ޖަޒީރާ ދިރިއުޅުމަކީ އުފަލުގައި ދިރިއުޅުމަށް ވާންޖެހޭ ކަމަށާއި، ޖަޒީރާ ދިރިއުޅުމުގައި ހާލުގައި ދިރިއުޅެންޖެހޭ ޖެހުން ބަދަލު ކުރަންޖެހޭ ކަމުގައި އައްޑޫސިޓީގެ މޭޔަރުކަމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް މިހާރުވެސް ހުރި ބޮޑެތި ކަންބޮޑުވުން ފާހަގަކޮށް އަލީ ނިޒާރު ވިދާޅުވީ މިއަދުވެސް ފެނިގެންދަނީ ރާއްޖޭގެ އަތޮޅުތަކާއި، ރަށްތަކަށް އަންނަންޖެހޭ ތަރައްޤީ ގެނައުމުގައި ބޯދާ ވިސްނުންކަމަށެވެ. މިއަދުވެސް އަތޮޅުތަކުން ފެންނަން އޮތް ކަމަކީ އުމުރުން ދުވަސްވުމުން ލިބޭ ޕެންޝަނާއިއެކު މާމައާއި، ކާފަ ރަށުގައި އުޅުނަސް، ޒުވާންވެ ބޮޑުވަމުންދާ ކުއްޖާ ފުރަމާލެއަށް ގޮސް މާލޭގައި ދިރިއުޅެން މަޖުބޫރު ވެފައިވާ މަންޒަރުކަމަށެވެ. މިއީ ޖަޒީރާ ދިރިއުޅުމުގެ ސިފައެއް ނޫންކަމަށާއި، މިސިފަ ބަދަލުވާންޖެހޭކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ.
ޕެންޝަނާއިއެކު މާމައާއި، ކާފަ ރަށުގައި މަޑުކުރިޔަސް ކިޔަވާ ނިމޭ ކުއްޖާގެ މުސްތަގުބަލު ރަށުން ފެންނާކަށް ނެތް. އަތޮޅުންވެސް ފެންނާކަށް ނެތް. އެ މަންޒަރު އެފެންނަނީ މާލެ އިން. ޖަޒީރާ ދިރިއުޅުމަކީ އުފަލުގައި ދިރިއުޅުމަށް ވާންޖެހޭ. ހާލުގައި ދިރިއުޅުމެއްނޫން.
– އަލީ ނިޒާރު ވިދާޅުވިއެވެ.
އަލީ ނިޒާރު ވިދާޅުވީ އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ސާފު ބޯފެނާއި، ނަރުދަމާނެ ނިޒާމާއި، ބަނދަރުތައް ހެދުމަކީ ދިރިތިބުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއްކަމަށެވެ. ނަމަވެސް އެއީ ދެމި ތިބުމަށް އޮތް ހައްލެއް ނޫންކަމަށެވެ. އަތޮޅުތަކަށް އިދާރީ ދާއިރާތައް ހިންގުމަށާއި، އިދަރީ ގޮތުން ލިބެންޖެހޭ މިނިވަންކަން ނުލިބޭހާ ހިނދަކު ރާއްޖޭގެ ރަށްތަކަށާއި، އަތޮޅުތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
ތޮށިލުމާއި، ނަރުދަމާއެއީ، ދިރިތިބުމަށް ކުރަންޖެހޭ ކަމެއް. ދެމި ތިބުމަށް އޮތް ހައްލެއްނޫން. އެއްފަސް ކަރުމާއި އާމްދަނީގެ ހިއްސާ އަދި އިދާރީ މިނިވަންކަން އަތޮޅުތަކަށް ނުލިބޭނަމަ އަތޮޅަށް ވިހޭ ކުއްޖާ ބޮޑުވެ އެތާ ކުރަންޖެހޭ ޖެހޭ ސަބަބެއް ނެތް. އަތޮޅުތަކަށް އޮތް ސިޔާސަތުތައް ބަދަލު ނުކޮށްފިނަމަ ކުރިއަށް އޮތް 50 އަހަރު ތެރޭ ރާޢްޖޭގެ %50 ރަށްތައް ފަޅުވާނެ ކަމުގެ ބިރުއެބައޮތް. ރާއްޖޭގެ އާމްދަނީ %75 މާލެ ސަރަހައްދަށް ޚަރަދުކޮށް އަތޮޅުތަކުގެ އިޤްތިޞާދަށް ޕްލައިންތަކެއް ނެތި ދިއުމަކީ ނުރައްކާތެރިކަމެއް.
– އަލީ ނިޒާރު ވިދާޅުވިއެވެ.
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނަށް ބޮޑެތި ބަދަލު ގެނެސް ރަށްރަށުގެ ކައުންސިލްތަކަށް ރަށުގެ ބާރުވެރިކަން ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ނަމަވެސް މި ނިންމުން ލަސްވެ ތަންފީޒު ކުރުމުގެ ބާރުވެރިކަން އަތޮޅުތެރޭގެ ރަށްތަކަށް ނުލިބިދާކަމީ އެރަށްތަކުގެ ރައްޔިތުންގެ އެންމެބޮޑު ޝަކުވާއެވެ. އަދި އިންތިޚާބު ލަސްވެ ފަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުންވެސް ގިނަ ކެންޑިޑޭޓުންނާއި، ރައްޔިތުން ދަނީ ފާޅު ކުރަމުންނެވެ. އިންތިޚާބު ލަސްކުރުމަށް އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވާހަކަ ދެއްކެވުމުން އަލީ ނިޒާރުވަނީ މަޖިލިސް އަހަރަކަށް މެދު ކަނޑާލާއިފައި ނަމަވެސް އިންތިޚާބު ބޭއްވުމަށް ގޮވާލާފައެވެ. އަލީ ނިޒާރަކީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ނުހަނު ބާރު އަޅުއްވައި އެކަމަށް އަބަދުވެސް ވަކާލާތު ކުރައްވަމުްދާ ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ