ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ނަމަވެސް ކައުންސިލް އިންތިޚާބު ބޭއްވޭގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެނައި އިސްލާހުތަކާއިއެކު އިންތިޚާބު ބޭއްވާނެ ތާރީހަކީ އޭޕްރީލް މަހުގެ 10 ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަލައިފިއެވެ.
އިލެކްޝަން ކޮމިޝަންގައި މިހާރު ކުރިއަށްދާ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަވުމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އިންތިޚާބު މިތާރީހުގައި ބާއްވަން ކަނޑައެޅިނަމަވެސް ޤާނޫނީ ގޮންޖެހުންތަކާއި ބަޖެޓުގެ ބޮޑެތި ދަތިތަކެއް ހުރިކަމަށެވެ. އިންތިޚާބު ބާއްވާ ތާރީހު މިއަދު އިއުލާން ކުރުމާއިއެކު އިންތިޚާބު ބޭއްވުމުގެ މަސައްކަތްތައް އަންނަ ހުކުރު ދުވަހުން ފެށުމަށް ނިންމާފައިވާ ކަމަށެވެ.
އިންތިޚާބުގެ ތާރީހު ކަނޑައެޅުމަށް ޤާނޫނީ ލަފާދޭ ބޭފުޅުންނާއިއެކު އިލެކްޝަން ކޮމިޝަންގެ މެމްބަރުން މެދުގައި ޚިޔާލުބަދަލުކޮށް މިއަދު މަޝްވަރާ ވަނީ ކޮށްފައިކަމަށް ޝަރީފް ވިދާޅުވިއެވެ. އިންތިޚާބު ބޭއްވުމަށް ތާރީހެއް ކަނޑައަޅާއިރު ހުރި ޤާނޫނީ މައްސަލަތަކާއި ގުޅޭގޮތުން މިބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވިއެވެ.
އިންތިޚާބު ބޭއްވުމަށް ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަންގެ ރައީސް ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިން އޮތް ގޮތުން އިންތިޚާބު ބޭއްވުމަކީ ދަތިކަމެއްކަމަށެވެ. ނަމަވެސް ގައިޑްލައިނަކީ ރައްޔިތުންގެ ރައްކާތެރިކަމަށް ބަލައި އެކުލަވާލާފައިވާ ގައިޑްލައިނަކަށްވުުން އެކަމަށް އިޚުތިރާމު ކުރާކަމަށެވެ.
މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ނާއިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އިންތިޚާބު ބާއްވާއިރު ޤާނޫނީ ގޮތުން ފުރިހަމަ ވާންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށެވެ. އެގޮތުން ކެންޕެއިން ކުރުމުގެ ފުރުސަތު ދިނުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާނެކަމަށެވެ. އޭނާ ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިން މިހާރު އޮތް ގޮތުންވެސް ބަޖެޓުގެ ދަތިކަން އިންތިހާއަށް ހުރިކަމަށެވެ. ޚާއްސަކޮށް ކަރަންޓީންގައި ތިބޭމީހުންނާއި، ޕޮޒިޓިވްވާ މީހުން ވޯޓުލާން ގެނައުން އިލެކްޝަން ކޮމިޝަނުން އިންތިޒާމު ހަމަޖައްސަން ޖެހޭކަމަށެވެ.
ނަމަވެސް އޭނާ ވިދާޅުވީ މިއީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއްނޫންކަމަށެވެ. ޤާނޫނުގައި ބުނާގޮތުން އެއްވެސް މީހަކު ވޯޓުލާން ގެނައުމަކީ އިލެކްޝަނުން ކޮށްގެންވާނެކަމެއްނޫންކަމަށް ބުނެފައިވާކަމަށެވެ. ގައިޑްލައިންގައި ހުރި ކަންބޮޑުވުންތަކުގެ ތެރެއިން ރިސޯޓުތަކުގައި ތިބި މީހުންނަށްވެސް ވޯޓުލުމަށް ގިނަ ހުރަސްތަކެއް ހުރިކަމަށް ހަބީބު ވިދާޅުވިއެވެ.
އިންތިޚާބު ބޭއްވުމުގެ ތާރީހު މިއަދު ކަނޑައެޅިނަމަވެސް އިންތިޚާބު ބޭއްވުމަށް ހުރި ގިނަ ގޮންޖެހުންތަކެއް އިލެކްޝަން ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓު ފޮނުވާ