2008 ވަަނަ ރާއްޖޭގެ ވެރިކަމާއި ހަވާލުވި އެމްޑީޕީގެ ވެރިކަން ނިމިފައިވަނީވެސް ޗާޓުން ބޭރުން ކުރަމުންދިޔަ އަމަލުތަކުގެ ސަބަބުން ކަމުގައި ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މާލޭގެ މަގުތަކުގައި ކުރިއަށްގެންދާ މުޒާޖަރާތަކާއި ގުޅިގެން ފުލުހުން އިދިކޮޅު އިސްފަރާތްތަކާއި، އެކްޓިވިސްޓުން ހައްޔަރު ކުރަމުންދާ މައްސަލާގައި ޑރ.ޖަމީލް ވިދާޅުވީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަކީ ޤާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ ހައްގެއްކަމަށެވެ. މުޒާހަރާ ކުރަން ނިކުންނަ މީހުން ޤާނޫނީ އިމުން ބޭރުން ހައްޔަރުކޮށް އަނިޔާ ދިނުމަކީ ކުރެވޭނެ ކަމެއްނޫންކަމަށާއި، ނިމިދިޔަ ތަނުގައިވެސް އެމްޑީޕީގެ ވެރިކަން ނިމިގެން ދިޔައީ ޤާނޫނީ އިމުން ބޭރުން ކުރަމުންދިޔަ ކަންތައްތަކުގެ ސަބަބުންކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.
ޞުލްޙަވެރިކަމާއެކު ސިޔާސީ ޙަރަކާތް ހިންގުމަކީ ކުށެއް ނޫން. ޕީޕީއެމްގެ ހިތްވަރުގަދަ ފަހުލަވާނުން އަދި ލީޑަރޝިޕްގެ އެންމެ ބޭފުޅުންނާއި އެކު ޢަބްދުއްރަޙީމް ހައްޔަރުކޮށްފައިވަނީ ޣައިރު ޤާނޫނީކޮށް. ކުރިން ވެސް އެމްޑީޕީ ސަރުކާރު ނިމުނީ މިގޮތަށް ޗާޓުން ބޭރުން ކަންތައް ކުރުމުން.
– ޑރ.ޖަމީލް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބު އަވަސްކުރުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށްގެންދިޔަ އިޙްތިޖާޖުގައި ފުލުހުން ހައްޔަރުކުރި 24 މީހުން ދޫކޮށްލާފައިވަނީ ރޭ ދަންވަރުއެވެ. އިދިކޮޅު ކޯލިޝަނުން މިއަދު މެންދުރު ކުރިއަށްގެންދިޔަ ސީދާ ހަރަކާތުގެ ތެރެއިން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހިންގުމާ ހަވާލުވެހުންނެވި ޕީއެންސްސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާޢު ހައްޔަރުކުރިއެވެ. އަދި ޢާންމުންގެ ބައެއް މީހުންވެސް ހައްޔަރުކުރިއެވެ. މީގެ އިތުރުން މިރޭ ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން ވަނީ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދާއި، ޕީޕީއެމް ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓެއްވެސް ފުލުހުން ހައްޔަރުކޮށްފައެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަން 2012 ވަނަ އަހަރު ވެއްޓިފައިވަނީ އޭރުގެ އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުތަމަތީގައި ކުރަމުންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން، މުޒާހަރާތައް ކޮންޓްރޯލްނުވެ ފުލުހުންނާއި ސިފައިންގެ ތެރެއިންވެސް ބަޔަކު މުޒާހަރާގެ ބައިވެރިންނާއި ބައިއަތު ހިފައިގެންނެވެ. ރައީސް ނަޝީދުގެ ވެރިކަން ނިމިފައިވަނީ އޭރުގެ ކްރިމިނަލް ކޯޓުގެ ޤާޒީ އަބްދުﷲ މުހައްމަދު ރަހީނުކޮށް ހައްޔަރުކުރި މައްސަލާގައި އިދިކޮޅުން ކުރި މުޒާހަރާތަކުގައެވެ.
ކޮމެންޓު ފޮނުވާ