އިންޑިޔާގެ ހިންދޫ ތަމަޅައިން ކޮންމެ އަހަރަކުވެސް ފާހަގަކުރާ އެ ދީނުގެ ޢީދެއް ކަމުގައި ޕޮންގާލް ފެސްޓިވަލް މާލޭގައި ހުންނަ ކުޅިވަރު އެކުވެނި ސަރަހައްދުގައި ފާހަގަކޮށްފައިވާ މައްސަލަ ބަލައި ދިނުމަށް އިލްމުވެރިންގެ ގުޅުމުން ގޮވާލައިފިއެވެ.
ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްއަށް އެޑްރެސްކޮށް އިލްމުވެރިންގެ ގުޅުމުން ފޮނުވާފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެކުވެނީގެ ދަނޑުގައި ހިންދޫ ދީނުގެ ބަޔަކު އެބައިމީހުންގެ ދީނީ ޢީދެއް ކަމުގައިވާ ޕޮންގަލް ޢީދު ދުވަސް ފާހަގަ ކުރިކަމުގެ މަންޒަރުތައް ފެތުރި އެކަން އެގޮތަށް ހިނގާފައިވާކަމުގެ އަޑުތައް މުޖުތަމަޢުގައި ފެތުރިފައިވާތީ، އެ މައްސަލަ ތަޙުޤީޤުކުރުމަށް ކަމާބެހޭ އިދާރާތަކަށް ބާރުއަޅުއްވައިދެއްވުމަށާއި އެކަމުގައި ބައިވެރި މީހުންނަށް އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އެޅުމަށް ގޮވާލާކަމަށެވެ.
ދިވެހި ފަސްގަނޑުގައި ޝިރުކުގެ ޢަމަލުތައް އާއްމުކުރުމާއި، އެކަންކަން ފެތުރުމަށް މަސައްކަތްކުރާ އެއްވެސް ބަޔަކަށް އެކަމަށް އެއްވެސް ފުރުޞަތު ނުދިނުމަށްޓަކައި، ޔޫތު މިނިސްޓްރީގެ ދަށުގައިވާ ތަންތަން ރެޖިއުލޭޓު ކުރުމުގައި އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވައި، މޮނިޓަރ ކުރެވޭ ނިޒާމާއި އުޞޫލުތައް ހަރުދަނާ ކުރެވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ބޭރުގެ އެކިއެކި ފަރާތްތަކުގެ އަތުން ބޮޑެތި ޢަދަދުތަކުން ޣައިރު ޤާނޫނީ ފަންޑު ހޯދައިގެން އިސްލާމް ދީނާ މެދު ނަފުރަތު އުފައްދަން އެފަދަ ފަރާތްތަކުން ދޮގު ރިޕޯޓުތައް ލިޔެ އާއްމުކޮށް ރައްޔިތުންގެ އިޙްސާސްތަކާއި ވިސްނުމާ ކުޅޭ ދީނީ ބައިބައިވުން އުފައްދަން މަސައްކަތް ކޮށްފައިވާތަން މިފަހުން ވެސް ވަނީ ފެނިގެން ގޮސްފަ.
– އިލެމުވެރިންގެ ގުޅުމުގެ ބަޔާނުގައިވެއެވެ.
މި ރިޕޯޓުގެ މައްސަލާގައިވެސް މިހާތަނަށް މިކަން ހިންގާފައިވާ ފަރާތްތަކާ ދެކޮޅަށް ދިވެހިން އެކަތިގަނޑެއްގެ ގޮތުގައި ބޮޑެތި ގިނަ މަސައްކަތްތަކެއްކޮށް އަޑުއުފުލާފައިވީ ނަމަވެސް، މިއަދާ ހަމައަށް ވެސް ކަމާބެހޭ ބައެއް އިދާރާތަކުގެ ފަރާތުން އެކަންކަމަށް އެޅުއްވެން ހުރި ގިނަ ފިޔަވަޅުތަކެއް ނޭޅުއްވި ދިގުމުއްދަތެއް ފާއިތުވެގެން ގޮސްފައިވާކަން ވަނީ ފާހަގަ ކޮށްފައެވެ. އިސްލާމީ ދައުލަތެއްގައި އެފަދަ ނޭދެވޭ ޢަމަލުތަކަށް ދެވެންޖެހޭފަދަ އެކަށީގެންވާ ރައްދެއް އިދާރާތަކުގެ ފަރާތުން ދެވިފައިނެތުމުން ރައްޔިތުން އުފުލި އަޑުއުފުލުމުން ނުކުންނަންޖެހޭ އެންމެ އެދެވޭ ނަތީޖާވެސް ލިބިފައެއްނެތްކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޕޮންގާލް އީދަކީ ހިންދޫ ދީނަށް ނިސްބަތްވާ ތަމަޅައިން ތަމަޅަ ކަލަންޑަރުގެ ޓައި މަސް ފެށުމާ ދިމާކޮށް އިހުތިފާލުކުރާ އީދެކެވެ.
ކޮމެންޓު ފޮނުވާ