ވެކްސިން ޖެހުމަށް 19،000 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފި

ވެކްސިން ޖެހުމަށް 19،000 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފި

Author
މުޙައްމަދު ޝަޒައިމް
25 ޖެނުއަރީ 2021 10:27
0

ކޯވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށްޓަކައި މިހާތަނަށް 19000 އަށްވުރެ ގިނަމީހުން ރަޖިސްޓްރީ ކޮށްފައިވާކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު އަދި ޤައުމީ ވެކްސިން ޕްރޮގްރާމުގެ ހެޑް ޑރ.ފާޠިމަތު ނަޒްލާ ރަފިޤު ވިދާޅުވީ މިހާތަނަށް ކޯވިޑް-19ގެ ވެކްސިން ޖެހުމަށްޓަކައި 19666 މީހަކު ޕޯޓަލްގައި ރަޖިސްޓްރީ ވެފައިވާކަމަށެވެ. ނަޒްލާ ވިދާޅުވީ އެއީ ދުވާލެއްގެ މައްޗަށް ބަލާނަމަ ހާހެއްހައި މީހުންކަމަށެވެ. ނަޒްލާވަނީ ވެކްސިން ޖެހުމަށްޓަކައި ވީހާ ގިނަބަޔަކު ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް އެދިވަޑައިގެންފައެވެ.

ކޯވިޑް-19ގެ ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކުރުމަށް ތައްޔާރުކޮށްފައިވާ ޚާއްސަ ޕޯޓަލްއަކީ my.health.mv އެވެ. ކޯވިޑް-19 ވެކްސިނަށް ރަޖީސްޓްރީކުރާ ޕޯޓަލްގައި ފުރަތަމަ ރަޖިސްޓްރީވުމަށް ހުޅުވާލީ ސިއްހީ ހިދުމަތްތެރިންނަށާއި ސޯޝަލް ކެއާ ވޯކަރުންނަށެވެ. ނަމަވެސް ކޮވިޑް-19 ވެކްސިން ޖެހުމަށް އެއްވެސް މީހަކަށް މަޖުބޫރު ނުކުރާނެ ކަމަށް އެޗްއީއޯސީން ވަނީ ހާމަކޮށްފައެވެ.

ކޯވިޑް 19 އިން ރައްކާތެރިވުމަށްޓަކައި ޖަހާ ވެކްސިން އެންމެ ފުރަތަމަ ރާއްޖެއަށް ގެނެސްފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އިންޑިއާއިންނެވެ. އެޗްޕީއޭއިން ވަނީ ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިން ޖެހުމަކީ މަޖުބޫރުކަމެއް ނޫންކަން ހާމަކުރައްވާފައެވެ. ނަމަވެސް ވެކްސިން ޖެހުމުގެ ސަބަބުން ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އިތުރު އެހީއަކަށްވާނެކަމަށާ، ގިނަ ބަޔަކު މި ވެކްސިން ޖަހައިފިނަމަ އާއްމު ޙާލަތަށް ރުޖޫއަވުން އަވަސްވާނެކަން އެއެޖެންސީން ވަނީ ފާހަގަކުރައްވާފައެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް އެންމެ ފުރަތަމަ ރާއްޖެ އަށް ވެކްސިން ގެނައީ އަވަށްޓެރި އިންޑިއާ އިންނެވެ. އިންޑިއާ އިން ވަނީ ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް ހަދިޔާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.