލައިންގެ ތެރެއިން އިންތިޚާބު ބޭއްވުމަށް އިތުރަށް 45 މިލިޔަން ރުފިޔާގެ ބަޖެޓެއް ބޭނުންވާކަމަށެވެ.
އިންތިޚާބަށް ކުރަންޖެހޭ ޚަރަދުތަކުގެ ތަފްސީލް ގެންދަވަމުން ފުއާދު ވިދާޅުވީ ކޯވިޑްގެ މިހާލަތުގައި އިންތިޚާބު ބާއްވާއިރު ކުރަންޖެހޭ އިތުރު ޚަރަދުތައް ވަރަށްބޮޑުކަމަށެވެ. ޚާއްސަކޮށް އޮފީސް ޚަރަދުތަކާއި، ދަތުރުފަތުރާއި، ވޯޓު ފޮށި ބަހައްޓާ އިދާރާގެ ކަންކަން އިންތިޒާމު ކުރުމަށްވެސް ބޮޑު ޚަރަދުތަކެއް ހިނގާކަމަށެވެ. އޭނާ ވިދާޅުވީ މިޚަރަދުތަކުގެ ތަފްސީލްތައް ކަމާއިބެހޭ ފަރާތްތަކަށް ދެއްވާނެކަމަށެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއިއެކު އިންތިޚާބު ބޭއްވުމުގެ ތާރީޚު އިއުލާން ކުރެއްވުމަށްފަހު އިލެކްޝަން ކޮމިޝަނުން ދެއްކެވި ވާހަކަތަކުން އިންތިޚާބު ބޭއްވުމަށް ކުރަންޖެހޭ ޚަރަދުބޮޑުކަން ފާހަގަވެއެވެ. އިންތިޚާބަށް ޖުމްލަ 95 މިލިޔަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާއިރު މިފައިސާ ހޯދުމުގެ މަަސައްކަތް މަޖިލިސް މެދުވެރިކޮށް ކުރައްވާނެކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ