ކޯވިޑްގެ ބަލިމަޑުކަމަށްފަހު ރާއްޖޭގެ ފަތުރުވެރިކަން އަލުން އިޔާދަކުރުމުގެ މަސައްކަތްކުރާއިރު އަހަރުގެ ފުރަތަމަ 3 ހަފްތާގައި ރާއްޖެއައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 48.5 އިންސައްތަ ދަށެވެ.
މިއަހަރުގެ ފުތަރަމަ 3 ހަފްތާ އިއްޔެގެ ނިޔަލަށް ހަމަވެފައިވާއިރު އިއްޔެއާ ހަމައަށް ރާއްޖެއަށް އައިސްފައި ވަނީ 60،581 ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މި ދިޔަ އަހަރުގެ މި މުއްދަތުގައި 117،649 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ދުވާލެއްގެ މައްޗަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ އެވްރެޖްކޮށް 2،885 ގައެވެ. އަދި މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ 3 ވަނައަށް ވީ އާދީއްތަ ދުވަހުއެވެ. އެއީ 4،195 ފަތުރުވެރިންނެވެ.
މި އަހަރުގެ ފުރަތަމަ ދުވަހުންފެށިގެން މިހާތަނަށްވެސް ރާއްޖެއަށް އެންމެގިނައިން އައީ ރަޝިޔާއަށް ނިސްބަތްވާ ފަތުރުވެރިންނެވެ. ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ބުދަދުވަހުގެ ނިޔަލަށް ރަޝިޔާއަށް ނިސްބަތްވާ 13،880 ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައެވެ. ދެވަނައަށް އެންމެގިނައިން ރާއްޖެއަށް އައީ އިންޑިއާއަށް ނިސްބަތްވާ ފަތުރުވެރިންނެވެ. އެގައުމުން މިދިޔަ ބުދަދުވަހުގެ ނިޔަލަށް 10،623 ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއައި އެންމެ ގިނަ ފަތުރުވެރިން ނިސްބަތްވާ ގައުމުތައް:
1 ރަޝިއާ – 13،880
2 އިންޑިއާ – 10،623
3 ޔޫކްރައިން – 5،020
4 ކަޒަކިސްތާން – 3،023
5 ފްރާންސް – 2،252
6 ރޯމޭނިއާ – 2،242
7 ޖަރުމަން – 2،070
8 އިނގިރޭސި ވިލާތް – 1،900
9 އެމެރިކާ – 1،312
10 ސްވިޓްޒަލޭންޑް – 1،072
މިއަހަރުގެ މިހާތަނަށް ރިސޯޓުތަކާއި ޓޫރިސްޓް ހޮޓާތަކާއި ގެސްޓް ހައުސް ތަކުގެ އިތުރުން ސަފާރީ ތައް ހިމެނޭހެން ޖުމްލަ 594 ޓޫރިސްޓް ފެސިލިޓީ ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. މި ހުރިހާ ޓޫރިސްޓް ފެސިލިޓީއެއް އެއްކޮށް 42،776 ޓޫރިސްޓް އެނދު މިހާރު ވަނީ ހިދުމަތަށް ނެރެވިފައި ވާކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައިވަނީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށެވެ. މީގެ އިތުރުން 2021 ވަނަ އަހަރު ނިމުމާއެކު ރާއްޖެއިން ކުރިމަތިލާނީ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރާއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރޭނީ 2022 ވަނަ އަހަރުއެވެ.
ކޮމެންޓު ފޮނުވާ