ހައްޤު ބަސް ބުނުމަށް ފަސް ނުޖެހޭނެ ފަނޑިޔާރުން ތިބިކަން އިއްޔެވަނީ ހާމަވެފަ: އާދަމް ޝަރީފް

ހައްޤު ބަސް ބުނުމަށް ފަސް ނުޖެހޭނެ ފަނޑިޔާރުން ތިބިކަން އިއްޔެވަނީ ހާމަވެފަ: އާދަމް ޝަރީފް

Author
މުޙައްމަދު ޝަޒައިމް
22 ޖެނުއަރީ 2021 04:01
0

ހައިކޯޓުގައި އިއްޔެ ކުރިއަށްދިޔަ ރައީސް ޔާމީންގެ ޝަރީއަތުގެ މަޖިލީހުން ރާއްޖޭގައި ހައްޤު ބަސް ބުނުމަށް ފަސް ނުޖެހޭނެ ފަނޑިޔާރުންވެސް ތިބިކަން ހާމަވެގެން ގޮސްފައިވާކަމަށް އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ދަމަހައްޓަން ހައިކޯޓުން ތާއީދުކޮށް ކޮށްފައިވާ ހުކުމުގެ ޝަރީއަތުގެ މަޖިލީހުން ފެނިގެން ގޮސްފައިވާ ކަންކަމަށް އިޝާރާތް ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ އިއްޔެ ފެނިގެންދިޔައީ ނާއިންސާފައި، ނުހައްގުން ކުރާ ކަންކަމުގައިވެސް ހައްގުބަސް ބުނަންކެރޭ ފަނޑިޔާރުންވެސް ތިބެ، ހައްގު ހާމަކޮށްދިންތަން ކަމަށެވެ. އަދި އިއްޔެގެ ޝަރީއަތުގެ މަޖިލީހުން ކްރިމިނަލް ކޯޓުގެ ހުކުމަށް ހައިކޯޓުގެ %33 ނޫނެކޭ ބުނެފައިވާކަން ހާމަވެގެން ގޮސްފައިވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އިއްޔެ އަކީ ޑިމޮކްރަސީ މިނިވަންކޮށް، ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދޭނެކަމަށްވީ ވައުދުގެ ނިވަލުގައި އާއި ކޯލިޝަންގެ މަކަރުވެރި ސޫރަ ހާމަވީ ދުވަސް. ހައްޤު ބަސް ބުނުމަށް ފަސް ނުޖެހޭނެ ފަނޑިޔާރުންވެސް ތިބިކަން ކަށަވަރުވި ދުވަސް. ކްރިމިނަލް ކޯޓުގެ ހުކުމަށް ހައިކޯޓުގެ %33 ނޫނެކޭ ބުނި ދުވަސް.

– އާދަމް ޝަރީފް ވިދާޅުވިއެވެ.

އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީންގެ ޝަރީއަތް ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުގެ ތެރެއިން ފަނޑިޔާރު ހުސެއިން ޝަހީދު ވިދާޅުވެފައިވަނީ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތަކީ ފާސިޤުންކަމަށް ބެލެވޭއިރު، އެދެމީހުންގެ ހެކިބަސް ބަލައިގަނެވޭނެ އެއްވެސް ސަބަބެއް ދައުލަތަށް ދެއްކިފައިނުވާކަމަށެވެ.

ޝަހީދު ވިދާޅުވީ، ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި 1 މިލިއަން ޑޮލަރުގެ މައްސަލާގައި، ރައީސް ޔާމީން އަމަލުކުރެއްވި ގޮތުން، އެކަމުގައި ނުބައި ނިޔަތެއް ނެތްކަން އެނގޭކަމަށެވެ. ފަނޑިޔާރު ވިދާޅުވީ، ރައީސް ޔާމީން އަމިއްލަފުޅަށް އެދިވަޑައިގެން އެސްކްރޯ އެކައުންޓެއް އުފައްދަވައި އެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރެއްވުމުން އެމަނިކުފާނުގެ ނުބައި ނިޔަތެއް ނެތްކަން އެނގޭކަމަށެވެ.

ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ދަމަހައްޓަން ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ. ހައިކޯޓުންވަނީ ރައީސް ޔާމީނުގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމުގައި ބެލެވޭނެ ފަދަ ހާލަތެއް އޮތުމާއެކު މަނީ ލޯންޑަރިންގެ ކުށުގެ ފުރަތަމަ އުންޞުރު ފުރިހަމަވެފައިވާ ކަމަށް ހުށަހަޅާފައިވާ ހެކީގެ އަލީގައި ސާބިތުވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.