ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އެމަނިކުފާނުގެ ސަޕޯޓަރުން އައްޑޫ ސިޓީގެ މަގުުތަކުގައި އަޑު އުފުލައިފިއެވެ.
އައްޑޫ ސިޓީ ހިތަދޫގައި މިއަދު ކުރިއަށްދިޔަ މި ހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. ހިނގާލުމުގައި ބައިވެރިވި މީހުންވަނީ ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަން ކުރުމަށާއި، އެމަނިކުފާނަށް ނުހައްގުން ދެމުންދާ އަނިޔާތައް ހުއްޓާލުމަށް ގޮވާލާފައެވެ. އަދި އައްޑޫ ސިޓީގެ ރައްޔިތުންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދި އައްޑޫ ސިޓީގެ ރައްޔިތުންނަށް ސަރުކާރުން އޮޅުވާލާފައިވާކަމަށް އެއްވި މީހުން ވަނީ ބުނެފައެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމަނިކުފާނުގެ ސަޕޯޓަރުން ދޭތެރެ ދޭތެރެއިން ދަނީ އިހުތިޖާޖު ކުރަމުންނެވެ. މިއަދު އައްޑޫ ސިޓީގެ ހިނގާލުމުގައި އެ އަވަށުގެ ޕީޕީއެމްގެ އިސްބޭފުޅުން ވަނީ ބައިވެރިވެފައެވެ. މިހިނގާލުމުގައި އައްޑޫ ސިޓީ ހިތަދޫގެ ޕީޕީއެމް ސްޓިއަރިން ކޮމެޓީގެ ރައީސް، މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އާއި ކައުންސިލަށް ވާދަކުރައްވާ ބޭފުޅުންވެސް ބައިވެރިވެފައިވެއެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ޖަލްސާތަކާއި ބައްދަލުންތައް ބޭއްވުމުގެ ބަދަލުގައި މަގުމަތީގެ ހަރަކާތްތައް އިތުރުވާނެކަމަށް އިދިކޮޅު ކޯލިޝަނުން ވަނި ބުނެފައެވެ. އަދި މި އެއްވުންތަކުގައި ސަރުކާރު ޖަވާބުދާރީކޮށް ޒިންމާދާރު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރާނެކަމަށްވެސް އިދިކޮޅުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ