ޔޫގެންޑާގެ އިދިކޮޅު ލީޑަރު ބޮބީ ވައިން

ޔޫގެންޑާގެ އިދިކޮޅު ލީޑަރު މިނިވަން ކުރުމަށް ކޯޓުން އަމުރު ކޮށްފި

ޔޫގެންޑާގެ އިދިކޮޅު ލީޑަރު މިނިވަން ކުރުމަށް ކޯޓުން އަމުރު ކޮށްފި

މި ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބޭއްވުނު ޔޫގެންޑާގެ ރިޔާސީ އިންތިޚާބަށްފަހު، ގޭބަންދުގައި ހުންނެވި، އެގައުމުގެ އިދިކޮޅު ލީޑަރު ބޮބީ ވައިން ގޭބަންދުން މިނިވަންކުރުމަށް އެގައުމުގެ ކޯޓުން ހުކުމް ކޮށްފިއެވެ.

ޔޫގެންޑާގެ ވެރިރަށް ކަމްޕަލާގެ އަވަށެއްގައި ހުންނަ ބޮބީ ވައިންގެ ގޭގައި އޭނާ ހައްޔަރުކޮށްފައިވަނީ، މިމަހުގެ 14 ވަނަ ދުވަހު ބޭއްވުނު އިންތިޚާބުގައި އޭނާ ވޯޓުލާ ނިމުނުތަނާ ކަހަލަ ގޮތަކަށެވެ. އޭނާވަނީ މިއިންތިޚާބުގައި، ޔޫގެންޑާގައި ދިގުމުއްދަތެއް ވަންދެން ވެރިކަން ކުރަމުންދާ ޔުވޭރީ މުސެވިނީއާ ދެކޮޅަށް ވަރުގަދަ ކެމެޕޭނެއް ކުރައްވާފައެވެ.

"ފަޑިޔާރުވަނީ، ދައުލަތުގެ ހުރިހާ މުވައްސައަކަށް، އޭނާގެ ގެ ހިސޯރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އޭނާ މިނިވަން ކުރުމަށް އަމުރު ކޮށްފަ،" ބޮބީ ވައިންގެ ގާނޫނީ ވަކީލު ޖޯޖް މުސީސީ ހޯމަ ދުވަހު ވިދާޅުވިއެވެ.

ޔޫގެންޑާގެ ސިފައިންގެ ވެރިޔާ ބްރިގޭޑިއަރ ފްލާވިއާ ބޭކްވަސޯ ވިދާޅުވެފައިވަނީ، ކޯޓުން ނެރުނު އަމުރުގެ މައުލޫމާތު އަސްކަރިއްޔާއަށް ލިބިފައިވާ ކަމަށާއި އަދި އަސްކަރިއްޔާއިން އެއަމުރަށް ބޯލަބާނެ ކަމަށެވެ. އެހެންނަމަވެސް، އަމުރު ތަންފީޒު ކުރާނީ ކޮންއިރަކުން ކަމެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ.

އެހެންނަމަވެސް، އަދިވެސް ބޮބީ ވައިންގެ ގޭގެ ވަށައިގެން ބެރިކޭޑްތައް ޖަހާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

ބޮބީ ވައިން ގޭބަންދުން މިނިވަންކުރުމަށް އެމްނެސްޓީ އިންޓަރނޭޝަނަލްގެ އިތުރުން، ބައިނަލް އަގުވާމީ އެތަކެއް ޖަމްއިއްޔާތަކާއި އެމެރިކާއިންވެސް ވަނީ ގޮވާލާފައެވެ. އެމެރިކާއިން ބުނެފައިވަނީ، ވައިންގެ ގޭބަންދަކީ، އައިރުގާނޫނީ އަދި ސިޔާސީ ބަންދެއް ކަމުގައެވެ.

ބޮބީ ވައިންގެ ޕާޓީ، ނޭޝަނަލް ޔުނިޓީ ޕްލެޓްފޯމް (NUP)ގެ ތަރުޖަމާން ޖޮއި ސެންޔޮންޔޯ ވިދާޅުވެފައިވަނީ، ވައިންގެ ގާނޫނީ ވަކީލުން ގެންދަނީ، ސަލާމަތީ މުވައްސަސާތަކާ ކޯޓު އަމުރު ހަވާލުކުރުމަށް މަސައްކަތް ކުރަމުން ކަމުގައެވެ. "އެމީހުން ވައިންގެ ގެ ހިސޯރުކޮށްގެން އެތިބީ ގާނޫނާ ޚިލާފަށް،" އޭނާ ވިދާޅުވިއެވެ.

ޔޫގެންޑާގެ އިލެކްޝަންސް ކޮމިޝަނުން އާންމު ކޮށްފައިވާ ނަތީޖާ ދައްކާގޮތުން، ވޯޓުލީ މީހުންގެ %59 ކާމިޔާބު ކޮށްގެން މިއިންތިޚާބު ކާމިޔާބު ކޮށްފައިވަނީ، 1986 ވަނަ އަހަރުން ފެށިގެން ޔޫގެންޑާގައި ވެރިކަން ކުރަމުން އަންނަ އުމުރުން 77 އަހަރުގެ މުސެވެނީއެވެ. އިދިކޮޅު ލީޑަރު ބޮބީ ވައިންއަށް ލިބިފައިވަނި %35 ވޯޓެވެ.

މި އިންތިޚާބުގައި ރައީސް ޔުވޭރީ މުސެވިނީއާ ދެކޮޅަށް އިދިކޮޅު 10 ކެޑިޑޭޓުންގެ ވާދަކޮށްފައި ވެއެވެ. އެހެންނަމަވެސް، މުސެވިނީއާ ވާދަކުރެވޭ ވަރުގެ ތާއީދެއް އުފެއްދިފައިވަނީ ބޮބީ ވައިންއަށެވެ.

ޔޫގެންޑާގައި 35 އަހަރު ދުވަހުގެ ދިގު ވެރިކަމެއް ކުރަމުންދާ ޔުވޭރީ މުސެވިނީއާ ދެކޮޅަށް ބޮބީ ވައިންވަނީ، އެގައުމުގެ އެތަކެއް ޒުވާނުންގެ ބޮޑެތި އެއްވުންތައް ބާއްވާ، ޔުވޭރީ މުސެވިނީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ކުރުވާފައެވެ. އަދި އިންތިޚާބަށް ފަހު، މިއިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރުމަށް ޔޫގެންޑާގެ ރައްޔިތުންނަށް ވައިން ވަނީ ގޮވާލައްވާފައެވެ.

އެހެންނަމަވެސް، ޔުވޭރީ މުސެވިނީ ވިދާޅުވެފައިވަނީ، މި ފަހަރުގެ ރިޔާސީ އިންތިޚާބަކީ، 1962 ވަނަ އަހަރު އިގިރެސިންގެ އަތްދަށުން އެގައުމަށް މިނިވަންކަން ލިބުނު ފަހުން އެގައުމުގައި ބޭއްވިގެން ދިޔަ އެންމެ އިންސާފުވެރި އިންތިޚާބުކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *