ރައީސް ޔާމީނަށް ނުހައްގުން ދޭ އަނިޔާއަކަށް، އެމަނިކުފާނުގެ އަދި ޕީޕީއެމްގެ ބިޔަލަޝްކަރުގެ އަޒުމެއް ގުޑުވައެއް ނުލެވޭނެ ކަމުގައި ޕީޕީއެމްގެ ނާއިބް ރައީސް އަދި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ފަހަތްޕުޅުގައި ސާބިތުކަމާއިއެކު މެދު ކެނޑުމެއްނެތި މަސައްކަތް ކުރައްވަމުންދާ ޣައްސާން މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޔާމީން ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުފާނު ކުރުމުން އެހުކުމް ދެމެހެއްޓުމާއި، ގުޅިގެން އިދިކޮޅަށް އަމާޒުކޮށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަތަކަށް ރައްދު ދެއްވަމުންނެވެ. ޣައްސާން ވިދާޅުވީ ރައީސް ޔާމީނަކީ ނުހައްގުން ދޭ އަނިޔާއަކަށް ހިތްވަރުއެލި މާޔޫސް ކޮށްލެވޭނެ ބޭފުޅެއް ނޫންކަމަށެވެ. އެމަނިކުފާނަކީވެސް އަދި އެމަނިކުފާނުގެ ފަހަތްޕުޅުގައި އޮތް ޓީމަކީވެސް މިހެންދެވޭ އަނިޔާއަށް ފަސްޖެހި، އަޒުމް ގުޑުވާލެވޭ ވަރުގެ ބައެއް ނޫންކަމަށް ޣައްސާން ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް އޮތް ތަނުގައިވެސް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެކަމަށެވެ. އަދި އަމާޒަކީ ރައީސް ޔާމީން ޖަލުން މިނިވަންކޮށް އެމަނިކުފާނަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭ ގޮތް ހަދައި، ބޮޑުތަނުން އެމަނިކުފާނަށް އިންތިޚާބު ކާމިޔާބު ކޮށްދެއްވުންކަމަށެވެ.
ރައީސް ޔާމީނަށް ދެވޭ ނުހައްގު އަނިޔާއަކުން، އެމަނިކުފާނުގެ އަދި ޕީޕީއެމްގެ ބިޔަ ލަޝްކަރުގެ ހިތްވަރެއް އެލުވައެެއް ނުލެވޭނެ. އަޒުމެއް ގުޑުވައެއް ނުލެވޭނެ. އިރާދަކުރެއްވިއްޔާ ޖަލުން މިނިވަންކޮށް އެމަނިކުފާނު 2023 ގައި އިންތިޚާބުކޮށް، ވެރިކަމަށް ގެންނާނަން.
– ޣައްސާން ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ ޖަލުހުކުމް ދެމެހެއްޓުމާއި ގުޅިގެން ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ދަނީ އިދިކޮޅު ކޯލިޝަނަށް ނިސްބަތްކޮށް ސޯޝަލް މީޑީޔާގައި ބަހުގެ ހަމަލާތައް ދެމުންނެވެ. އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިދިކޮޅުގެ ސިޔާސީ ހަރަކާތްތައް އިތުވެ މަގުމަތީގެ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވާނެކަމަށެވެ. ސަރުކާރު ޖަވާބު ދާރީކޮށް ޒިންމާދާރު ކުރެވޭނެ ހަމައެކަނި މަގަކީ މަގުމަތިން ސަރުކާރު ބަލިކުންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ހައިކޯޓުން އިއްޔެ ރައީސް ޔާމީންގެ ޖަލު ހުކުމް ދެމެހެއްޓުމަށް ކޮށްފައިވާ ހުކުމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، މިހުކުމުން ދޭހަވެގެންދިޔައީ އަދުލު އިންސާފުގެ ދާއިރާ ސަރުކާރުން ހިސޯރުކޮށްފައިވާ މިންވަރުކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. ރައީސް ޔާމީނަށް އިސްތިއުނާފުގެ ހުކުމް ކޮށްފައިވަނީ އަޑުއެހުންތައް ނިންމާލިތާ 4 މަހަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ.
ކޮމެންޓު ފޮނުވާ